މެޓާ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި "ކޮމިއުނިޓީ ނޯޓްސް" ފަށަނީ
މެޓާ ކުންފުނިން ފޭސްބުކް، އިންސްޓަގްރާމް އަދި ތްރެޑްސްގައި "ކޮމިއުނިޓީ ނޯޓްސް" މޮޑެލް މި މަހުގެ 18 ވަނަ ދުވަހު އެމެރިކާގައި ޓެސްޓުކުރަން ފަށާނެ ކަަމަށް އެކުންފުނިން ބުނެފިއެވެ. މި ނިޒާމަކީ އިންސާނީ ފެކްޓް ޗެކަރުންގެ ބަދަލުގައި ބޭނުންކުރާނެ ނިޒާމެކެވެ. މެޓާއިން ބުނާގޮތުގައި، މި ނިޒާމު މަސައްކަތްކުރާނީ އެކްސް (ކުރީގެ ޓްވިޓާ) ގައި ހުރި ކޮމިއުނިޓީ ނޯޓްސް އާއި އެއްގޮތަށެވެ. ފުރަތަމަ މަރުހަލާގައި، މެޓާއިން އެކްސްގެ އޯޕަން-ސޯސް އެލްގޮރިދަމް ބޭނުންކުރާނެއެވެ. މިއީ އެކްސްއިން އުފައްދާފައިވާ އެއްޗެއްގެ މައްޗަށް ބިނާކޮށް، މެޓާގެ ޕްލެޓްފޯމްތަކަށް ފެތޭގޮތަށް ރަނގަޅުކޮށްފައިވާ ނިޒާމެއް ކަމަށް މެޓާއިން ބުނެފައިވެއެވެ. ފޮޓޯ: ރޮއިޓާސް މިހާތަނަށް ފޭސްބުކް، އިންސްޓަގްރާމް އަދި ތްރެޑްސްގައި ގާތްގަނޑަކަށް 200,000 މީހުން ކޮމިއުނިޓީ ނޯޓްސް ކޮންޓްރިބިއުޓަރުންގެ ގޮތުގައި ސައިން އަޕްކޮށްފައިވެއެވެ. މެޓާއިން ބުނާގޮތުގައި ނޯޓެއް ޝާއިޢުކުރެވޭނީ އާންމުކޮށް އެއްބަސް ނުވާ މީހުން އެ ނޯޓަކީ ބޭނުންތެރި މަޢުލޫމާތެއް ކަމަށް ނިންމާނަމައެވެ. މިއީ ތަޢައްސުބުން ސަލާމަތްވުމަށް ކުރެވޭ ކަމެއްކަމަށް މެޓާއިން ބުނެފައިވެއެވެ. މެޓާގެ ސީއީއޯ މާކް ޒަކަބާގް ވަނީ ޖަނަވަރީ މަހު ރައީސް ޑޮނަލްޑް ޓްރަމްޕް އަލުން އިންތިޚާބުވުމަކީ އެ ކުންފުނިން އޭގެ އެޕްރޯޗް ބަދަލުކުރުމުގެ ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަމަށް ބުނެފައެވެ. މިއީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ސަގާފީގޮތުން އައި ކުރިއެރުމެއް ކަމަށް ޒަކަބާގް ވިދާޅުވެފައިވެއެވެ. ކޮމިއުނިޓީ ނޯޓްސް ފުރަތަމަ އިނގިރޭސި، ސްޕޭނިޝް، ޗައިނީސް، ވިއެޓްނަމީސް، ފަރަންސޭސި އަދި ޕޯޗުގީޒް ބަހުން ލިބެން ހުންނާނެއެވެ. ފަހުން އިތުރު ބަސްތަކަށް ފުޅާކުރާނެކަމަށްވެސް މެޓާއިން ބުނެފައިވެއެވެ. ނަމަވެސް ދިރާސާތަކުން ދައްކާގޮތުގައި މިފަދަ ކޮމިއުނިޓީ ނޯޓްސް ނިޒާމުތަކުން އެކްސްގައި ދޮގު މަޢުލޫމާތު ފެތުރުން ހުއްޓުވުމަށް އެހާ ބޮޑު ކާމިޔާބީއެއް ލިބިފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ