އިޤުރާރުވީމޭ ލޯބިން - 37

"ރޭގަނޑު އަށްގަޑި ބައިވީއިރު ލަޔާލީއާ އޭނާގެ ޢާއިލާ "މޭޕަލްވިލާ" އަށް އަތުވެއްޖެއެވެ. އެ މީހުންނަށް މަރުޙަބާ ކިޔަން އެންމެ ކުރީގައި ތިބީ މުރާދާ ބަސްމާއެވެ. ލަޔާލީ ފެނުމާއެކު ބަސްމާގެ މޫނުމަތީގައިވި ހިނިތުންވުން ފުޅާވިއެވެ. އަޔާޝް އެ ހޯދީ އޭނާ އުންމީދުކޮށްގެން ހުރި ފަދަ އަންހެން ކުއްޖެއްކަން ފުރަތަމަ ފެނިލުމުން އެކަނިވެސް ބަސްމާއަށް ޔަޤީންކުރެވިގެން ދިޔައެވެ. ކްރީމްކުލައިގެ ދޫ ހެދުމަކާއި ދޫ ހަރުވާޅެއްގައި ލަޔާލީ ހުރިއިރު އޭނާ ހުރީ ބުރުގާ އަޅާފައެވެ. މޫނުމަތިން ފެންނަނީ ލަދުވެތިކަމާއި ހިނިތުންވުމެކެވެ. އަޔާޝްއާ ލަޔާލީއާ ދެމީހުން އަވަސް ނަޒަރެއް ބައްދަލުކުރި މަންޒަރާއި، އެ ދެ ޒުވާނުންގެ މޫނުމަތިން ފެނުނު ހިނިތުންވުމުން، ބަސްމާގެ ހިތަށް ވެސް ފިނިކަން ގެނެސްދީފިއެވެ. އެންމެ ފުރަތަމަ އެންމެން ދިޔައީ ކާކޮޓަރިއަށެވެ. ސުފުރާމަތީގައި އަތުރާލާފައިވާ ކާތަކެތީގެ މީރު ވަހުން މުޅި ތަން ވަނީ އެއްވަސް ކޮށްލާފައެވެ. ދެ ވައްތަރެއްގެ ބަތާ ސެލެޑެއްގެ އިތުރުން، ޖޫހާއި މޭވާ ވެސް ހުއްޓެވެ. ކުކުޅާއި ފަރާޓާ ވެސް މެއެވެ. ކެއުމަށް އިންސާފުކުރަން ފެށުމާއެކު، ދެ ޢާއިލާގެ ވާހަކަތައް އެކަކު އަނެކަކާ ހިއްސާކުރެވެން ފެށިއެވެ. ލަޔާލީގެ މަންމަ ސާދުނާއާ، ބައްޕަ ލުޠުފީއާ ދެމީހުން ވެސް ވީ، ހިތްހެޔޮ ބަޔަކަށެވެ. އެމީހުންނަކީ ވެސް މާލޭގައި ވިޔަފާރިކުރާ ބަޔެކެވެ. މީގެ ކުރިން ލުޠުފީ މަސައްކަތްކުރީ ސިވިލް ސާރވެންޓެއްގެ ގޮތުގައި ސަރުކާރުގެ އޮފީހެއްގެ އިސްމަޤާމެއްގައެވެ. އެހެން ނަމަވެސް، އުމުރުން ފަންސާސް ފަސް އަހަރުވުމުން އާރލީ ރިޓަޔަރމެންޓުގެ ދަށުން ވަޒީފާއިން ވަކިވެ އޭނާ މިހާރު ދަނީ އިމްޕޯޓް އެކްސްޕޯޓްގެ ވިޔަފާރި ކުރަމުންނެވެ. މާލޭގައި ލުޠުފީގެ ގެއެއް ހުރެއެވެ. ސާދުނާއަކީ ރާއްޖެ ތެރެއަށް ނިސްބަތްވާ އަންހެނެއް ނަމަވެސް، ލުޠުފީއާ ކައިވެނިކޮށްގެން އޭނާ މާލެ ބަދަލުވީއެވެ. އޭގެ ފަހުން ރަޖިސްޓްރީ މާލެއަށް ބަދަލުކޮށްގެން ދިރިއުޅެމުން ދިޔައީ މާލޭގައެވެ. އެމީހުންގެ ވެސް ލަޔާލީގެ އިތުރުން، އިތުރު ކުއްޖަކު ނުހުރެއެވެ. ދޭތެރެ ދޭތެރެއިން ރަށަށް ދެވުނު ނަމަވެސް، ދެވެނީ ޙާލަކުން ފަހަރެއްގައެވެ. މިހާރު ރަށުގެ ގިނަ މީހުންނަށް ވެސް އެއީ ކާކުކަމެއް ނޭނގޭނެއެވެ. ކެއުމަށްފަހު، ސިޓިން ރޫމުގައި ދެ ޢާއިލާ މަޑުކޮށްލިއެވެ. ކައިވެނީގެ ވާހަކަތައް ދެކެވެން ފެށުނީ ދެނެވެ. އަޔާޝްއާ ލަޔާލީ އިރުއިރުކޮޅަކާ އެކަކު އަނެކަކަށް ބަލައިލިއެވެ. މަންމަމެން ވާހަކަ ދައްކާތީ އެމީހުން އެއްޗެއް ނުބުނެ މަޑުކޮށްލިއެވެ. ޒަހްރާނާ އީލާފްއާ ދެމީހުން ވެސް އެތަނުގައި ތިއްބެވެ. "ކައިވެނީގެ ތާރީޚު ކަނޑައަޅަން ވާހަކަ ދައްކާއިރު، ކައިވެނި ކުރެވޭ ދެ ކުދިންގެ ޚިޔާލެއް ހޯދާލުން ވެސް މުހިންމު ވާނެތާ..." މުރާދު ބުންޏެވެ. އެކަމުގައި އަޔާޝްއާ ލަޔާލީގެ ނިންމުން އަޑު އަހަން އޭނާ ބޭނުމެވެ. އެއީ މުހިންމުކަމެއް ކަމުގައި، އޭނަ ދެކޭތީއެވެ. "އަޅުގަނޑުމެން ބޭނުންވަނީ މި މަސް ތެރޭގައި ކައިވެނިކުރަން." މީގެ ކުރިން ވެސް އަޔާޝްއާ ލަޔާލީ ވަނީ އެކަމާ ބެހޭގޮތުން ވާހަކަ ދައްކާފައެވެ. އެހެންކަމުން އަޔާޝް އެމީހުންގެ ނިންމުން ހާމަކޮށްލިއެވެ. "ހުރިހާކަމެއް އެހާ އަވަހަށް ނިންމަން އުނދަގުލެއް ނުވާނެތަ؟" ސާދުނާއަށް ބުނެވުނެވެ. "ނޫނޭ. މައްސަލައެއް ނޫން. ދަރިފުޅުމެން ނިންމާފަ އޮތީ ކޮން ގޮތަކަށް؟" މުރާދު އަނެއްކާވެސް އަޔާޝްމެންނަށް ބަލައިލިއެވެ. "ޑެކަރޭޝަންއާ ބެކްޑްރޮޕް މިކޮޅުގެ ބަޔެއް ލައްވާ ހަދާގޮތަށް. ދެން ވެނިއު ހުޅުމާލޭގެ ހޮޓެލްގެ ބެންކުއެޓް ހޯލްގައި ބާއްވާގޮތަށް." އަޔާޝް ބުނެލީ އެމީހުންގެ ކުންފުނިން ދާދި ފަހުން ހުޅުމާލޭގައި ތަރައްޤީކުރި ފައިވް ސްޓާރ ހޮޓެލެއްގެ ވާހަކައެވެ. އެތަނުގެ ނަމަކީ "ދަ ވިއު" އެވެ. އެއީ ހުރިހާ ގޮތަކުން ވެސް ފުރިހަމަ ހޮޓެލެކެވެ. "ވެޑިން ޑްރެސްއާ އެއްޗެހި ބޭރުން އޯޑަރުކުރަން ވެގެން ބެލީ. އެކަމަކު ލަސްވާނެތީ މިކޮޅުން ފަހާގޮތަށް." ލަޔާލީ ވެސް އިތުރު ކޮށްލިއެވެ. އެފަދަ މަޝްވަރާތަކަކަށްފަހު، އެންމެފަހުން ކައިވެނީގެ ތާރީޚު ކަނޑައެޅިއްޖެއެވެ. ބަރާބަރު ދެ ހަފްތާ ވާ ދުވަހަށް ކައިވެނި ކުރަން ނިންމުނެވެ. އެންމެންވެސް އެންމެ ކަންބޮޑުވީ، ކައިވެނީގެ ހެދުމާ އެއްޗެހި ނުނިމިދާނެތީއެވެ. އެހެންނަމަވެސް އެކަން ވެސް އެންމެ ފަހުން ހައްލު ވެއްޖެއެވެ. ލަޔާލީ ވަނީ ބަޔަކާ އެކަމާ މަޝްވަރާކޮށްފައެވެ. ތަންކޮޅެއް ގިނައިން ފައިސާ ނެގިއެއްކަމަކު، ހަފްތާއެއްހާ ދުވަހުގެ ތެރޭގައި، ހުރިހާކަމެއް ނިންމަދޭނެކަމަށް އެމީހުން ވަނީ ބުނެފައެވެ. ޕާޓީގެ ތީމަކަށް، ނެގުނު ކުލައަކީ ވަޅުފެހިކުލައެވެ. ފިރިހެނުންނަށް ހުދު ގަމީހާ ކަޅު ފަޓްލޫނެވެ. އެހުރިހާ މަޝްވަރާތަކަށް ފަހު، ދާންވެގެން ލަޔާލީގެ ޢާއިލާ ތެދުވި ވަގުތު، އަޔާޝް ލަޔާލީއާ ކައިރިއަށް ޖެހިލިއެވެ. ލަޔާލީ އޭނާއާ ހަތަރު ކަޅި ހަމަނުކުރާކަން ފާހަގަކުރެވެމުން ދިޔައީތީއެވެ. "އަދިވެސް ހާދަ ލަދުންނޭ ތިހުރީ؟" އަޔާޝް ބުނެލިއެވެ. "ދެން އަޔާ..." އޭނަގެ ކަންފަތް ދޮށަށް ގުދުވެލައިގެން އަޔާޝް ހުންނަން ފެށުމުން، ލަޔާލީއަށް އެންމެނަށް ބަލައިލެވުނެވެ. މީހަކަށް ފެނިދާނެތީ އޭނަ ހާސްވިއެވެ. "ސީ ޔޫ... ލަވް ޔޫ..." އެވަގުތު ކޮޅު ވެސް އަޔާޝް ސަމާސާއެއް ކޮށްލިއެވެ. ތުންފަތުގައި ދަތް އަޅައިލި ލަޔާލީ ސާދުނާއާ އެކީ ގޮސް ނުކުމެއްޖެއެވެ. އެހާ ފަސޭހައިން ހުރިހާކަމެއް ނިމުމުން އަޔާޝްގެ ތުންފަތް މައްޗަށް ވެސް ވެރިވެފައިވަނީ ހިނިތުންވުމެކެވެ. އެ ޢާއިލާއާ މެދު މުރާދު ހިތްހަމަޖެހުނެވެ. ބަސްމާ ވެސް މެއެވެ. އެ ކައިވެންޏާ މެދު އެއްވެސް އިއުތިރާޒެއް ދެމީހުން ކުރެ އެކެއްގެ ވެސް ނެތެވެ. އަޔާޝްގެ ހޮވުން ހުރިހާ ގޮތަކުން ވެސް ފުރިހަމަ ވާނެކަން އެމީހުންނަށް އެނގެއެވެ. އޭރު ގަޑިން އެގާރަ ޖަހައިފިއެވެ. ބަސްމާއާ މުރާދާ ދެމީހުން، އެތަނުން ދިޔުމުން ޒަހްރާން އަޔާޝްގެ ކޮނޑުގައި އޭނާގެ ކޮނޑުން ޖަހައިލިއެވެ. "ދެން ތިކަންތައް ވެސް ވީނު ތިޔަ." އޭނަ އަޔާޝްއާ ދިމާކޮށްލިއެވެ. "އައި ކާންޓް ވެއިޓް ފޯރ ދި ވެޑިންގ." އީލާފް ބުނެލިއެވެ. އޭނަ ހީވަނީ އުފަލުން އުދުއްސައިގަތްފާނެހެންނެވެ. "ހެދުން ފަހާނެ ގޮތުގެ ޑިޒައިންތައް ވެސް ބަލަން ޖެހޭނެ." "އަދި ހަމަ ޖެހޭ އީލު...." ޒަހްރާނަށް ބުނެވުނެވެ. އޭނާގެ ތުންފަތް މަތީގައިވަނީ ހިނިތުންވުމެކެވެ. އީލާފް އެތަނުން ދިޔުމުން ޒަހްރާން އަޔާޝްއާ އެކު ނުކުމެލީ ހާމަ ފެންޑާއަށެވެ. "ދޮންބޭ...." އޭނަ ގޮވައިލިއެވެ. "ހޫމް..." އަޔާޝް ބުނެލިއެވެ. "އަހަރެން... އަހަރެން ބޭނުން ބައްޕަ ކައިރީގަ އައިރާގެ ވާހަކަ ބުނަން." ޒަހްރާން ބުނެލިއެވެ. "އައިރާގެ ވާހަކައޭ؟" އަޔާޝްއަށް ބުމަ އަރުވައިލެވުނެވެ. "ހޫމް. އަހަރެން ބޭނުން އައިރާއާ މެރީކުރަން." ޒަހްރާންގެ ވާހަކަ ހުރި ގޮތުން އަޔާޝްއަށް ހައިރާންކަމެއް ލިބިގެން ދިޔައެވެ. ސުވާލުކުރަން ބޭނުންވެގެން އަނގަ ހުޅުވައިލި ވަގުތު ޒަހްރާން ވާހަކަ ދައްކައިފިއެވެ. "އެނގޭ ދޮންބެގެ ހިތުގަ ބައިވަރު ސުވާލު އުފެދޭނެކަން. އައިރާ، އައިރާ ވެސް މިގުޅުމަށް އެއްބަސް ވެއްޖެ!" ޒަހްރާން އެހެން ބުނެލިއިރު، އޭނަގެ އަޑުން އުފާވެރިކަން ފާޅުވަމުން ދިޔައެވެ. ލުއި ހިނިތުންވުމެއް ވެސް އޭނަގެ ތުންފަތް މަތީގައި ދުވެލިއެވެ. އަޔާޝްއަށް ވެސް ހިނިތުންވެވުނެވެ. އައިރާގެ ސަބަބުން ޒަހްރާނަށް އަންނަމުން ދިޔަ ބަދަލުތައް އެންމެ ގާތުން ދުށީ އޭނާއެވެ. އައިރާއަކީ ކޮންމެ ފަދަ ކުއްޖަކަށް ވި ނަމަވެސް، އޭނަ އެ ގުޅުމާ ޤަބޫލެވެ. ނުތަނަވަސް ވަނީ ހުރިހާކަމެއް އެނގުމުން ބައްޕަމެން ވިސްނާނެ ގޮތެއް ނޭނގޭތީއެވެ. "އަހަރެން އައިރާ ދެކެ ވަރަށް ބޮޑަށް ލޯބިވޭ..." ޒަހްރާންގެ ދުލުން ނުކުންނަމުން ދިޔަ ކޮންމެ ލަފުޒަކުން ހާމަވަމުން ދިޔައީ އޭނަ އައިރާ ދެކެ ވާ ލޯތްބެވެ. އެ ހިތް އައިރާއަށް އެ ދެމުން ދާ ވަރެވެ. އެ ލޯތްބަށް ބޭޤަރާރުވެފައިވާ މިންވަރެވެ. "ދޮންބެއަށް އެނގޭ ތިކަން. ރެންއަށް އަންނަމުން ތިދާ ބަދަލުތަކުން އެކަނިވެސް..." އަޔާޝްގެ ހިނިތުންވުން ފުޅާވެގެން ދިޔައެވެ. "އެކަމަކު ދޮންބެއަށް ފެންނަނީ ކައިވެނި ކުރެވެންދެން މަޑުކޮށްލަން." "އަހަރެން ވެސް މި ވިސްނަނީ ތިހެން." ޒަހްރާންވެސް އޭނާގެ ޚިޔާލެއް ފާޅުކުރިއެވެ. އިރުކޮޅެއްގެ ހިމޭންކަމެއް ފާއިތުވެގެން ދިޔައެވެ. "މަންމައާ ވާހަކަ ދައްކާލަބަ ރެން. ރެން ޤަބޫލުކުރަން ބޭނުން ނޫނަސް، ތިގޮތަށް ވެސް ރެން މިގެއަށް ވަދެލާތީ އެކަމާ އެންމެ އުފާވެފައި ހުންނަނީ މަންމަ. އަބަދު އެ ދެލޮލުން ފެންނަ ގިލްޓް ކޮންމެވެސް ވަރަކަށް ފަނޑުވީ ރެން މިގެއަށް އަންނަން ފެށި ހިސާބުން. މަންމަ އަކީ ރެން ތި ހީކުރާހާ ގޯސް މީހެއް ނޫން. ހަޤީޤަތުގައި އެއީ އަހަރެމެން އެންމެނަށް ލިބުނު ނަސީބެއް." އަޔާޝް ޒަހްރާނަށް ނަޞޭހަތްތެރިވިއެވެ. އެހެންޏާ އެކަމާ ނުރުހިގެން ވާހަކަ ދައްކާ ޒަހްރާން މިރޭ ޚިޔާރުކުރީ ހިމޭންކަމެވެ. އޭނާ އެއްޗެއް ނުބުންޏެވެ. އަޔާޝްއަށް އިތުރަށް ވާހަކަ ދައްކަން ހިތްވަރު ލިބިގެން ދިޔައެވެ. "މަންމަ ހުންނަނީ އަބަދު އަމިއްލަ ނަފްސު ކުށްވެރި ކޮށްލަކޮށްލާ. މަންމަ ހީކުރަނީ މަންމަ ބައްޕަގެ ޙަޔާތަށް އައުމަކީ ހެދުނު މިސްޓޭޓެކޭ. އާއިލާއެއް ރޫޅާލެވުނު އިޙްސާސް މަންމައަށް ކުރެވެނީ އެހެންވެ. މަންމަ ދުވަހަކު ވެސް އަހަރެންގެ ކުރިމަތީގައި ނުރޮއި. އެކަމަކު މިފަހުން އެއް ދުވަހު ރުއި. ބޯ ހަރުކަން ދޫކޮށްލާ ރެން. މިހާރު ކިތައް އަހަރު ފާއިތު މިވީ. ހިތުގަ ތިގޮތަށް ނަފްރަތު ބާއްވައިގެން އުޅުމަކީ ރަނގަޅުކަމެއް ނޫން. ވަގުތު ފާއިތުވެދާނެ. އޭރުން މާ ދެރަވާނެ. މަންމަކުރީ މާފު ހައްޤު ނުވާވަރު ކުށެއް ނޫނެއްނު. ބައްޕަ ވެސް." އަޔާޝް ވާހަކަ ދެއްކިއެވެ. ޒަހްރާން ހަމަ އެ ހުރި ގޮތަށް ހުރީއެވެ. އެވަގުތު އަޔާޝްގެ ފޯނު ރިންގުވުމުން އޭނަ ދުރަށް ޖެހިލިއެވެ. ޒަހްރާން އައިރާއަށް މެސެޖުކޮށްލިއެވެ. ޓެރެސްއިން އޭނާއާ ބައްދަލުކޮށްލުމަށް އެދިފައެވެ. އެއަށްފަހު އޭނާ އެރީ ޓެރެސްއަށެވެ. އެތަނުގައި ހުންނަތާ އިރުކޮޅެއް ފާއިތުވީ ފަހުން، އައިރާ އަތުވެއްޖެއެވެ. އާދައިގެ ކަޅު އަބާޔާއަކާއި ކަޅު ބުރުގަލެއް އަޅާފައި ހުއްޓެއްކަމަކު، އޭނާގެ ރީތިކަން ފަނޑެއް ނުވެއެވެ. ޒަހްރާންގެ ތުންފަތް މައްޗަށް އައިރާ ފެނުމާއެކު ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ލަސް ފިޔަވަޅުތަކެއްގައި ޒަހްރާންގެ ކައިރިއަށް އައިސް ހުއްޓުނު އައިރާ ރެއިލިންގައި އަތް އަޅުވައިލިއެވެ. ޒަހްރާން ވެސް ރެއިލިންގެ ދަގަނޑުގައި ބުރަކަށި ޖައްސައިލައިގެން އައިރާއަށް ބަލަހައްޓާލައިގެން ހުއްޓެވެ. "ދޮންބެގެ ކައިވެނި ކުރެވުނީމަ ބައްޕަ ކައިރީގައި އައިރާގެ ވާހަކަ ބުނަންކަމަށް އަހަރެން މި ވިސްނަނީ." ޒަހްރާން ބުނެލިއެވެ. އޭނާ އައިރާގެ ޙިޔާލެއް ބޭނުންވިއެވެ. "ރަނގަޅުވާނެ." އައިރާ ޒަހްރާނަށް ބަލައިލަމުން ހިނިތުންވެލިއެވެ. އޭނާ ޒަހްރާނަށް އިތުބާރުކުރެއެވެ. ނުތަނަވަސްވެފައިވާ ހިތް ހަމައަކަށް އަޅުވާލަނީ ކޮންމެ ފަހަރަކު ވެސް އެގޮތަށް ހިތަށް އަރުވާލާފައެވެ. "ޑޫ ޔޫ ޓްރަސްޓް މީ؟" ޒަހްރާން ސުވާލުކޮށްލިއެވެ. އައިރާ ބޯ ޖަހައިލިއެވެ. ޒަހްރާނަށް ޔަޤީންކޮށްދޭން ބޭނުންވާ ފަދައަކުންނެވެ. ޒަހްރާން ހިނިތުންވެލިއެވެ. އޭނާ ބަލަން ފެށުމުން އައިރާ ލަދުން އިސްޖަހައިލިތަން ފެނި ޒަހްރާނަށް ހިނިތުންވުން ފުޅާކޮށްލެވުނެވެ. އެ އަންހެން ކުއްޖާއަށްޓަކައި އޭނާ ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެއެވެ. އެއީ އޭނާގެ ހިތުގެ ލޯތްބެވެ. އެހިތުގެ ފިނިކަމެވެ. ދުވަހަކު ވެސް އޭނަ އައިރާއަކަށް ދެރައެއް ނުދޭނެއެވެ. "ޒަހްރާން..." އައިރާ ގޮވައިލިއެވެ. "ހޫމް..." ޒަހްރާން ވަގުތުން ބުނެލިއެވެ. "އަހަރެން... އަހަރެން ދެން ހުންނާނީ މިގޭގަތަ؟ އަހަރެން ވަރަށް ލަދުގަނޭ..." އައިރާ އިސްޖަހައިލިއެވެ. "ކޮން ކަމަކާ؟" އައިރާ އެބުނަނީ ކީކޭކަން ޒަހްރާނަށް އެނގުނު ނަމަވެސް، އޭނާ އެނގޭކަމަކަށް ނުހެދިއެވެ. "އެނގޭނެ މިބުނަނީ ކީކޭކަން." އައިރާގެ އަޑުގައި މާޔޫސްކަން ވެއެވެ. "ޕްލީޒް. ގިވް މީ ސަމްޓައިމް. އައިރާ އަހަންނަށް އިތުބާރުކުރަމެއްނު." ޒަހްރާން އަނެއްކާ ވެސް ބުނެލިއެވެ. އޭނާ އައިރާއާ އެތަކެއް ވާހަކަތަކެއް ދައްކައިގެން، އައިރާ ހިތްހަމަ ޖައްސުވައިދެވޭތޯ މަސައްކަތްކުރިއެވެ. ***** ނިދަން އޮށޯވެފައި މުރާދު ބަސްމާއަށް ގޮވައިލިއެވެ. "އައިރާ ކޮން އިރަކު ރަށަށް ދަނީ؟" އޭނަ ސުވާލުކޮށްލިއެވެ. "އަދި ނުބުނޭ. އަހަންނަށް ހީވަނީ ޒަހްރާންމެން ބުނެގެންހެން އޭނަ މަޑުކޮށްގެން އެ ހުންނަނީ. އަޔާޝް ވެސް ބޭނުންވޭ ކަންނޭނގެ އޭނަގެ ކައިވެނީގެ ހަފްލާއަށް އައިރާއަށް ދަޢުވަތުދޭން." ބަސްމާ ބުނެލިއެވެ. މިއަދު ލަޔާލީމެން އައުމުގެ ކުރިން އޭނާއާ އަޔާޝްއާ ދެކެވުނު ވާހަކަތަކެއްގެ ތެރެއިން އަޔާޝް އެކަހަލަ ވާހަކައެއް އޭނާގެ ކައިރީގައި ބުނެފައިވެއެވެ. "އެހެންތަ؟ އެހެންވިއްޔާ އޭނަ އެހެން ތަނަކަށް ބަދަލު ކުރަންވީނު؟" މުރާދު ޚިޔާލެއް ދިނެވެ. އެއީ ނިކަމެތި އަންހެން ކުއްޖެއްކަން އޭނާއަށް އެނގެއެވެ. އެހެންކަމުން އެގެއިން ނުކުންނަން ބުނަންވާނީ ގޮތެއް ހޯދައިދީފަތާއެވެ. "ތިކަމުގައި އަހަރެންގެ ޚިޔާލު ބުނަންތަ؟" ބަސްމާ ބުނެލިއެވެ. މުރާދު ބޯ ޖަހައިލުމުން އޭނަ އަނެއްކާ ވެސް ވާހަކަ ދައްކަން ފެށިއެވެ. "އަހަންނަށް ފެންނަނީ އަޔާޝްގެ ކައިވެނި ކުރެވެންދެން އައިރާ މިގޭގައި ބަހައްޓަން." ބަސްމާގެ ޚިޔާލު މުޅިން ތަފާތެވެ. "އޭރުން... އެކަމަކު..." މުރާދު ދެކޮޅު ހަދަން އުޅުނެވެ. "އަހަރެމެން ދެމީހުންނަށް ވެސް އެނގެއެއްނު ރެން މިގެއަށް އަންނަނީ އައިރާ ހުރީމަކަން. އަހަރެން ޖެހިލުންވޭ އޭނަ އަނެއްކާވެސް ދުރުވެދާނެތީ." ބަސްމާ އޭނާގެ ވިސްނުން ހާމަކޮށްލިއެވެ. އެއާއެކު އެކަމާ މެދު މުރާދަށް ވިސްނައިލެވުނެވެ. މި ދުވަސްކޮޅު ޒަހްރާނާ އޮތް ގުޅުން އިތުރަށް ރަނގަޅުކުރުމަށް އޭނާ އަޒުމު ކަނޑައެޅިއެވެ. ***** ދުވަސްތައް ހަލުވިކަމާއެކު ފާއިތުވަމުން ގޮސް ދެ ހަފްތާ ފާއިތު ވެއްޖެއެވެ. އަޔާޝްގެ ކައިވެނީގެ ދުވަސް ވެސް އައިސް ޖެހިއްޖެއެވެ. ހަފްލާ ބޭއްވީ "ދި ވިއު" ގެ ބެންކުއެޓް ހޯލުގައެވެ. ތީމްއާ ގުޅުވައިގެން ބެކްޑްރޮޕް ހަދާފައިވާއިރު، މުޅިތަން ވެސް ވަނީ ވަރަށް ފުރިހަމައަށް ޒީނަތްތެރިކޮށްލާފައެވެ. ކައިވެނިކުރެވުނީ ވެސް އެތަނުގައެވެ. "އަނބި ޤަބޫލުކޮށްފިން." އަޔާޝްގެ ދުލުން ބޭރުވި ބަސްތަކާއެކު، ލަޔާލީގެ ތުންފަތުގައި ދުވެލީ އުފާވެރިކަމުގެ ހިނިތުންވުމެކެވެ. އޭނާއަށް އަޔާޝްއަށް ބަލައިލެވުނުއިރު، އަޔާޝްވެސް އިނީ ލަޔާލީއަށް ބަލަހައްޓައިގެންނެވެ. ދެ ޒުވާނުންގެ ހަތަރު ކަޅި ބައްދަލުވި ވަގުތު ބަސްމޮށުންތެރިކަމަކާ ނުލާ އެތަކެއް ވާހަކައެއް ދައްކައިފިއެވެ. އެކަކު އަނެކަކަށްޓަކައި ވާ ލޯބި ސާފުކޮށް ފެންނަމުން ދިޔައެވެ. ކައިވެނި ކުރެވުނު ވަގުތު، އެތަނުގައި ތިބީ ދެ ޢާއިލާގެ މެންބަރުން އެކަންޏެވެ. މެހެމާނުން އަންނަން ފެށީ އޭގެ ފަހުންނެވެ. އައިރާ ކައިވެނީގެ ހަފްލާއަށް ދާންވެގެން ނުކުތްއިރު، ގޭގެ ޑްރައިވަރު އޭނާގެ އިންތިޒާރުގައި ހުއްޓެވެ. ހިނިތުންވެލުމަށްފަހު، އޭނާ ކާރަށް އަރާ އިށީނެވެ. ހައިވޭއާ ބްރިޖް ހުރަސްކޮށްފައި ގޮސް ހޮޓެލްގެ ކުރިމައްޗަށް ކާރު މަޑުކޮށްލުމާއެކު، އައިރާ ފޭބިއެވެ. އޭނަ ވަށައިގެން ބަލައިލިއެވެ. އޭރު ޕާޓީއަށް އަންނަ މީހުންތައް އެތެރެއަށް ވަންނަމުން ދިޔައެވެ. އޭނަ ވެސް ގޮސް ލިފްޓް ލޮބީގައި މަޑުކޮށްލިއެވެ. އޭރު ޒަހްރާން އައިރާއަށް މެސެޖު ކުރަމުން ދިޔައެވެ. އައިރާ އޭނަ އެބަ އަރަން ކަމުގައި ބުނެ ޖަވާބު ފޮނުވައިލިއެވެ. އެއަށްފަހު، ލިފްޓަށް އެރުމަށްފަހު ފަސްވަނަ ފަންގިފިލާއަށް ދިޔުމަށް ފިތައިލިއެވެ. ލިފްޓު ލެއްޕެމުން ދަނިކޮށް ކޮންމެ ވެސް މީހަކު ލިފްޓު ހުޅުވައިލިއެވެ. އައިރާ ވެސް ފޯނަށް ބަލަން ހުރެފައި އިސް އުފުލާލައިފިއެވެ. އެއާއެކު އޭނާގެ، ލޮލުގައި އަޅައިގަތީ، ކުރިމަތީގައި ހުރި މެދު އުމުރުގެ ފިރިހެން މީހާއެވެ. ބަލާބެލުމަށް އުމުރުން ސާޅީސް ފަސް އަހަރު ވެދާނެއެވެ. އެމީހާއަށް ވެސް އާދައިގެ މޭކަޕެއްގައި ހުރި އައިރާ ފެނުމުން ހައިރާންކަން ވެރިވިއެވެ. އެވަގުތު އިތުރު ބަޔަކު ވެސް އައިސް ލިފްޓު ތެރެއަށް ވަދެއްޖެއެވެ. އައިރާގެ ތަބީޢަތު ވަގުތުން ބަދަލު ވެއްޖެއެވެ. ދެ އަތް މުށްކަވާލެވުމާއެކު ތުންފަތުގައި ވެސް ދަތް އަޅައިލެވިއްޖެއެވެ. މީހާގެ އެތެރެ ހަށި ހަލަބޮލި ކުރުވައިފިއެވެ. އޭނާ ދެއަތް ދެއަތާ މޮޑެން ފެށިއެވެ. އެ ފިރިހެންމީހާގެ ނަޒަރު އިރުއިރުކޮޅުން އޭނާއަށް ހުއްޓެމުން ދިޔަކަން ޚުދު އައިރާއަށް އެނގެއެވެ. ފަސްވަނަ ފަންގިފިލާއަށް ލިފްޓު ހުއްޓުމުން މީހުންތަކާ އެކު އޭނާ ފައިބައިފިއެވެ. އޭނަ ގޮސް ބެންކުއެޓް ހޯލަށް ވަތްއިރު، އައިރާއަށް ސަރައްކާލީގައި މަޑުކޮށްލެވިއްޖެއެވެ. އޭރު ވެސް ޒަހްރާންގެ މެސެޖުތައް އޭނާއަށް ލިބެމުން ދިޔައެވެ. އައިރާ ބިއްލޫރި ގަނޑާ ދިމާލަށް ޖެހިލިއެވެ. އޭނާ ދުރަށް ނަޒަރު ހުއްޓައިލިއެވެ. ދިއްލާފައިވާ އިމާރާތްތަކުގެ އަލިކަން ފެންނަނީ ވިދާ މުތީތަކެއް ފަދައިންނެވެ. އަމިއްލަ ޖަޒުބާތުތައް ކިޔަމަން ކުރުވަން އައިރާ މަސައްކަތްކުރިއެވެ. އައިރާ ނައިސް ލަސްވެގެން ޒަހްރާން ހޯލުން ނުކުމެއްޖެއެވެ. ސަރައްކާލީގައި ހުރި އައިރާ ފެނުމާއެކު، އޭނާ އެ ދިމާލަށް ދިޔައެވެ. "އައިރާ..." ޒަހްރާން ގޮވައިލިއެވެ. އެތެރެއަށް ނުވަދެ ހުރުމުން އޭނާ ގޮސް އައިރާއާ ގާތުގައި މަޑުކޮށްލިއެވެ. އެކީ ހުދުވެފައިވާ އައިރާގެ މޫނު ފެނުމާއެކު ޒަހްރާން ކަންބޮޑުވިއެވެ. "ކިހިނެއްވީ؟" ޒަހްރާނަށް ވަގުތުން ސުވާލުކޮށްލެވުނެވެ. "ނޫން... ނުވޭ... ކަމެއް ނުވޭ ..." އައިރާ ދެފަރާތަށް ބޯ ހޫރައިލިއެވެ. އޭނާ މޫނުމަތީގެ ކުލަވަރުތައް ވަންހަނާކުރަން މަސައްކަތްކުރި ނަމަވެސް، އެކަމެއް ވެސް ނުވިއެވެ. އިސާހިތަކު ދެލޯ ފެންކަޅިވެގެން ދިޔައެވެ. "ކިހިނެއްވީތަ އައިރާ؟ ޓެލް މީ..." ޒަހްރާން ހަމަ ރަނގަޅަށް ވެސް ހާސްވެއްޖެއެވެ. (ނުނިމޭ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ