އެޕްރީލް މަހުގެ ހަމަލާ ބަދަލުކުރުން މެދުކަނޑާލުމުގެ އެއްބަސްވުމަށް ފަހު ދިގު މުއްދަތުގެ އެއްބަސްވުމަކަށް ވާސިލުވުމަށް ކުރެވޭ މަސައްކަތްތަކުގައި، އީރާނުގެ ރޫހާނީ ލީޑަރު މުޖުތަބާ ހާމަނައީ ކުރިއަށް ވުރެ ހަރަކާތްތެރި އަދި އިސް ދައުރެއް އަދާކުރައްވަމުން ގެންދަވާ ކަމަށް ބެލެވޭ ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ރޭ ވިދާޅުވެއްޖެ އެވެ.
ސެނެޓްގެ ފޮރިން ރިލޭޝަންސް ކޮމިޓީގައި ވާހަކަދައްކަވަމުން ރޫބިއޯ ވިދާޅުވީ، ހާމަނައީ ވަކި ފަންތިއެއްގައި ބައިވެރިވުން އިތުރުކުރައްވަމުން ގެންދަވާ ކަމުގެ ނިޝާންތައް ފެންނަން ހުރި ކަމަށެވެ. ނަމަވެސް އޭނާގެ މުއާމަލާތްތައް ކުރިއަށްގެންދަވަނީ ލިޔުމުން އަދި މެދުވެރިންގެ ޒަރީއާއިން ކަމަށް ރޫބިއޯ ފާހަގަކުރެއްވި އެވެ.
ރޫބިއޯ މިހެން ވިދާޅުވެފައި މިވަނީ، ފެބްރުއަރީ މަހު ފެށުނު ހަނގުރާމަ ހުއްޓާލުމަށް އަމާޒުކޮށް އެމެރިކާއިން ހުށަހަޅާފައިވާ އެންމެ ފަހުގެ ހުށަހެޅުން އީރާނުން ދިރާސާކުރަމުންދާ ދަނޑިވަޅެއްގަ އެވެ. އީރާނުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެމެރިކާއިން ހަމަލާ ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފުވަމުންދާ ކަމަށް ބުނެ އުފެދިފައިވާ ކަންބޮޑުވުންތަކާ ހެދި، ތެހެރާނުން އަދިވެސް ދަނީ އެ ހުށަހެޅުން ދިރާސާކުރަމުންނެވެ. އަދި ވޭތުވެދިޔަ މަދު ދުވަސްކޮޅެއްގެ ތެރޭގައި ވޮޝިންޓަނާ އެކު އެއްވެސް މުއާމަލާތެއް ކޮށްފައެއް ނުވެ އެވެ.
ނަމަވެސް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މަޝްވަރާތައް ހުއްޓިފައިވާ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރައްވައި ވާހަކަތައް ކުރިއަށްދާ ކަމަށް ވިދާޅުވެފަ އެވެ.
"އަޅުގަނޑުމެންގެ މެދުގައި ވާހަކަތައް މެދުކެނޑުމެއްނެތި ކުރިއަށްދޭ. ކޮންމެވެސް އެއް ގޮތަކުން އެއްބަސްވުމަކަށް އަންނަންވީ ވަގުތަކީ މިއީ،" ޓްރަމްޕް ލިޔުއްވާފައިވެ އެވެ.
ރޫބިއޯ ވަނީ އެމެރިކާގެ މައިގަނޑު ޝަރުތުތައް ހާމަކުރައްވާފަ އެވެ. އެގޮތުން އީރާނުން ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލަންޖެހޭނެ ކަމަށާ އަދި އެ ގައުމުގައި ރައްކާކޮށްފައި ހުރި މުއްސަނދިކޮށްފައިވާ ޔުރޭނިއަމްގެ ރިޒާވްއާ މެދު މަޝްވަރާތަކަށް އަންނަންޖެހޭނެ ކަމަށް ވިދާޅުވި އެވެ. އޭނާ ބާރުއަޅުއްވައި ވިދާޅުވީ، ހަމައެކަނި ކަނޑުގެ މަގު ހުޅުވާލުމަކުން ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުޔެއް ނުލިބޭނެ ކަމަށާއި އެފަދަ ލުއިތަކެއް ދެވޭނީ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ މެދު ބޮޑެތި ކުރިއެރުންތަކެއް ހާސިލުވުމުން ކަމަށެވެ.
މިދަނޑިވަޅުގައި، އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ)ގެ ވެރިޔާ ރަފައެލް ގްރޮސީ ވިދާޅުވީ، އީރާނުން ގިނަ ނިއުކްލިއާ ހަރަކާތްތަކެއް ހުއްޓާލާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެވޭ ކޮންމެ އެއްބަސްވުމެއްގައި ވެސް ވަރުގަދަ ކަށަވަރުކުރުންތަކާއި މޮނިޓާކުރުމުގެ ފިޔަވަޅުތައް ހިމަނަންޖެހޭނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
ލުބުނާނުގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން މި މަޝްވަރާތައް އަދިވެސް އޮތީ ވަރަށް ބޮޑަށް އޮޅުންބޮޅުންވެފަ އެވެ. އީރާނުގެ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގާލީބާފް އިންޒާރު ދެއްވާފައިވަނީ، ލުބުނާނުގައި އިޒްރޭލުގެ އަސްކަރީ ހަރަކާތްތައް ކުރިއަށްދާ ނަމަ، ތެހެރާނުން މަޝްވަރާތައް ހުއްޓާލައި ދުޝްމަނާ އެކު ސީދާ ކުރިމަތިލުމަކަށް މިސްރާބު ޖަހާފާނެ ކަމަށެވެ.
ރޫބިއޯ އިތުރަށް ވިދާޅުވީ، މަޝްވަރާތަކުގައި ކުރިއެރުންތަކެއް ލިބި، އީރާނުގެ ނިއުކްލިއާ ޕްރޮގްރާމުގެ ފުޅާ ދާއިރާތަކަކާ މެދު މިހާރު ވާހަކަދެކެވެމުންދިޔަ ނަމަވެސް، މީގެ ސަބަބުން އެންމެ ފަހުން ބަލައިގަނެވޭނެ ފަދަ އެއްބަސްވުމަކަށް ވާސިލުވެވޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތް ކަމަށެވެ.
މަޝްވަރާތަކުގައި އީރާނުގެ ރޫހާނީ ލީޑަރު މިހާރު އިސް ދައުރެއް އަދާކުރައްވާ: ރޫބިއޯ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ