މާތްﷲއަށް ވަކީލު ކުރުމަކީ ނަޞްރާއި ކާމިޔާބަށް ވާސިލުކޮށްދޭ ކަމެއް، ދުޢާކުރުމުގައި ލަދުނުގަނޭ: ޚުތުބާ

ކަންކަމުގައި މާތްﷲއަށް ވަކީލު ކުރުމަކީ ނަޞްރާއި ކާމިޔާބަށް ވާސިލުކޮށްދޭ ކަމެއް ކަމަށާއި އެހެންކަމުން މާތްﷲއަށް ދުޢާކުރުމުގައި ލަދުނުގަތުމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ. މިއަދުގެ ހުކުރު ޚުތުބާ ޚާއްސަކޮށްފައި ވަނީ "ނަޞްރުގެ މައްސަރު"، މި މައުޟޫއުގެ މައްޗަށެވެ. ޚުތުބާގައި ބުނީ ބަރަކާތްތެރި ރަމަޟާންމަހަކީ މާތްﷲ، އެ މަހެއްގައި ނުހަނު ގިނަގުނަ ދަރުމައާއި ނަޞްރު ދެއްވުން ލައްވަވައިފައިވާ މައްސަރެއް ކަމަށެވެ. އެގޮތުން ހިޖުރައިން ދެވަނަ އަހަރު ރަމަޟާން މަހުގެ ސަތާރަވަނަ ދުވަހު ބަދުރު ހަނގުރާމަ ކުރެވުނުކަމަށާއި، އެ ހަނގުރާމައަކީ އިސްލާމީ ތާރީޚުގައި ކުރެވުނު ފުރަތަމަ ހަނގުރާމަ ކަމަށް ޚުތުބާގައި ހަނދާންކޮށްދިނެވެ. ބަދުރު ހަނގުރާމައަކީ އިސްލާމީ އުންމަތަށް އެތައް ފިލާވަޅުތަކެއް ލިބުނު ހާދިސާއަކަށްވާއިރު، އޭގެ ތެރެއިން އެއް ފިލާވަޅަކީ ކަންކަމުގައި މަޝްވަރާގެ ރިވެތި އުސޫލު ބޭނުންކުރުން ކަމަށް ޚުތުބާގައި ބުންޏެވެ. ކީރިތި ރަސޫލާ މި ހަނގުރާމައިގެ ކަންތައްތަކާ މެދު މުހާޖިރުންނާއި އަންޞާރުންނާ މަޝްވަރާކުރެއްވި ކަމަށް ޚުތުބާގައި ބުންޏެވެ. ބަދުރު ހަނގުރާމައިން ލިބުނު ދެވަނަ ފިލާވަޅަކީ ވެރީންނަށް ކިޔަމަންގަތުމުގެ މާތް ސިފައެވެ. އެކަން ފާހަގަކޮށް ޚުތުބާގައި ބުނީ މުހާޖިރުންނާއި އަންޞާރުންގެ ފަރާތްޕުޅުން ފެނުނު ކިޔަމަންތެރިކަމަކީ އެ ކަމުގެ ރިވެތި މިސާލެއް ކަމަށެވެ. ޖިހާދުކުރުމުގެ އިޒުނަ އައުމުން އެ ބޭކަލުން އެ ކަމަށް އިޖާބަ ދެއްވި ގޮތުން އެނގި ހާމަވީ އެ ބޭކަލުންގެ ކިޔަމަންތެރިކަން ކަމަށާއި ބަދުރު ހަނގުރާމައިގެ ދުވަހު މުހާޖިރުންނާއި އަންޞާރުން ކީރިތިރަސޫލާއަށް އެރުވި މަޝްވަރާއިން ވެސް އެކަން ހާމަވާ ކަމަށް ޚުތުބާގައި ބުންޏެވެ. ބަޔަކު ނަމާދު ކުރަނީ --- ސަން ފޮޓޯ އެގޮތުން ޤުރައިޝުން މުސްލިމުންނާ ކުރިމަތިލާން އަންނަކަމުގެ ޚަބަރު ކީރިތި ރަސޫލާ އެކަލޭގެފާނުގެ އަޞްޙާބު ބޭކަލުންގެ ތެރެއިން އަބޫބަކުރުގެފާނާއި ޢުމަރުގެފާނަށް ދެއްވުމުން އެ ބައިމީހުންނާ ކުރިމަތިލެއްވުމަށް ތާއީދުކުރެއްވިކަމަށް ޚުތުބާގައި ބުންޏެވެ. އަދި އެއަށް ފަހު މިޤްދާދު ބިން ޢަމްރު ވިދާޅުވިއެވެ. އޭ ﷲގެ ރަސޫލާއެވެ. ﷲ އިރާދަކުރެއްވި ގޮތަށް ކުރިޔަށް ވަޑައިގަންނަވާށެވެ! ތިމަންމެން ވާހުށީ ކަލޭގެފާނާއެކުގައެވެ. ބަނީއިސްރާއީލުގެ މީހުން މޫސާގެފާނާ މުޚާޠަބުކުރި ފަދައިން ތިމަންމެން ނުދަންނަވާހުށީމެވެ. ކިޔަމަންތެރިކަމުގެ ކޮން ފަދަ ރިވެތި ނަމޫނާއެއްތޯއެވެ! އީމާންކަމުގެ ކިހައި ފުރިހަމަކަމެއްތޯއެވެ! ހުކުރު ޚުތުބާ ޚުތުބާގައި ވަނީ އަހަރެމެންނާ ހަމައަށް އިސްލާމް ދީން ފޯރުކޮށް ދެއްވުމަށް އެބޭކަލުން އެ ވެވަޑައިގަތް ޤުރުބާނީ އަހުރެމެން ބަލައިގަންނަނީ ކިހާވަރަކަށްތޯ ސުވާލުއުފައްދައިފައެވެ. ބަދުރު ހަނގުރާމައިން ލިބުނު ތިންވަނަ ފިލާވަޅަކީ އަޞްޙާބު ބޭކަލުންގެ ޤުރުބާނީއެވެ. އެކަން ފާހަގަކުރައްވައި ޚުތުބާގައި ބުނީ އެ ދުވަހު ބަދުރުގެ މައިދާނުގައި ކީރިތި ރަސޫލާ ހުއްޓިވަޑައިގެން ހުންނެވުމަށް ޚާއްސަ ކުރެވިފައިވާ ޢަރީޝްކޮޅުގައި އެކަލޭގެފާނު ހުއްޓިވަޑައިގެން ހުންނެވި އިރު، އެކަލޭގެފާނުގެ ހަށިފާރައަށް އަބޫބަކުރުގެފާނާއި ސަޢުދުބުން މުޢާޛުގެފާނު މަޑުކުރެއްވި ކަމަށެވެ. އަދި ހަނގުރާމަ ފެށި އިރުކޮޅެއްވީ ތަނާ ކީރިތި ރަސޫލާ މުސްލިމުންގެ ލަޝްކަރަށް ހިތްވަރު ދެއްވަމުން ގެންދެވިއެވެ. އަދި އަޞްޙާބުންގެ ތެރެއިން އަންޞާރިއްޔަ ބޭކަލަކުކަމުގައިވާ ޢުމައިރު ބުނު ޙުމާމު، ޖޯޝާއި ފޯރީގައި ހަނގުރާމައިގެ މައިދާނަށް ނުކުމެ ވަޑައިގެން ޤުރައިޝުންގެ ލަޝްކަރާ ކުރިމަތިލައްވައި އެ ކަލޭގެފާނު ޝަހީދުވި ކަމަށް ޚުތުބާގައި ބުންޏެވެ. އިސްލާމީ މަރުކަޒުގައި ހުކުރު ހުތުބާ އަޑުއަހަނީ -- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން ބަދުރުގެ ދުވަހުގައި ޝަހީދުވެ ދިޔައީ ސާދަ ބޭކަލުންނެވެ. އޭގެ ތެރޭގައި ޒުވާން ޞަޙާބީން ހިމެނިވަޑައިގަތްކަމީ އަހަރެމެންގެ ޒުވާނުން ޢިބުރަތް ލިބިގަންނާން ޖެހޭ ކަމެއް ކަމަށް ޚުތުބާގައި ބުންޏެވެ. އަދި އެއީ އިސްލާމްދީނުގެ ދަންމަރު ނެގެހެއްޓުމުގައި ޒުވާނުންގެ ދައުރު އިންތިހާއަށް މުހިއްމުކަމުގެ އިޝާރާތެއް ކަމަށް ޚުތުބާގައި ބުންޏެވެ. ޚުތުބާގައި ވަނީ އެކަމުގެ މިސާލުތައް ވެސް ބަޔާންކޮށްދީފައެވެ. ބަދުރުގެ ދުވަހުގައި އުމުރުން އެންމެ ސޯޅަ އަހަރުފުޅުގައި ޢުމައިރު ބުނު އަބީ ވައްޤާޞް ޝަހީދުވިއެވެ. އެކަލޭގެފާނު ލަޝްކަރުގައި ބައިވެރިކޮށް ދެއްވުމަށް އެދި ދެންނެވުމުން އެކަލޭގެފާނުގެ އުމުރުފުޅުގެ ހަގުކަމާ ހުރެ، އެކަލޭގެފާނު ހަނގުރާމައިގައި ބައިވެރިކުރެއްވުމަށް ކީރިތި ރަސޫލާ ފުރަތަމަ ހުއްދައެއްނުދެއްވިއެވެ. އެހެނަސް އެކަލޭގެފާނު އިތުރަށް އެ ކަމަށް އާދޭސް ކުރައްވައި ކީރިތި ކުރެއްވުމުން ލަޝްކަރުގައި ބައިވެރިވުމަށް ހުއްދަދެއްވީއެވެ. އެ މިސާލު ނަގައި، ޚުތުބާގައި ވަނީ އުމުރުފުޅުން އެންމެ ސޯޅަ އަހަރުގައި އިސްލާމްދީނުގެ ދިފާއުގައި ކާފިރުންގެ ކުރިމައްޗަށް ނިކުންނަވައި ޖިހާދުކުރެއްވުމުގެ ޝައުގުވެރިކަން އެ ލިބުނީ ކޮން ފަދަ އީމާންތެރިކަމަކާ ކޮން ފަދަ ކިޔަމަންތެރިކަމެއްގެ ސަބަބުންތޯ ސުވާލުއުފައްދާފައެވެ. ހަމައެއާއެކު ޚުތުބާގައި ބުނީ ބަދުރުގެ ދުވަހުގައި ސަޢުދުގެފާނާއި އެކަލޭގެފާނުގެ ބައްޕާފުޅު ޚައިޘަމާގެ ޖިހާދަކީ ވެސް އަހަރެމެން އިބުރަތް ލިބިގަންނާން ޖެހޭނެ ޖިހާދެއް ކަމަށެވެ. ދަރިފުޅާއި ބައްޕަ ޖިހާދުކޮށް ޝަހީދުވުމުގެ ޝައުގުވެރިކަން ހުރެމެ، އެ ދެބޭކަލުންނަށް އެއް ފަހަރާ ހަނގުރާމައިގައި ބައިވެރިވެވަޑައިގެންނެވޭން ނެތުމުން ސަޢުދުގެފާނު ބަދުރުގެ ދުވަހުގައި ބައިވެރިވެވަޑައިގަތްއިރު ޚައިޘަމާ ހުންނެވީ އާއިލާގެ ކަންކަން ބެލެހެއްޓެވުމުގައި ކަމަށް ޚުތުބާގައި ބުންޏެވެ. އަދި އެ ދުވަހު ސަޢުދުގެފާނު ޝަހީދުވިއިރު އުޙުދު ހަނގުރާމައިގެ ދުވަހު ޚައިޘަމާ ޝަހީދުވި ކަމަށް ޚުތުބާގައި ބުންޏެވެ. އިސްލާމީ މަރުކަޒަށް ނަމާދަށް މީހުން އަރާ މަންޒަރު -- ސަން ފޮޓޯ/ ފަޔާޒު މޫސާ ބަދުރު ހަނގުރާމައިން ލިބުނު ހަތަރުވަނަ ފިލާވަޅަކީ މާތްﷲއަށް ވަކީލުކުރުމާއި ދުޢާކުރުމުގެ މުހިއްމުކަން ކަމަށް ޚުތުބާގައި ބުންޏެވެ. ކަންކަމުގައި މާތްﷲއަށް ވަކީލު ކުރުމަކީ ނަޞްރާއި ކާމިޔާބަށް ވާސިލުކޮށްދޭ ކަމެއް ކަމަށް ޚުތުބާގައި ބުންޏެވެ. ދުޢާއަކީ މުއުމިނުންގެ ހަތިޔާރެވެ. ކަންކަމުގައި ﷲ ޙަޟުރަތުގައި ދުޢާ ދެންނެވުމަށް ލަދުގަނެގެން ނުވާނެއެވެ. އެކަލާނގެއީ އަޅުތަކުންގެ ދުޢާ އިޖާބަކުރައްވާ ރަސްކަލާނގެއެވެ. އެކަލާނގެއަށް ބިރުވެތި އިޚްލާޞްތެރި ހިތަކުން ދުޢާކުރުމަކީ އެ ދުޢާއެއް އިޖާބަވުމަށް އޮތް ބާރެކެވެ. ހުކުރު ޚުތުބާ މިއަދުގެ ޚުތުބާގައި ހަނދާންކޮށްދިނީ، ބަދުރު ހަނގުރާމައިގެ ދުވަހު ކީރިތި ރަސޫލާ އިސްލާމީ އުންމަތަށް ދެއްކެވީ ކެތްތެރިކަމާއި ސާބިތުކަމާއި، ވަކީލުކޮށްގެން މާތްﷲއަށް ދުޢާ ދެންނެވުމުގައި ގެންގުޅޭންޖެހޭނޭ އެންމެ ފުރިހަމަ ނަމޫނާކަން ކަމެވެ. އަދި އެކަލޭގެފާނު ދެ އަތްޕުޅު މައްޗަށް ނަންގަވައި ދުޢާކުރައްވައި ކީރިތިކުރައްވައި އެކަލޭގެފާނުގެ ދެލޯފުޅުން ކަރުނަފޮދު އޮހޮރުނު ކަމަށާއި، އެކަލޭގެފާނުގެ ކޮނޑުފުޅުގައި އޮތް ރިދާކޮޅު ވެއްޓެމުންދަނިކޮށް އަބޫބަކުރުގެފާނު ވަޑައިގެން އެކަލޭގެފާނުގެ ރިދާކޮޅު ނަންގަވައި ކޮނޑުފުޅު ނިވައިކޮށް ދެއްވިކަމަށް ޚުތުބާގައި ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ