ގާޒާގެ ފަލަސްތީނު ރައްޔިތުން އެހެން ގައުމުތަކަށް ބަދަލުކުރުމަށް އެމެރިކާގެ ރައީސް ޓްރަމްޕްގެ ހުށަހެޅުމަށް ގިނަ ފަރާތްތަކަކުން ދެކޮޅުހަދާއިރު، ސޫދާން، ސޯމާލިޔާ އަދި ސޮމާލިލޭންޑްގެ ސަރަހައްދުތައް ބޭނުންކުރުމަށް އެމެރިކާއާއި އިޒްރޭލުން މަޝްވަރާކުރަމުންދާކަމަށް އެސޯސިއޭޓެޑް ޕްރެސް އިން ބުނެފި އެވެ.
އެމެރިކާއާއި އިޒްރޭލުން އިރުމަތީ އެފްރިކާގެ ތިން ސަރުކާރެއްގެ އިސް ވެރިންނާ ގުޅައި، ޓްރަމްޕްގެ ހުށަހެޅުމުގެ ދަށުން ގާޒާގެ ފަލަސްތީނު ރައްޔިތުން ބަދަލުކުރުމަށް އެފްރިކާގެ އެ ތިން ސަރަހައްދު ބޭނުންކުރުމާބެހޭ ގޮތުން މަޝްވަރާކުރަމުންދާކަން އެސޯސިއޭޓެޑް ޕްރެސްއަށް އެމެރިކާއާއި އިޒްރޭލްގެ އޮފިޝަލުންވަނީ މައުލޫމާތު ދީފަ އެވެ.
ސޫދާން، ސޯމާލިޔާ އަދި ސޮމާލިލޭންޑް އާއެކު ކުރެވޭ މި މަޝްވަރާތަކަކީ ގާނޫނީ އަދި އަޚްލާގީ ގޮތުން ބޮޑެތި މައްސަލަތަކެއް އުފައްދާފައިވާ، އަދި ގިނަ ފަރާތްތަކުން ބޮޑަށް ކުށްވެރިކޮށްފައިވާ މި ޕްލޭން ކުރިއަށް ގެންދިއުމަށް އެމެރިކާއާއި އިޒްރޭލުން ދަނީ މަސައްކަތްކުރަމުންނެވެ. އެފްރިކާގެ މި ތިން ގައުމަކީވެސް ފަގީރު، އަދި ބައެއް ހާލަތްތަކުގައި ހަމަނުޖެހުންތަކުން ފުނޑުފުނޑުވެފައިވާ ގައުމުތަކަކަށްވުމުން، ގާޒާގެ ފަލަސްތީނު ރައްޔިތުން "ރީތި ސަރަހައްދެއްގައި" އަލުން ވަޒަންވެރިކުރުވާނެކަމަށް ޓްރަމްޕް ވިދާޅުވެފައިވާ ވާހަކައާމެދު ސުވާލު އުފެދެއެވެ.
ސޫދާނުގެ އޮފިޝަލުން ބުނެފައިވަނީ އެމީހުން އެމެރިކާގެ ހުށަހެޅުން ބަލައިނުގަންނަ ކަމަށެވެ. ސޯމާލިޔާ އަދި ސޮމާލިލޭންޑްގެ އޮފިޝަލުން އެސޯސިއޭޓެޑް ޕްރެސްއަށް ބުނިގޮތުގައި އެމީހުންނަށް މިފަދަ އެއްވެސް މަޝްވަރާއެއްގެ މައުލޫމާތެއް ލިބިފައި ނެތެވެ.
ޓްރަމްޕްގެ ޕްލޭންގެ ދަށުން، ގާޒާގެ ދެ މިލިއަނަށްވުރެ ގިނަ މީހުން ދާއިމީކޮށް އެހެން ތަންތަނަށް ފޮނުވާލުމަށް ހުށަހަޅާފައިވެ އެވެ. އޭނާ ހުށަހަޅާފައިވަނީ އެމެރިކާއިން އެ ސަރަހައްދުގެ މިލްކުވެރިކަން ނަގައި، ދިގު މުއްދަތަކަށް ސާފުކުރުމުގެ މަސައްކަތް ބެލެހެއްޓުމަށްފަހު، އެތަން ރިއަލްއެސްޓޭޓް މަޝްރޫއެއްގެ ގޮތުގައި ތަރައްގީކުރާށެވެ.
ފަލަސްތީނު ރައްޔިތުން ގަދަކަމުން ބަދަލުކުރުމުގެ ޚިޔާލަކީ ކުރީގައި އިޒްރޭލްގެ ހުވަފެނެއް ކަމަށް ބެލެވުނެވެ. އެހެންނަމަވެސް ޓްރަމްޕް މިދިޔަ މަހު ވައިޓް ހައުސްގައި ބޭއްވި ބައްދަލުވުމެއްގައި މި ޚިޔާލު ހުށަހެޅުމަށްފަހު، އިޒްރޭލްގެ ބޮޑުވަޒީރު ނަތަންޔާހޫ މިއީ "ހިތްވަރުގަދަ" ކަމެއްގެ ގޮތިގައި ސިފަކޮށް ތައުރީފުކޮށްފައިވެ އެވެ.
ގާޒާގެ ފަލަސްތީނު ރައްޔިތުން ބަދަލުކުރުމުގެ މަޝްރޫއުގެ ދަށުން އެމެރިކާއާއި އިޒްރޭލުން އިރުމަތީ އެފްރިކާގެ ގައުމުތަކާ މަޝްވަރާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ