ސިފައިންގެ ޤާބިލުކަން އިތުރުކުރުމަށް މިދައުރުގެތެރޭގައި ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުން: ޗީފް އޮފް ޑިފެންސް ފޯސް

މިދައުރުގެ ތެރޭގައި އަސްކަރިއްޔާ ހަރުދަނާކޮށް، ޤާބިލުކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ވިދާޅުވެއްޖެއެވެ. މިހެން ވިދާޅުވީ ސިފައިންގެ ދުވަހާ ގުޅިގެން ދައުލަތުގެ މީޑިއާއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައެވެ.
ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވި ގޮތުގައި، ކޮންމެ ދުވަސުވަސްވަރެއްގައިވެސް، އެދުވަސްވަރެއްގައި ޤައުމަށް ދިމާވަމުންދިޔަ ކަންކަމަށް ކުރިމަތިލުމަށް އަސްކަރިއްޔާގެ ޤާބިލުކަން އިތުރުކުރުމަށް މަސައްކަތްތަކެއް ކުރެވިފައިވެއެވެ. ނަމަވެސް، ޒަމާނީ ބަދަލުތަކާއި ދުނިޔެއަށް އަންނަމުންދާ ބަދަލުތަކާއެކު އަސްކަރިއްޔާއަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ވޭތުވެދިޔަ އަހަރުތަކުގައި މާބޮޑެތި މަސައްކަތްތަކެއް ކުރެވިފައި ނުވާކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ."އަހަރުތަކެއް ވަންދެން އެހެން އޮތްނަމަވެސް މިދައުރުގެ ތެރޭގައި، އަސްކަރިއްޔާ ހަރުދަނާކޮށް، ޤާބިލުކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން މިހާރުވެސް ފެންނަމުންދޭ،" ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވިއެވެ.މިގޮތުން، ސިފައިންގެ އިތުރު ބަހާއެއްގެ ގޮތުގައި "އެއަރ ކޯރ" އުފައްދާފައިވާކަމަށާއި، އަސްކަރިއްޔާގެ އެއްގަމުގެ ބާރުތައް ވަރުގަދަކުރުމަށްވެސް މަސައްކަތް ކުރެވިފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން، އިތުރު "އާމާޑް ވެހިކަލް" ތަކެއް ޚިދުމަތަށް ނެރެފައިވާކަންވެސް ފާހަގަކުރެއްވިއެވެ.ޗީފް އޮފް ޑިފެންސް ފޯސް އިތުރަށް ވިދާޅުވީ، މިދައުރުގެ ތެރޭގައި އަސްކަރިއްޔާގެ ޤާބިލުކަން އިތުރުކޮށް، ރާއްޖޭގެ ސަރަޙައްދު ބެލެހެއްޓުމުގެ ފުރިހަމަ ޤާބިލުކަން ދިވެހި އަސްކަރިއްޔާއަށް ކަށަވަރުވެގެންދާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ