ދެ ގައުމުގެ މެދުގައި މަސްތަކަކަށް ދެމިގެންގޮސްފައިވާ ހަނގުރާމަ ހުއްޓާލުމަށް ކުރެވޭ މަޝްވަރާތައް ނާޒުކު ފައްތަރެއްގައި އޮތްއިރު، އެމެރިކާ އާއި އީރާނުން އިއްޔެ ވެސް އަލުން ވަރުގަދަ އަސްކަރީ ހަމަލާތަކެއް ބަދަލުކޮށްފި އެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުނި ގޮތުގައި، ހޮރްމޫޒް ކަނޑުއޮޅީގައި އޮންނަ އީރާނުގެ ގޭޝްމް ރަށަށް އެމެރިކާއިން ހަމަލާދިނީ އަމިއްލަ ދިފާއުގަ އެވެ. މި ހަމަލާ ދިނީ އެ ސަރަހައްދުގައި އީރާނުން ހަމަލާތަކެއް ދޭން އުޅޭ ކަމަށް ބެލެވުމުން ކަމަށް ސެންޓްކޮމް އިން ބުންޏެވެ.
މި ހަރަކާތުގައި އަމާޒުކޮށްފައިވަނީ އީރާނުގެ އަސްކަރީ ގްރައުންޑް ކޮންޓްރޯލް ސްޓޭޝަނަކަށެވެ. މީގެ އިތުރުން، އާންމު މުދާ އުފުލާ ބޯޓުތަކާ ދިމާލަށް ދަތުރުކުރަމުންދިޔަ އީރާނުގެ ތިން ޑްރޯނެއް ވެސް އެމެރިކާ ސިފައިން ވަނީ ވައްޓާލާފަ އެވެ.
ސެންޓްކޮމް އިން ބުނި ގޮތުގައި، އީރާނުން ކުވެއިތާ ދިމާލަށް ދެ މިސައިލް އަދި ބަހުރޭނާ ދިމާލަށް ތިން މިސައިލް ފޮނުވާލި އެވެ. ނަމަވެސް އެ ހުރިހާ މިސައިލެއް ވަނީ އަމާޒަށް ވާސިލުވުމުގެ ކުރިން ވައިގެ ތެރޭގައި ހަލާކުކޮށްލާ ނުވަތަ ވެއްޓިފަ އެވެ.
ތެހެރާނުން ބުނި ގޮތުގައި، އެ ގައުމުން މިސައިލާއި ޑްރޯން ހަމަލާތައް ދިނީ ސަރަހައްދީ ގައުމެއްގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި ހެލިކޮޕްޓަރުތަކަށެވެ. މިއީ ބަދަލުހިފުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް އީރާނުން ބުންޏެވެ.
އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް އިން އިންޒާރު ދީފައިވަނީ ހޮރްމޫޒް ކަނޑުއޮޅީގެ ސަލާމަތްތެރިކަން ގެއްލުވާލުމަކީ ހަމަލާދޭ އެމެރިކާގެ އަސްކަރިއްޔާއިން އޭގެ ބޮޑު އަގެއް ދައްކަންޖެހޭނެ ކަމެއް ކަމަށެވެ.
މި ހަމަލާތައް އަލުން ބަދަލުކުރަން މިފެށީ، ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ ރަސްމީ އެއްބަސްވުމަކަށް އައުމަށް ކުރެވޭ މަޝްވަރާތައް މަޑުޖެހިފައި އޮތް ދަނޑިވަޅެއްގަ އެވެ. ނަމަވެސް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އަދިވެސް އެއްބަސްވުމަކަށް އާދެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ވިދާޅުވެފަ އެވެ. އެ މަނިކުފާނު ވިދާޅުވީ، އީރާނުން ހަގީގަތުގައި ވެސް ބޭނުންވަނީ އެއްބަސްވުމެއް ގާއިމުކުރަން ކަމަށާ އަދި އެއީ އެމެރިކާއަށް ވަރަށް ފައިދާހުރި އެއްބަސްވުމަކަށް ވާނެ ކަމަށެވެ.
މިދަނޑިވަޅުގައި ސެންޓްކޮމް އިން ބުނީ، އީރާނާ ދިމާލަށް ދަތުރުކުރަމުންދިޔަ ބޮޓްސްވާނާގެ ދިދަ ޖަހާފައިވާ ތެޔޮ ޓޭންކަރަކަށް އެމެރިކާއިން ތަކުރާރުކޮށް ދިން އިންޒާރުތަކަށް ބޯނުލެނބުމުން، އެ ބޯޓުގެ ދަތުރު ހުއްޓުވައި ހިފަހައްޓާފައިވާ ކަމަށެވެ.
އެމެރިކާގެ އަސްކަރިއްޔާއިން ހާމަކުރި ގޮތުގައި، މިދިޔަ އެޕްރީލް މަހު އެމެރިކާއިން އީރާނުގެ ކަނޑުގެ ދަތުރުފަތުރަށް ބްލޮކޭޑް ކުރިމަތިކުރި ފަހުން، ވިޔަފާރިކުރާ 6 ބޯޓެއްގެ ދަތުރު ވަނީ ހުއްޓުވާފަ އެވެ. އަދި 122 ބޯޓެއްގެ މިސްރާބު ވަނީ އަނބުރާލާފަ އެވެ.
ކޮންގްރެސްގައި ވާހަކަދައްކަވަމުން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ރޭ ވިދާޅުވީ، ހޮރްމޫޒް ކަނޑުއޮޅި ހުޅުވާލުމުގެ ބަދަލެއްގެ ގޮތުން ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުޔެއް ދިނުމަށް އެމެރިކާއިން ހުށަހަޅާފައި ނުވާނެ ކަމަށެވެ.
"ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިދިނުން ބިނާވެފައިވަނީ ވަކި ޝަރުތުތަކެއްގެ މައްޗަށް،" ރޫބިއޯ ވިދާޅުވި އެވެ.
އެފަދަ ލުއިތަކެއް ދެވޭނީ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ މެދު ކުރިއެރުންތަކެއް ހާސިލުވުމުން ކަމަށް އޭނާ އިތުރަށް ވިދާޅުވި އެވެ.
ހަމަލާތައް އަލުން ވަރުގަދަވެފައިވީ ނަމަވެސް، ރޫބިއޯ ވަނީ ހަނގުރާމަ މިހާރު ނިމިއްޖެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް، ދެ ފަރާތުން ވެސް އަދިވެސް ދަނީ އަސްކަރީ ހަރަކާތްތައް ހިންގަމުންނެވެ. އަދި ސުލްހައިގެ މަޝްވަރާތައް އޮތީ އެއްވެސް ކޮޅެއްގައި ނުޖެހި އެވެ.
އެމެރިކާ އާއި އީރާނުން އިއްޔެ ވެސް ހަމަލާތަކެއް ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ