އާސަންދައިގެ ޚިދުމަތްތައް ޑިޖިޓަލައިޒްވުމާއެކު މިހާރަށްވުރެ ޚިދުމަތް އަވަސްވެގެންދާނެ

އާސަންދައިގެ ޚިދުމަތްތައް ޑިޖިޓަލައިޒްވެގެން ދިޔުމާއެކު މިހާރަށްވުރެ އަވަސް ޚިދުމަތެއް ލިބިގެންދާނެކަމަށް އާސަންދައިގެ މެނޭޖިންގ ޑިރެކްޓަރ އާމިނަތު ޒީނިޔާ ވިދާޅުވެއްޖެއެވެ. އެންސްޕާގެ ދަށުން ދެމުންދިޔަ ގިނަ ޚިދުމަތްތަކެއް މިހާރުވަނީ އާސަންދައިގެ ދަށަށް ބަދަލުކޮށްފައެވެ.
ޞިއްޙީ ޚިދުމަތުގައި އެންމެ މުހިއްމު ދައުރެއް އަދާކުރާ އެއް ޚިދުމަތަކީ ޤައުމީ ހެލްތު އިންޝުއަރެންސްގެ ޤައުމީ ނިޒާމެވެ. އާސަންދައިގެ ދަށުން މައިގަނޑުގޮތެއްގައި ގިނަ ޚިދުމަތްތަކެއް ދިންނަމަވެސް، އިޖުތިމާޢީ އެހީއާއި ގުޅުންހުރި ޚިދުމަތްތައް ދެމުންދިޔައީ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ އެންސްޕާގެ ދަށުންނެވެ. ސަރުކާރުން މިހާރުވަނީ ޚިދުމަތް އަވަސްކުރުމަށް އެންސްޕާގެ ދަށުން ދެމުންދިޔަ މުހިއްމު ބައެއް ޚިދުމަތްތައް އާސަންދައިގެ ދަށަށް ބަދަލުކޮށްފައެވެ.
ޕީއެސްއެމްނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އާސަންދައިގެ މެނޭޖިންގ ޑިރެކްޓަރ އާމިނަތު ޒީނިޔާ ވިދާޅުވީ، އާސަންދައިގެ ޚިދުމަތް ލަސްވާ މައިގަނޑު ސަބަބަކީ މެނުއަލްކޮށް ކުރަންޖެހޭ މަސައްކަތް ގިނަވުމުންނެވެ. އެގޮތުން އެއީ މުވައްޒަފުންގެ ގިނަ ވަގުތުތަކެއް އެކަމަކަށް ހޭދަވާ މަސައްކަތްތަކެއްކަން ފާހަގަކުރެއްވިއެވެ.
"ފޯމު ގެންގުޅުން ނުވަތަ މެނުއަލް ރަޖިސްޓަރ ގެންގުޅުން އެއީ ވަރަށް ގިނަ ވަގުތުތަކެއް ހޭދަވާކަމެއް. އެކަހަލަ މަސައްކަތް ހުންނާތީ ފުދޭވަރަކަށް ހަމަ ލަސްވެގެންދޭ މަސައްކަތްތައް. އަޅުގަނޑުމެންގެ ސިސްޓަމް އެއްކޮށް ޑިޖިޓަލައިޒްކޮށް ނިމިގެންދާއިރު އުއްމީދަކީ ޚިދުމަތްތައް ވަރަށް ބޮޑުތަނުން އަވަސްވެގެންދާނެ." ޒީނިޔާ ވިދާޅުވިއެވެ.
އާސަންދައިގެ ޚިދުމަތަށް އެދުމަށް ފަސޭހަ ކުރުމަށްވަނީ ޚާއްސަ އެޕްލިކޭޝަން ޤާއިމުކޮށްފައެވެ. މިގޮތުން 'މައި އާސަންދަ ޕޯޓަލް' މެދުވެރިކޮށް އާސަންދައިން ފޯރުކޮށްދޭ ގިނަ ޚިދުމަތްތަކެއް ލިބޭނެ އިންތިޒާމު މިހާރުވަނީ ހަމަޖައްސާފައެވެ. އީފާސް މެދުވެރިކޮށް ބޭސްފަރުވާގެ ގިނަ ޚިދުމަތްތަކަށް މިޕޯޓަލްގެ ތެރެއިން ލިބޭނެކަމަށް އާސަންދައިން ވިދާޅުވެއެވެ. މިޕޯޓަލް މެދުވެރިކޮށް ބަލި މީހާގެ ފަރާތުން ކޮންމެ އެހީތެރިއަކަށްވެސް ފޯމު ހުށައެޅުމުގެ ފުރުސަތު އޮންނާނެއެވެ. ބޭސްފަރުވާއާއި ގުޅިގެން ދައުލަތުގެ އެކި އިދާރާތަކުން ފޯރުކޮށްދޭ ޚިދުމަތްތަކާއި އެހީގެ މަޢުލޫމާތުވެސް ޕޯޓަލްއިން ލިބެއެވެ. ހަމައެއާއެކު އެޚިދުމަތްތަކަށް އެދުމުގެ ފުރުސަތުވެސްވަނީ ހަމަޖެހިފައެވެ.
އާސަންދައިގެ ދަށުން ފޯރުކޮށްދޭ ބޭސްފަރުވާގެ އެހީގެ ޚިދުމަތް ހަރުދަނާކުރުމަށް އަންނަނީ ނިޒާމަށް ބަދަލުތައް ގެންނަމުންނެވެ. ހަމައެއާއެކު މިއީ ޒިންމާދާރުކަމާއެކު، ހެދިފައިވާ ގަވާއިދުތަކާއި އުސޫލުތަކުގެ ތެރެއިން ނާޖައިޒް މަންފާ ނުނެގޭނެ ފަދަ ގޮތަކަށް ދެވޭ ޚިދުމަތަކަށް ހެދުމަށްވެސްދަނީ މަސައްކަތްކުރަމުންނެވެ. އާސަންދަ މެދުވެރިކޮށް ބޭސްފަރުވާއަށްކުރެވޭ ހޭދަ އަހަރުން އަހަރަށްދަނީ އިތުރުވަމުންނެވެ. ބޭސްފަރުވާގެ ނިޒާމުގެ ތެރެއިން އެންމެ ބޮޑު ޚަރަދެއް ހިނގާ އެއްކަމަކީ ބޭސް އެތެރެކުރުމަށާއި ދާއިމީ ބަލިތަކަށް ބޭސްކުރާ ފަރާތްތަކަށް ފޯރުކޮށްދޭ ފަރުވާއަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ