ސައުދީ-ރާއްޖެ ފޯރަމްގެ ހުށަހެޅުންތައް އޯއައިސީއަށް ހުށަހަޅަން އެދިއްޖެ

ސައުދީ އަރަބިއްޔާގެ އޯވަސައިޓް އެންޑް އެންޓި ކޮރަޕްޝަން އޮތޯރިޓީ (ނަޒާހާ)އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާ ގުޅިގެން އިންތިޒާމުކުރި "ސައުދީ މޯލްޑިވްސް އިންޓަނޭޝަނަލް ފޯރަމް އޮން އިންޓެގްރިޓީ 2025"ގައި ފާސްކުރެވުނު ހުށަހެޅުންތައް، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމަށާއި، އޯއައިސީގެ ދެން އޮންނަ އެންޓި ކޮރަޕްޝަން މިނިސްޓީރިއަލް ބައްދަލުވުމަށް ރަސްމީކޮށް ހުށަހެޅުމަށް ނިންމައިފިއެވެ. މި އަހަރުގެ މެއި ހަޔަކުން ހަތަކަށް ބޭއްވުން ބައިނަލްއަގުވާމީ މި ފޯރަމުގައި "ކޮމްބެޓިން ކޮރަޕްޝަން އެންޑް ސްޓްރެންތެނިން އިންޓެގްރިޓީ އިން ދަ ޓޫރިޒަމް ސެކްޓާ" މި ޝިއާރުގެ ދަށުން، 50 އަށްވުރެ ގިނަ ގައުމުތަކުން 190އަށްވުރެ ގިނަ ބައިވެރިން ބައިވެރިވިއެވެ. މީގެ ތެރޭގައި އިސް ފެންވަރުގެ ސަރުކާރު އޮފިޝަލުންނާއި، ދާއިރާގެ މާހިރުންނާއި، އަދި ބައިނަލްއަަގުވާމީ ޖަމިއްޔާތަކުގެ މަންދޫބުން ހިމެނެއެވެ. ނަޒާހާ އާއި އޭސީސީ ގުޅިގެން އިންތިޒާމުކުރި މި ފޯރަމުގައި، ފަތުރުވެރިކަމުގެ ދާއިރާގެ ހިންގުމުގެ ހާމަކަން ބޮޑުކުރުމާއި، ޖަވާބުދާރީވުން އިތުރުކުރުމާއި، އަދި ގައުމުތަކުގެ މެދުގައި އެއްބާރުލުން ހަރުދަނާކުރުމަށް އަމާޒުކޮށްފައިވާ މުހިންމު ހުށަހެޅުންތަކެއް ވަނީ ފާސްކޮށްފައެވެ. އޭސީސީން ބުނީ އޯއައިސީ މެންބަރު ގައުމުތަކުގެ މެދުގައި ކޮރަޕްޝަން ހުއްޓުވުމަށް ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ މެދުގައި އެއްބާރުލުން ދިނުމާބެހޭ މައްކަތުލް މުކައްރަމާ ކޮންވެންޝަން އަވަހަށް ސޮއިކޮށް ތަސްދީގު ކުރުމަށް ގޮވާލާފައިވާ ކަމަށެވެ. މީގެ އިތުރުން، ފޯރަމުގައި، ފަތުރުވެރިކަމުގެ ދާއިރާގައި ނަޒާހަތްތެރިކަން އިތުރުކޮށް ކޮރަޕްޝަނުގެ ހިރާސް ކުޑަކުރުމަށް އެކުލަވާލެވިފައިވާ "ހައި-ލެވެލް ޕްރިންސިޕަލްސް" ބަލައިގަތް ކަމަށް ވެސް ބުންޏެވެ. މި އުސޫލުތަކުގެ މައިގަނޑު މަގުސަދަކީ އދ.ގެ ކޮރަޕްޝަނާ ދެކޮޅު މުއާހަދާއާ އެއްގޮތަށް، ހާމަކަން ބޮޑުކުރުމާއި، ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމާއި، ސްޓޭކްހޯލްޑަރުންގެ މެދުގައި އެއްބާރުލުން އިތުރުކުރުމެވެ. ފޯރަމުން ވަނީ "ސްޓެޓިސްޓިކަލް، އިކޮނޮމިކް އެންޑް ސޯސިއަލް ރިސާޗް އެންޑް ޓްރެއިނިން ސެންޓާ ފޯ އިސްލާމިކް ކަންޓްރީސް (ސެސްރިކް)"އިން ޓޫރިޒަމް ދާއިރާގައި ކޮރަޕްޝަނާ ގުޅޭގޮތުން ހަދާފައިވާ ދިރާސާތައް ފާހަގަކޮށް، ރަނގަޅު އާދަތަކުގެ ގައިޑްލައިނެއް އެކުލަވާލުމަށް ތާއީދުކޮށް، ދެން އޮންނަ ފޯރަމަށް އަމަލީ އިރުޝާދުތަކެއް ހުށަހެޅުމަށް ގޮވާލާފައެވެ. އޭސީސީން ބުނީ ފޯރަމުގައި ބައިވެރިވި މަންދޫބުން، ޔޫއެންއޯޑީސީގެ ގްލޯބީ ނެޓްވޯކް އަދި އިންޓަޕޯލް ފަދަ ނެޓްވޯކްތަކުގައި އިތުރަށް ބައިވެރިވުމަށް ހިތްވަރުދިން ކަމަށެވެ. އަދި ގްލޯބީ ނެޓްވޯކުތަކުން ފަތުރުވެރިކަމުގެ ދާއިރާއާއި ގުޅުންހުރި ކޮރަޕްޝަނުގެ ހިރާސް ކުޑަކުރުމުގެ މަސައްކަތްތަކުގައި އިތުރަށް ބައިވެރިވުމަށް ދައުވަތުދިން ކަމަށެވެ. ފޯރަމު ނިމިގެން ދިޔައީ މޮރޮކޯގައި ދެން އޮންނަ ފޯރަމު ބޭއްވުމަށް ހުށަހަޅައި، މި ހަރަކާތް އިންތިޒާމުކޮށް ކާމިޔާބުކޮށްދިނުމުގައި ނަޒާހާ އަދި އޭސީސީން އަދާކުރި މުހިންމު ދައުރަށް ޝުކުރު އަދާކުރަމުންނެވެ. މި ހުށަހެޅުންތައް އޯއައިސީއަށް ހުށަހެޅުމުގެ މައިގަނޑު މަގުސަދަކީ، ފޯރަމުގައި ހުށަހެޅުނު ޚިޔާލުތަކާއި ހުށަހެޅުންތައް އޯއައިސީގެ ގައުމުތަކުގެ މުއައްސަސާތަކުގެ ތެރެއަށް ތައާރަފުކުރުމާއި، ފަތުރުވެރިކަމުގެ ދާއިރާގައި ކޮރަޕްޝަނުގެ ހިރާސް ކުޑަކުރުމަށް އަމަލީ ގޮތުން ތަންފީޒުކުރެވޭނެ ފިޔަވަޅުތަކެއް އެޅުމަށް މަގުފަހިކުރުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ