އީރާނުގެ ބަނދަރަކަށް ދަތުރުކުރަމުންދިޔަ އުޅަނދަކަށް އެމެރިކާއިން ދިން ހަމަލާއެއްގެ ރައްދުގައި، އީރާނުން ކުވައިތާއި ބަހުރޭނުގެ ބައެއް ސަރަހައްދުތަކަށް އަމާޒުކޮށް މިސައިލާއި ޑްރޯން ހަމަލާތަކެއް ދީފިއެވެ.
އީރާނުން މިހަމަލާތައް ދިންނަމަވެސް އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ހާމަކޮށްފައިވާ ގޮތުގައި، ގަލްފުގެ މި ގައުމުތަކަށް އަމާޒުކޮށް އީރާނުން ފޮނުވާލި ބެލިސްޓިކް މިސައިލްތަކުގެ ތެރެއިން އެއްވެސް ހަމަލާއެއް އޭގެ އަމާޒަށް ވާސިލްވެފައެއް ނުވެއެވެ.
މި ހަމަލާތަކާ ގުޅޭގޮތުން އެމެރިކާ އަސްކަރިއްޔާއިން ބުނީ ކުވައިތަށް އަމާޒުކޮށް އީރާނުން ފޮނުވާލި ދެ މިސައިލެއް އަމާޒަށް ނުގޮސް ވައިގެ ތެރެއަށް ވެއްޓި ހަލާކުވެފައިވާ ކަމަށެވެ. އަދި ބަހުރޭނަށް އަމާޒުކޮށް ފޮނުވާލި ތިން މިސައިލެއް އެމެރިކާ އާއި ބަހުރޭންގެ ވައިގެ ދިފާއީ ބާރުތައް ގުޅިގެން ވަގުތުން ވައްޓާލާފައިވާ ކަމަށް ވެސް ސެންޓްކޮމްގެ ބަޔާނުގައިވެއެވެ. މީގެ އިތުރުން ކަނޑުގެ އުޅަނދުތަކަށް އަމާޒުކޮށް އީރާނުން ފޮނުވާލި ތިން ޑްރޯންއެއްވެސް އެމެރިކާ ސިފައިން ވަނީ ފުނޑުފުނޑުކޮށްލާފަ ކަމަށް ސެންޓްކޮމްގެ ބަޔާނުގައި ވެއެވެ.
މި ހަމަލާތަކާ ގުޅިގެން އެމެރިކާއިން ވަނީ އަމިއްލަ ދިފާއުގައި ކަމަށް ބުނެ، ހޮރްމޫޒް ކަނޑުއޮޅީގައި އޮންނަ އީރާނުގެ ރަށެއް ކަމަށްވާ ގަޝްމުގައި ހުންނަ އީރާނު ސިފައިންގެ ގްރައުންޑް ކޮންޓްރޯލް ސްޓޭޝަނަކަށް ވެސް ވަރުގަދަ ހަމަލާތަކެއްދީ އެ ތަން ހަލާކުކޮށްލާފައެވެ.
ގަޝްމް އަކީ ގަލްފުގެ ތެލާއި ގޭސް އުފުލާ އެންމެ މުހިންމު ސަރަހައްދު ކަމަށްވާއިރު، މިއަހަރުގެ ފެބްރުއަރީ މަހުން ފެށިގެން އެމެރިކާ އާއި އިސްރާއީލާ ދެކޮޅަށް އީރާނުން ކުރަމުންދާ ހަނގުރާމައާ ގުޅިގެން އެ ކަނޑުއޮޅި އޮތީ ބަންދުކޮށްފައެވެ. އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ޔަގީންކޮށްދޭ ގޮތުގައި، ދެފަރާތުގެ ދެމެދުގައި ބަދަލުކުރެވުނު މި ހަމަލާތަކުގައި އެމެރިކާ އަސްކަރިއްޔާގެ އެއްވެސް ސިފައިންގެ މީހަކަށް އަނިޔާއެއް ވެފައެއް ނުވެއެވެ.
މި އަހަރުގެ ފެބްރުއަރީ މަހުގެ ފަހުކޮޅުން ފެށިގެން އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައާ ގުޅިގެން، މެދުއިރުމަތީގެ މަސްރަހު ވަނީ ނުހަނު ބޮޑަށް ބޮއްސުންލައިފައެވެ. މި ހަމަނުޖެހުންތަކުގެ ތެރެއިން އީރާނުން ވަނީ ދުނިޔޭގެ ތެލާއި ގޭސް އުފުލާ އެންމެ މުހިންމު އެއް ކަނޑުގެ ސަރަހައްދު ކަމުގައިވާ ހޮރްމޫޒް ކަނޑުއޮޅި އެއްކޮށް ބަންދުކޮށްފައެވެ.
އީރާނުން ކުވައިތާއި ބަހުރެއިނަށް ރައްދު ހަމަލާތަކެއް ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ