ސެންޓާ އެންޓަޕްރައިޒަސްއިން ކޯޓަށް ވަގު ލިޔުންތައް ހުށަހެޅި މައްސަލަ ފުލުހަށް ސެންޓާ އެންޓަޕްރައިޒަސްއިން ކޯޓަށް ވަގު ލިޔުންތައް ހުށަހެޅި މައްސަލަ ފުލުހަށް

ސެންޓާ އެންޓަރޕްރައިސަސް ކުންފުނިން ދައުލަތުގެ އެކި އިދާރާތަކަށް ފޯރުކޮށްދީފައިވާ ކަމަށް ބުނާ ހިދުމަތްތަކަށް ދައްކަން ޖެހޭ ފައިސާ ހޯދަން ކޯޓަށް ހުށަހެޅި މައްސަލަތަކުގައި ސައްހަ ނޫން ލިޔެކިޔުންތަކެއް ހުށަހެޅި ކަމަށް ތުހުމަތުކުރެވޭ މައްސަލަ ބަލަން ފުލުސް އޮފީހަށް ހުށަހަޅަން ބަންޑާރަ ނައިބު (އޭޖީ) އޮފީހުން ނިންމައިފި އެވެ.
މިކަމާ ގުޅިގެން އޭޖީ އޮފީހުން ނެރުނު ބަޔާނެއްގަިއ ބުނީ ދައުލަތަށް ރައްދުވާ ގޮތަށް ސިވިލް ކޯޓަށް ހުށަހެޅި ދެ މައްސަލައެއްގައި ސެންޓާ އެންޓަޕްރައިޒަސްއިން ސައްހަ ނޫން ލިޔެކިޔުންތަކެއް ހުށަހަޅާފައިވާ ކަމަށް ގަބޫލުކުރެވޭތީ، އެ މައްސަލަ ތަހުގީގުކުރަން ފުހުންގެ ހިދުމަތުގައި އެދިފައިވާ ކަމަށެވެ،
އޭޖީ އޮފީހުން ބުނި ގޮތުން ސެންޓާ އެންޓަޕްރައިޒަސްއިން އިން 2006-2008 އާ ދެމެދު ފޯރުކޮށްދީފައިވާ ކަމަށް ބުނާ ހިދުމަތްތަކަށް ފައިސާ ހޯދަން ތިން މައްސަލައެއް ކޯޓަށް ހުށަހަޅާފައިވެ އެވެ. އެއީ އެންވަޔަރަންމަންޓް މިނިސްޓްރީއަށް ސަޕްލައިކޮށްދީފައިވާ ކަމަށް ބުނާ ކަޅުހަންތަކަކާ ގުޅޭ މައްސަލައަކާއި ޑިޕާޓްމަންޓް އޮފް މެޑިކަލް ސާވިސަސްއަށް ސަޕްލައިކުރި ކަމަށް ބުނާ މެޑިކަލް އިކުއިޕްމަންޓްތަކަކާ ގުޅޭ ދެ މައްސަލައެކެވެ.
ދައުލަތުން މި މައްސަލަތަކުގައި ކޯޓުގައި ވަކާލާތުކުރަމުން ވެސް އެ ކުންފުނިން ހުށަހެޅި ލިޔުންތަކާ މެދު ސުވާލު އުފައްދާފައިވެ އެވެ. އަދި އޭރު ވެސް ދައުލަތުން އެދުނީ މިއީ ދަައްކަން ނުޖެހޭ ފައިސާ ކަމަށް ކަނޑައަޅައިދިނުމަށް ކަމަށް އޭޖީ އޮފީހުން ބުނެފައިވެ އެވެ.
މި މުއާމަލާތްތަކާ ގުޅޭ މައްސަލަތަކުގައި ސިވިލް ކޯޓުންނާއި ހައި ކޯޓުން އިއްވި ހުކުމްތައް އިސްތިއުނާފުކޮށްފައިވާ ކަަމަށް ވެސް އެ އޮފީހުން ބުނެފައިވެ އެވެ.
އޭގެ އިތުރުން މި މައްސަލަތަކާ ގުޅިގެން ދައުލަތުގެ ހުރި ކަންބޮޑުވުންތައް އޮޑިޓާ ޖެނެރަލް އޮފީހާ ހިއްސާކޮށް، މި މައްސަލަތަކާ ގުޅޭ ހާއްސަ އޮޑިޓެއް ދަނީ ކުރިއަށެވެ. އޭޖީ އޮފީހުން ބުނީ މި އޮޑިޓުގައި މިހާތަނަށް ފާހަގަކުރެވިފައިވާ ކަންކަން ހިމެނޭ ޕްރިލިމިނަރީ ރިޕޯޓެއް އެ އޮފީހާ ހިއްސާކޮށްފައިވާ ކަމަށެވެ.
އޮޑިޓުން ފާހަގަވީ ކަންކަމުގެ ތެރޭގައި ސައްހަ ނޫން އިންވޮއިސްއެއް ހުށަހެޅި މައްސަލައަކާއި، ރާއްޖެއަށް އެތެރެ ވެސް ނުކުރާ ބައެއް މެޑިކަލް ސާމާނު ޑިޕާޓްމަންޓު އޮފް މެޑިކަލް ސާވިސަސްއަށް ސަޕްލައިކޮށްދިން ކަމަށް ސެންޓާ އެންޓަޕްރައިޒަސްއިން ހުށަހަޅާފައިވާ ޑެލިވަރީ ނޯޓުތަކާއި އިންވޮއިސްތަކުގައި ބަޔާންކޮށްފައިވާކަން ހިމެނެ އެވެ. މި ވަގު އިންވޮއިސްގެ މައްސަލަ މި ނޫހުން ވާނީ ކުރިން ރިޕޯޓުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ