މަސްވެރިންނަށް ފައިސާދެނީ ދަރަންޏަށް ފައިސާ ނަގައިގެން: ނާޒިލް
މި ސަރުކާރުން މަސްވެރިން ބާނާ މަހަށް އުޖޫރަދެނީ ދަރަންޏަށް ފައިސާ ނަގައިގެން ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހީމް ނާޒިލް މިރޭ ވިދާޅުވެއްޖެއެވެ. ނާޒިލް މިހެން ވިދާޅުވީ އެމްޑީޕީން ކުރިޔަށް ގެންދާ ސިލްސިލާ މުޒާހަރާގައި ބައިވެރިވެ ވަޑައިގެން ވާހަކަ ދައްކަވަމުންނެވެ. އެމްޑީޕީން ކުރިޔަށް ގެންދާ ސިލްސިލާ އިހުތިޖާޖުގެ ތެރެއިން -- ފޮޓޯ/ އެމްޑީޕީ ނާޒިލް ވިދާޅުވީ މަސްވެރިންނަށް ލިބެންވާ ފައިސާކޮޅު މިހާރު އެ ލިބެނީ ވެސް، މަސްވެރިންނާއެކު އެމްޑީޕީން އަޑު އުފުލައިގެން ސަރުކާރަށް ކުރި ޑިމާންޑުތަކުގެ ސަބަބުން ކަމަށެވެ. އެހެން ނޫން ނަމަވެސް މިހާރު އެ ލިބޭ ފައިސާކޮޅު ވެސް ނުލިބޭނެ ކަމަށް ވިދާޅުވިއެވެ. ނާޒިލް ވިދާޅުވި ގޮތުގައި މި ސަރުކާރުން މަސްވެރިންނަށް ބޮޑެތި އަދަދުތަކުން ފައިސާދޭ ވާހަކަ އާންމުކުރަނީ އާންމު ރައްޔިތުންގެ މެދުގައި މަސްވެރިންނާމެދު ނުރަނގަޅު ތަސައްވުރެއް އުފެއްދުމަށެވެ. އެހެން ނަމަވެސް މަސްވެރިންނަށް ސަރުކާރުން ދޭ ފައިސާއަކީ، އެ މީހުން ބާނާ މަހަށް ހައްގުވާ އުޖޫރަކަން ނާޒިލް ފާހަގަ ކުރެއްވިއެވެ. "ކުޑަ އަގެއްގައި މަސްކޮޅު ގަނެފައި، އެއަށް ލާރީފައި، ޖެހިގެން އަންނަ ދުވަހު މިނިސްޓްރީގެ ވެބްސައިޓުގައި އެ ފައިސާދޭ ވާހަކަ ދެއްކީމާ ހީވަނީ ސަރުކާރުން ބަޖެޓުގައި ޖަހައިގެން ފައިސާތަކެއް ދެނީހެން. އެހެން ނަމަވެސް މަސްވެރިން ކުރާ މަސައްކަތުން އެ މީހުންނަށް ދޭން ޖެހޭ އުޖޫރަ ދެނީ," ނާޒިލް ވިދާޅުވިއެވެ. މަސްވެރިން ކިރާ މަހަށްވާ ފައިސާ، އެ މީހުންނަށް ލިބުމުގައި ލަސްވާ މައްސަލަ ބޮޑުވެގެން މަސްވެރިން ވަނީ މީގެކުރިން އެކި ފަހަރުމަތުން އިހުތިޖާޖު ވެސް ކޮށްފައެވެ. މި ސަރުކާރުން ވެރިކަމަށް އައީ، މަސްވެރިން ކިރާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާދޭނެ ކަމުގެ ވައުދާ އެކުގައެވެ. އެ ވައުދާ އެއްގޮތަށް އެންމެ ފުރަތަމަ ފައިސާ ދޫކުރީ މިދިޔަ 2024ވަނަ އަހަރުގެ މަސްވެރިންގެ ދުވަހުގައެވެ. ބީއެމްއެލްގައި އެކައުންޓް ހުޅުވާފައިވާ މަސް ދޯނިތަކުން މަސް ކިރާތާ 48 ގަޑިއިރު ތެރޭ ފައިސާ ޖަމާކުރަން ބީއެމްއެލާ އެކުވަނީ އެއްބަސްވުމެއްގައި ވެސް ސޮއިކޮށްފައެވެ. އެހެން ނަމަވެސް އިސްލާމިކް ބޭންކް (އެމްއައިބީ)ގައި އެކައުންޓް ހުޅުވާފައި ހުރި މަސް ދޯނިތަކަށް 48 ގަޑިއިރު ތެރޭ އަދި ފައިސާ ޖަމައެއް ނުވާނެއެވެ. އެ ދޯނިތަކަށް ވެސް 48 ގަޑިއިރު ތެރޭ ފައިސާ ޖަމާކުރެވޭނެ ގޮތެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. މި ފަހުން އިދިކޮޅު އެމްޑީޕީން ދަނީ ސިލްސިލާ ގޮތެއްގައި މާލޭގައި އިހުތިޖާޖުތަކެއް ކުރަމުންނެވެ. މިއީ ސިލްސިލާ އިހުތިޖާޖުގެ ހަތްވަނަ ރެއެވެ. މި އިހުތިޖާޖުގައި އެމްޑީޕީން އެންމެ ބޮޑަށް އަޑުއުފުލަނީ، ބޯހިޔާވަހިކަން ހައްގުވާ މީހުންނަށް ފްލެޓާއި ގޯތި ނުލިބުމާއި، ސަރުކާރުން ދައުލަތުގެ ބާރުތަކަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ބުނެއެވެ. މި އިހުތިޖާޖުތަކުގެ ތެރެއިން ބައެއް ރޭރޭ ފުލުހުންނާ ކުރިމަތިލުންތައް ހިނގި ނަމަވެސް، މިރޭގެ އިހުތިޖާޖު ކުރިޔަށް ގެންގޮސްފައިވަނީ އެ ފަދަ އެއްވެސް ކަމެއް ނެތި ވަރަށް ސުލްހަވެރިކަމާއެކުއެވެ. މިރޭގެ އިހުތިޖާޖުގައި ވެސް ކުރީގެ މަޖިލިސް މެންބަރުންނާއި އެމްޑީޕީ ގައުމީ މަޖިލީހުގެ މެމްބަރުންގެ އިތުރުން، އެ ޕާޓީގެ އާންމު މެންބަރުން ބައިވެރިވިއެވެ. އިހުތިޖާޖު ނިންމައިލީ ޗާންދަނީމަގާއި މަޖީދީމަގު ގުޅޭ ހަތަރު އަނގޮޅި ކަންމަތީގައި ކުރި ޚާއްސަ ދުއާއަކުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ