14 ގަރުނު ކުރީގެ ހަނދާންތަކާ އެކު އަރަފާތު ދުވަސް
މިއަދަކީ މި ހިނގާ ހިޖުރީ އަހަރު ކަމަށްވާ 1446 ވަނަ އަހަރުގެ އަރަފާތު ދުވަހެވެ. ނުވަތަ ޙައްޖު ދުވަހެވެ. ހިޖުރީ ކޮންމެ އަހަރެއްގެ ޙައްޖު މަހުގެ ނުވަވަނަ ދުވަހަކީ ބަރަކާތްތެރި އަރަފާތު ދުވަހެވެ. އަރަފާތު ދުވަހަކީ މާތްﷲ ސުބްޙާނަހޫ ވަތަޢާލާ މި ބިންމަތީގައި ލެއްވެވި އެންމެ މާތް ދުވަހެވެ. މި ރިޕޯޓްގައި ބަލާލާފައިވަނީ އަރަފާތު ބިމަށާއި އެ ނޫން ވެސް ޙައްޖުގެ ބައެއް މަޝްޢަރުތަކާއި އެ ތަންތަނުގައި ހިނގާފައިވާ ތާރީޚީ ބައެއް ޙާދިސާތަކުގެ މައްޗަށެވެ. ތާރީޚީ ނަޒަރަކުންނެވެ. އަރަފާތު ދުވަސް އަރަފާތު ދުވަހަކީ ޙައްޖުވެރިން ޙައްޖުގެ އެންމެމަތީ ރުކުން އަދާކުރުމަށްޓަކައި އަރަފާތު ބިމުގައި ނުވަތަ އަރަފާގެ ބިމުގައި ތިބޭ ދުވަހެވެ. އަރަފާތު ބިމަށް ގޮސް އެ ތާނގައި ތިބުމަކީ ޙައްޖުގެ އެންމެ މުހިއްމު ރުކުން ކަމަށްވުމުގެ އިތުރުން އެއީ އެއާ ނުލައި ޙައްޖުގެ އަޅުކަން ފުރިހަމަ ނުކުރެވޭ ރުކުނެކެވެ. މި ރުކުން އަދާ ކުރުމަށް ޓަކައި ރޭ ދަންވަރުން ފެށިގެން ޙައްޖުވެރިން ވަނީ މިނާއިން އަރަފާތަށް ދިޔުމުގެ ދަތުރު ފަށައިފައެވެ. ޚަބަރުތައް ބުނާގޮތުން މިއަދު މެންދުރުކުރިން ޙައްޖުވެރިން ޢަރަފާތަށް ގޮސް ނިމޭނެއެވެ. ކީރިތި ރަސޫލާ ޙައްޖުގެ އަޅުކަމަށް މައްކާއަށް ވަޑައިގަންނަވާކަން އިޢުލާންކުރެއްވުން އެއީ މީގެ 14 ގަރުނުގެ ކުރިއެވެ. މީގެ 14 ގަރުނުގެ ކުރިން ހިޖުރައިން 10 ވަނަ އަހަރު ކީރިތި ރަސޫލާ (މުހައްމަދު ސައްލައްﷲ ޢަލައިހި ވަސައްލަމަ) ކުރެއްވި މަޝްހޫރު ޙައްޖަކީ ޙައްޖަތުލްވަދާއުއެވެ. ކީރިތި ރަސޫލާ (މުހައްމަދު ސައްލައްﷲ ޢަލައިހި ވަސައްލަމަ) ޙައްޖުގެ އަޅުކަމަށް މައްކާއަށް ވަޑައިގަންނަވަން ގަސްތުކުރައްވައިފިކަން އިޢުލާން ކުރެއްވުމާ އެކު މުޅި މަދީނާ އުފަލުން ފޮޅިގެން ދިޔައެވެ. މަސްޖިދުއްނަމިރާ މުހާޖިރުންނާއި އަންސާރުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކާއި މަދީނާގެ ކައިރީގައި ދިރއުޅޭ އަރަބި ގަބީލާތަކާއި ގުރައިޝުންގެ ތެރެއިން ވެސް އިސްލާމްވީ އެތައް ބަޔަކު ޙައްޖަށް ތައްޔާރުވާން ފެށިއެވެ. އަންހެނުން ވެސް ހިމެނޭގޮތަށެވެ. މި ހުރިހާ މީހުންނާ އެކު (އެއްލައްކައަށް ވުރެ ގިނަ މުސްލިމުންނާއެކު) ޙައްޖުގެ އަޅުކަމަށްޓަކައި ކީރިތި ރަސޫލާ އެކަލޭގެފާނުގެ އުފަން ބިންކަމަށް މައްކާއަށް ވަދެވަޑައިގެންނެވިއެވެ. ހިޖުރައިން 10 ވަނަ އަހަރުގެ ޙައްޖަތުލްވަދާއުގައި ކީރިތި ރަސޫލާ ދެއްވި ތާރީޚީ އަސަރުގަދަ ޚުތުބާ ހިޖުރައިން 10 ވަނަ އަހަރުގެ އަރަފާތު ދުވަހު އަރަފާތަށް ވަޑައިގެން އަރަފާތު ބިމުގައި އެކަލޭގެފާނު ވަރަށް ތާރީޚީ އަދި ވަރަށް އަސަރުގަދަ ޚުތުބާއެއް އިސްލާމީ އުންމަތަށް ދެއްވިއެވެ. މި ޚުތުބާ ވެގެންދިޔައީ އެކަލޭގެފާނު މި އުންމަތަށް ދެއްވި ވަދާއީ ޚުތުބާ ވެސް ކަމުގައެވެ. އެހެންކަމުން އެކަލޭގެފާނު ކުރެއްވި މި ޙައްޖުވެސް މަޝްހޫރު ވެގެންދިޔައީ ޙައްޖަތުލްވަދާއުގެ ނަމުންނެވެ. މި ޚުތުބާ ދެއްވީ ޖަބަލުއްރަހްމާގެ ތިރީގައި ވާދީ ނަމިރާގައި ހުންނަވައިގެންނެވެ. އެއީ، ޢަރަފާތުގެ ބޭރެވެ. ރިވާޔަތްތައް ބުނާގޮތުން އެކަލޭގެފާނު އަރަފާތުގެ ތެރެއަށް ވެދެވަޑައިގެންނެވީ މެންދުރާއި އަސުރު ނަމާދު އަރަފާތުން ބޭރުގައި ގަސްރުކޮށް ޖަމްއުކޮށް (ޖަމްއު ތަގްދީމް) ކުރައްވައި ޚުތުބާ ދެއްވުމަށް ފަހެވެ. އެ ތާރީޚީ ޚުތުބާ ދެއްވީ މަސްޖިދުއް ނަމިރާ، ނުވަތަ ނަމިރާ މިސްކިތް މިހާރު ހުރިތަނުގައެވެ. އެއީ، އަރަފާތުގައި ހުންނަ އެންމެ ތާރީޚީ ތަންކަމަށްވާ ޖަބަލު އަރަފާތު ނުވަތަ ޖަބަލުއްރަޙްމާގެ ތިރިއެވެ. އިސްލާމް ދީނުގެ މާތް ރިސާލަތު ފުރިހަމަކޮށް ދެއްވިކަމުގެ އާޔަތް ބާއްވާލެއްވީ އެކަލޭގެފާނު މި ފަރުބަދައިގެ ތިރީގައި އެކަލޭގެފާނު ހުންނަވަނިކޮށެވެ. މި އާޔަތަކީ [الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًا] [المائدة:3] އެވެ. މާނައަކީ: "މިއަދު ތިޔަބައިމީހުންގެ ދީން ތިޔަބައިމީހުންނަށް ތިމަން ރަސްކަނލާންގެ ފުރިހަމަ ކޮށްދެއްވައިފީމެވެ. އަދި ތިމަން ރަސްކަނލާންގެ ނިއުމަތް، ތިޔަބައިމީހުންގެ މައްޗަށް ތިމަންރަސްކަނލާންގެ ފުރިހަމަ ކޮށްދެއްވައިފީމެވެ. އަދި އިސްލާމް ދީން ތިޔަބައިމީހުންނަށް ދީނެއްކަމުގައި ތިމަން ރަސްކަނލާންގެ ރުހިވޮޑިގެންފީމެވެ،" މި ޚުތުބާގައި އެކަލޭގެފާނުވަނީ މީސްތަކުންވަނީ ހަމަހަމަ ބައެއްކަން ވެސް ބަޔާން ކުރައްވާފައެވެ. އަޖަމީންގެ މައްޗަށް އަރަބީންނަށް މޮޅުކަމެއް ނެތްކަން ބަޔާން ކުރައްވާފައެވެ. މޮޅުވަނީ ވަކި އާއިލާއަކުން ނޫނީ ވަކި ނަސްލަކަށް ނިސްބަތް ވާތީ ނޫންކަމާއި މޮޅުކަން ލިބެން އޮތީ ތަގުވާވެރި ވުމުންކަން އުންމަތަށް އަންގަވާފައެވެ. މަސްޖިދުއްނަމިރާ ކީރިތި ރަސޫލާ (މުހައްމަދު ސޢވ)އަށް އިގްތިދާވުމުގެ ގޮތުން މަސްޖިދުއް ނަމިރާގައި ޚުތުބާ ދެއްވާ އިމާމު އެ ވަގުތު ހުންނަވަނީ ޢަރަފާތުން ބޭރުގައެވެ. ނަމިރާ މިސްކިތް ބިނާކޮށްފައިވަނީ އަރަފާތުގެ ޖަބަލުއްރަޙުމާގެ ކައިރީގައިވާ ވާދީ ޢުރަނާ ގައެވެ. ޢަރަފާތު ބިމާއި މިސްކިތާ ވަކިވާ ސަރަހައްދު ފާހަގަކޮށްފައި ހުރެއެވެ. މި މިސްކިތުގައި އެއްފަހަރާ 400،000 މީހުންނަށް ނަމާދުކުރެވޭ ވަރުގެ ޖާގަހުރެއެވެ. ނަމިރާ މިސްކިތް އެންމެ ފުރަތަމަ ބިނާކުރީ އައްބާސީ ޚިލާފަތުގެ ދުވަސްވަރުގައެވެ. އެ މިސްކިތަށް އެންމެ ފުރަތަމަ ކިޔާފައިވާ ނަންތަކުގެ ތެރޭގައި މަސްޖިދު އިބްރާހީމުލްޚަލީލު މަސްޖިދް ޢަރަފާތު، މަސްޖިދު ޢުރަނާ ހިމެނެއެވެ. މިހާރު ކިޔަނީ މަސްޖިދުއްނަމިރާގެ ނަމުންނެވެ. އަރަފާތު ދުވަހުގެ ޚުތުބާ އިއްވަނީ މަސްޖިދުއްނަމިރާގައި މެންދުރު ނަމާދަށް ފަހުގައެވެ. ޙައްޖު ދުވަހުގެ މެންދުރު ނަމާދަށް ފަހު މަސްޖިދުއްނަމިރާގައި ޚުތުބާ ދެނީ ކީރިތި ރަސޫލާ (ސައްލައްﷲ ޢަލައިހި ވަސައްލަމަ) ޙައްޖަތުލްވަދާއުގައި ދެއްވި މި ތާރީޚީ ޚުތުބާއަށް ތަބާވެ އެކަލޭގެފާނުގެ ސުންނަތަށް އިޤްތިދާވުމުގެ ގޮތުންނެވެ. މުސްލިމުން ޙައްޖުގެ އަޅުކަން ކުރަމުންގެންދަނީ ވެސް ޙައްޖަތުލްވަދާޢުގައި އެއްލައްކައަށް ވުރެ ގިނަ މުސްލިމުންނާއެކު އެކަލޭގެފާނު ޙައްޖުކުރެއްވި ގޮތަށެވެ. މަސްޖިދުލް މަޝްއަރުލް ހަރާމް އަރަފާތުގެ ބިމުގައި ޙައްޖުވެރިން މެންދުރު ނަމާދާއި އަސްރު ނަމާދުކުރާނީ ގަސްރުކޮށް ޖަމްއުކޮށް (ޖަމްއު ތަގްދީމް) ކޮށެވެ. އެއީ، ކީރިތި ރަސޫލާ ވެސް ޙައްޖަތުލްވަދާއުގައި އަރަފާތު ދުވަހު މެންދުރުނަމާދާއި އަސްރު ނަމާދު ކުރެއްވި ގޮތެވެ. ނަމިރާ މިސްކިތަކީ އަހަރަކު އެއް ދުވަހު ނަމާދުކުރާ މިސްކިތެކެވެ. އެއީ، އަރަފާތު ދުވަހުއެވެ. ޖިބްރީލްގެފާނު އިބްރާހީމްގެފާނުގެ ވަށައިގެން ތަވާފް ކުރައްވައި ދެ ބޭފުޅުން ތައާރަފުވެ ވަޑައިގަތީ އަރަފާތުގައި އިބްރާހީމްގެފާނު (އަލައިހިއްސަލާމް)، މައްކާގައި އުޅުއްވި ދުވަސްވަރު އެކަލޭގެފާނު ވަށައިގެން ސަލާމް ލެއްވި ޖިބްރީލުގެފާނު ތަވާފް ކުރައްވައި ޖިބްރީލްގެފާނަކީ ކޮން ބޭފުޅެއްކަން އިބްރާހީމްގެފާނަށް ތައާރަފުވެ ވަޑައިގެންނެވި ކަމަށްވަނީ އަރަފާތުގެ ބިމުގައެވެ. މިއަދުގެ ބޮޑުބައި ޢަރަފާތުގެ ބިމުގައި ހޭދަކުރުމަށް ފަހު އިރު އޮއްސޭންފެށުމުން ޙައްޖުވެރިން ދާނީ މުޒްދަލިފާއަށެވެ. މި ރެއަކީ އަޟްޙާ ޢީދުވިލޭރެއެވެ. މިރޭ ޙައްޖުވެރިން ތިބޭނީ މުޒްދަލިފާގައެވެ. މުޒްދަލިފާ މުޒްދަލިފާއަކީ އަރަފާތާއި މިނާއާދެމެދު އޮންނަ ބިމެކެވެ. މުޒްދަލިފާއަށް ގޮސް ޙައްޖުވެރިން މަޣްރިބް ނަމާދާއި އިޝާނަމާދު ކުރާނީ ގަސްރުކޮށް ޖަމްޢުކޮށް (ޖަމްއު ތައުޚީރު) ކޮށެވެ. އެއްބަންގިއާއި ދެ ގަމަތް ދޭ ގޮތަށެވެ. އެއީ ކީރިތި ރަސޫލާ އަމަލުކުރެއްވި ގޮތެވެ. އެކަލޭގެފާނު އެގޮތަށް މުޒްދަލިފާގައި ނަމާދު ކުރެއްވީ މުޒްދަލިފާގައި އެ ދުވަސްވަރު ބިނާކުރެއްވި މަޝްއަރުލްހަރާމް މިސްކިތުގައެވެ. މިހާރު މި މިސްކިތް ހުންނަނީ ވަރަށް ރީތިކޮށް ބިނާކޮށްފައެވެ. މުޒްދަލިފާގައި ރޭކުރުން މުޒްދަލިފާގައި ނިދާލުމަށް ފަހު ފަތިސްވުމުން ފަތިސްނަމާދުކުރުމަށް ފަހު އެތަނުން ހިލަ ހޮވައިގެން މިރޭ ފަތިހު ޙައްޖުވެރިން ދާނީ އަނެއްކާ ވެސް މިނާއަށެވެ. މުޒްދަލިފާއާއި މިނާއަކީ ވަރަށް ކައިރީގައިވާ ދެ ތަނެވެ. ދުރުމިނަކީ ފަސް ވަރަކަށް ކިލޯމީޓަރެވެ. އެހެންކަމުން މުޒްދަލިފާއިން މިނާއަށް ޙައްޖުވެރިން އާންމު ގޮތެއްގައި ދާނީ ހިނގާފައެވެ. އުޒުރުވެރިން ދާނީ ވެހިކަލްތަކުގައެވެ. ޙައްޖުގެ މަޝާއިރުތައް ކުރިއަށްދަނީ މިނާއާއި އަރަފާތާ އަދި މުޒްދަލިފާގެ އިތުރުން މައްކާގެ ހަރަމްފުޅުގައެވެ. ޙައްޖުވެރިން އަރަފާތުން މުޒްދަލިފާއަށް އަދި މުޒްދަލިފާއިން މިނާއަށް ނަފްރާކުރުމާއި ހިލައުކުން މިއަދުގެ އިރު އޮއްސޭއިރު ޙައްޖުވެރިން އަރަފާތުން މުޒްދަލިފާއަށް ނަފްރާ ކުރާނެއެވެ. އަދި، ފަތިހު މުޒްދަލިފާއިން މިނާއަށް ގޮސް ޙައްޖުވެރިން އުޟްޙިޔާ ނުވަތަ ހަދްޔު ކަތިލާނެއެވެ. މިކަން ކުރިއަށްގެންދާނީ ޙައްޖުވެރިން ފައިސާ ދެއްކުމުން ކަމާބެހޭ ސައޫދީ މުއައްސަސާތަކުންނެވެ. އެއަށް ފަހު ޖަމްރާތަކަށް ހިލަ އުކުމަށްޓަކައި ޙައްޖުވެރިން ޢީދު ދުވަހުގެ އިތުރުން އަދި ތިން ދުވަސްވަންދެން މިނާގައި މަޑުކުރާނެއެވެ. އަދި ބޯބާލައި ނުވަތަ ކުރުކޮށް ބޯކޮށާނެއެވެ. މިނާ މިނާއަކީ ދެ ފަރުބަދަ ދެމެދުގައި އޮންނަ ވާދީއެކެވެ. މިނާގެ ބޮޑުމިނަކީ ގާތްގަނޑަކަށް ސޯޅަ ޕޮއިންޓް އަށެއް އަކަ ކިލޯމީޓަރެވެ. އެއީ، މައްކާގެ ހަރަމްފުޅުގެ ތެރޭގައި ހިމެނޭ ބިމެކެވެ. މިނާއާއި މުޒްދަލިފާއާ ދެމެދު ހުންނަނީ ފަސް ކިލޯމީޓަރެވެ. މިނާގައި ޙައްޖުވެރިން ތިބުމަށް ފޭލިގެތައް ޖަހާފައިވެއެވެ. ތަހައްލުލުވުން އަވަހަށް ތަހައްލުލުވާން ބޭނުންވާ ޙައްޖުވެރިން މިނާގައި ތިބޭނީ އެއް ދުވަހު ނުވަތަ ދެ ދުވަހެވެ. އެއަށް ފަހު މައްކާގެ ހަރަމްފުޅަށް ގޮސް ތަވާފުލް އިފާޟާކޮށް ސަޢްޔު ކުރުމުން ޙައްޖުގެ އަޅުކަން ނިމުނީއެވެ. ޢަރަފާތު ބިމަށް ދިޔުމުގެ ކުރިން ޙައްޖުވެރިން ކީރިތި ރަސޫލުﷲ ސައްލައްﷲ ޢަލައިހި ވަސައްލަމަގެ ސުންނަތަށް އިޤްތިދާވުމުގެ ގޮތުން މިނާއަށްގޮސް ތަރްވިޔާގެ ދުވަހުގައި މިނާގައި ތިބޭނެއެވެ. އަރަފާތަށް ދާނީ މިނާއިންނެވެ. ޙައްޖުގެ މަޝްޢަރުތަކުގެ ތެރެއިން ކުރިން ދެންނެވުނު އަރަފާތުގެ ބިމަކީ މައްކާގެ ހަރަމްފުޅާ ވިހި ކިލޯމީޓަރު ދުރުގައިވާ ބިމެކެވެ. އެ ބިމުގެ ބޮޑުމިނަކީ ގާތްގަނޑަކަށް ދިހައެއް ޕޮއިންޓް ހަތަރެއް އަކަ ކިލޯމީޓަރެވެ. އެބިން ވަކިވާގޮތަށް ސައޫދީންވަނީ ފާހަގަތައް ޖަހާފައެވެ. މަސްޖިދުލް ޚައިފު މުޒްދަލިފާއަކީ މައްކާގެ ހަރަމްފުޅާ ބާރަ ކިލޯމީޓަރު ދުރުގައިވާ ބިމެކެވެ. މުޒްދަލިފާގެ ބޮޑުމިނަކީ ގަތްގަނޑަކަށް ބާރަ އަކަ ކިލޯމީޓަރެވެ. މަސްޖިދު މަޝްޢަރުލްހަރާމް ހުންނަނީ މުޒްދަލިފާގައެވެ. މުޒްދަލިފާގައި ކީރިތި ރަސޫލާ ރޭކުރެއްވިއިރު ނަމާދުކުރެއްވި މިސްކިތްކޮޅެވެ. މިނާއަކީ މައްކާގެ ހަރަމްފުޅުގެ އިރުން ފަސްކިލޯމީޓަރު ދުރުގައިވާ ތަނެކެވެ. ޖަމްރާތައް ހުންނަނީ މިނާގައެވެ. އަގަބާގައި ކީރތި ރަސޫލާ ބައިއަތު ހިއްޕެވީ ޖަމްރާތަކުގެ ސަރަހައްދުގައި މިނާގައި ޖަމްރާތައް ހުންނަ ސަރަހައްދަކީ ކީރިތިރަސޫލާ ރަސޫލުކަމާގެން ފޮނުއްވިތާ ބާރަ ވަނައަހަރާއި ތޭރަވަނަ އަހަރު މަދީނާގެ އައުސް ވަންހައާއި ޚަޒްރަޖު ވަންހައިގެ މީހުންނާ އެކަލޭގެފާނު ބައްދަލުކުރައްވައި ބައިއަތު ހިއްޕެވި ސަރަހައްދެވެ. އަގަބާގެ ފުރަތަމަ ބައިއަތު އަގަބާގެ ފުރަތަމަ ބައިއަތު ހިއްޕެވީ ކީރިތި ރަސޫލާ މުހައްމަދު (ސައްލައްﷲ ޢަލައިހި ވަސައްލަމަ) ރަސޫލުކަމާގެން ފޮނުއްވިތާ 12 ވަނަ އަހަރު މަދީނާގެ 12 މީހުންނާ އެކުގައެވެ. އަގަބާގެ ދެވަނަ ބައިއަތު ކީރިތި ރަސޫލާ ރަސޫލުކަމާގެން ފޮނުއްވިތާ 13ވަނަ އަހަރު އަގަބާގެ ދެވަނަ ބައިއަތު ހިއްޕެވީ މަދީނާގެ 75 މީހުންނާ އެކުގައެވެ. އެއީ، 73 ފިރިހެނުންނާއި ދެ އަންހެނުން ހިމެނޭގޮތަށެވެ. ބައިއަތު ހިއްޕެވީ މަދީނާގައި އިސްލާމް ދީން ފެތުރުމަށާއި މަދީނާއަށް ހިޖްރަ ކުރެއްވުމަށް މަގުފަހި ކުރެއްވުމުގެ ގޮތުންނެވެ. އަދި، މަޝްހޫރު ޚީފު މިސްކިތް ވެސް ހުންނަނީ ޖަމްރާތަކުގެ ސަރަހައްދުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ