ސުޝްމިތާއަކީ ފައިސާއަށް ދަހިވެތި މީހެއް ނޫން، އެއީ އަސްލު އަލިމަހެއް: ލަލިތު

އިންޑިއާގެ ކުރީގެ މިސް ޔުނިވާސް އަދި ބަތަލާ ސުޝްމިތާ ސެން އަކީ، ހަގީގަތުގައި ފައިސާއަށް ދަހިވެތި މީހެއް ނޫން ކަމަށާއި އެއީ އަސްލު އަލިމަހެއް ކަމަށް ބަތަލާގެ ކުރީގެ ލޯބިވެރިޔާ ކަމަށް މީޑިއާތަކުން ސިފަކޮށްފައިވާ ވިޔަފާރިވެރިޔާ ލަލިތު މޯދީ ބުނެފިއެވެ. ލަލިތު މިފަހުން ދިން އިންޓަވިއުއެއްގައި ވަނީ ބޮލީވުޑްގެ ބަތަލާ ސުޝްމިތާ ސެންއާއެކު އޮތް ގުޅުމާ ބެހޭގޮތުން ގިނަ ވާހަކަތަކެއް ހިއްސާކޮށްފައެވެ. ވަކިން ހާއްސަކޮށް، އެ ދެމީހުންގެ ގުޅުން ރަސްމީކޮށް އިއުލާންކުރުމާ ގުޅިގެން ސުޝްމިތާއަށް އަމާޒުވި ފާޑުކިޔުންތަކަށް އޭނާ ވަނީ ރައްދު ދީފައެވެ. އައިޕީއެލްގެ ކުރީގެ ޗެއާމަން ލަލިތު މޯދީ މީގެ ތިން އަހަރު ކުރިން ސޯޝަލް މީޑިއާގައި ސުޝްމިތާއާ އެކު ނަގާފައިވާ ފޮޓޯތަކެއް ހިއްސާކޮށް އެ ގުޅުން ހާމަކުރުމާއެކު މުޅި އިންޓަނެޓްގައި އޮތީ އެ ވާހަކައެވެ. ގިނަ ބައެއްގެ ސަމާލުކަން ދެ މީހުންގެ ގުޅުމަށް ލިބުނުއިރު ސުޝްމިތާ އަކީ ފައިސާގެ ދަހިވެތި ކަމުގައި މުއްސަނދި ވިޔަފާރިވެރިންނާ ލޯބީގެ ގުޅުން ބާއްވާ މީހެއްގެ ގޮތުގައި ވަރަށް ގިނަ ބަޔަކު އޭރު ސިފަކުރިއެވެ. ބަތަލާ ސުޝްމިތާ ސެން ލަލިތު މޯދީއާ އެކު--ފޮޓޯ/އިންޑިއަންއެކްސްޕްރެސް އެދުވަސްވަރު ސުޝްމިތާ އިންސްޓަގްރާމް މެދުވެރިކޮށް އެކަމަށް ރައްދު ދިން ނަމަވެސް، ފާޑުކިޔުންތަކަށް ހުއްޓުމެއް ނައެވެ. މިހާރު މި ދެމީހުން ވަކިވެފައިވާއިރު، "ހިއުމަންސް އޮފް ބޮމްބޭ"އަށް ދިން އިންޓަވިއުއެއްގައި ލަލިތު ވަނީ ސުޝްމިތާގެ ދިފާއުގައި ވާހަކަދައްކާފައެވެ. އޭނާގެ ކުރީގެ ގުޅުންތަކާ ބެހޭގޮތުން ވާހަކަ ދައްކަމުން ލަލިތު ބުނީ، އޭނާ ލޯބީގެ ގޮތުން ގުޅުނު ހުރިހާ އަންހެން ކުދިންނަކީވެސް ވަރަށް ހާއްސަ ކުދިންތަކެއް ކަމަށާއި، މިއަދުވެސް އެ އެންމެންނަކީ ގާތް ރަހުމަތްތެރިން ކަމަށެވެ. އަދި ކޮންމެ ވަގުތަކުވެސް އެމީހުންނަށް ފޯނުން ގުޅާލައި ވާހަކަދެއްކޭ ފަދަ ގާތް ގުޅުމެއް އޮންނަ ކަމަށް ލަލިތު ފާހަގަކުރިއެވެ. ސުޝްމިތާއާ ބެހޭގޮތުން ވާހަކަ ދައްކަމުން ލަލިތު ބުނީ، އެއީ އަމިއްލަ މަސައްކަތުން ކުރިއަރާފައިވާ، ކާމިޔާބު އަދި ރީތި އަންހެނެއް ކަމަށެވެ. "އަހަރެން ދަންނަ ގިނަ މީހުންގެ އަތުގައި ހުންނަ މިންވަރަށްވުރެ އެތައް ގުނަ ގިނަ އަގުބޮޑެތި އަލިމަސް ސުޝްމިތާގެ އަތުގައި ހުންނާނެ. އެ ހުރިހާ އެއްޗަކީ ސުޝްމިތާ އަމިއްލަ މަސައްކަތުން ހޯދާފައިވާ ތަކެތި. ހަގީގަތުގައި ސުޝްމިތާ އަހަންނަށް ވުރެ މާ މުއްސަނދި. އަހަރެމެން ބޭރަށް ދިޔަ އެއްވެސް ފަހަރަކު އަހަރެން އެއްޗަކަށް ފައިސާ ދައްކާކަށް ނުޖެހޭ، ހުރިހާ ކަމަކަށް ހަރަދު ކުރަނީ ސުޝްމިތާ. އެއީ އެއްވެސް މީހެއްގެ އަތުން އެއްޗެއް ގަބޫލުކުރާނެ މީހެއް ނޫން. އެހެންކަމުން ސުޝްމިތާއަށް 'ގޯލްޑް ޑިގަ'އޭ ކިޔުމަކީ މުޅިން ކުށް ހީއެއް" ލަލިތު ބުނެފައިވެއެވެ. ދެ މީހުންގެ ގުޅުމާ ބެހޭގޮތުން އިތުރަށް ވާހަކަދައްކަމުން ލަލިތު ބުނީ، ސުޝްމިތާ އަކީ ހަޔާތުގައި ދިމާވި އެންމެ މުހިއްމު އެކަކު ކަމަށެވެ. ދެ މީހުންގެ ގުޅުން ހާއްސަވި ނަމަވެސް ދިރިއުޅޭ ގައުމު ތަފާތުވުމުން އެ ގުޅުމަށް ނިމުމެއް ގެނައީ ކަމަށެވެ. "އޭނާގެ ކެރިއަރު އޮތީ އިންޑިއާގައި، އަހަރެންގެ ދިރިއުޅުން އޮތީ ލަންޑަންގައި. އޭނާއާ ބެހޭގޮތުން އަހަރެންގެ ހިތުގައި އޮތީ ވަރަށް ފޮނި ހަނދާންތަކެއް. އޭނާއަކީ އާދަޔާ ހިލާފު މޮޅު މައެއް، އޭނާގެ ދެ އަންހެން ކުދިން ބަލައި ބޮޑުކުރާ ގޮތަކީ ނަމޫނާއެއް،" ލަލިތު އިތުރަށް ބުނެފައިވެއެވެ. ފައިސާއަށްޓަކައި އުޅޭ މީހެއްގެ ތުހުމަތު އެޅުވުމުން، ސުޝްމިތާ އޭރު އިންސްޓަގްރާމްގައި ލިޔުނު ނޯޓެއްގައި ބުނެފައި ވަނީ، އޭނާ ލޯބި ވަނީ ރަނަށް ވުރެ ބޮޑަށް އަލިމަސް ދެކެ ކަމަށާއި، އަދިވެސް އެ އެއްޗެހި ގަންނަނީ އަމިއްލަ ފައިސާގައި ކަމަށެވެ. ސުޝްމިތާ އާއި ލަލިތުގެ ގުޅުމުގެ ވާހަކަ މުޅި ދުނިޔެއަށް އިއުލާނުކުރި ނަމަވެސް މިއަދާ ހަމައަށް ވެސް އެ ގުޅުމާ ބެހޭގޮތުން ބަތަލާ ރައްދު ދީފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ