އޮސްޓްރޭލިއާގެ ބޮޑުވަޒިރުގެ ނައިބު މާދަމާ ރާއްޖެ ވަޑައިގަންނަވަނީ

އޮސްޓްރޭލިއާގެ ބޮޑުވަޒީރުގެ ނައިބު އަދި ޑިފެންސް މިނިސްޓަރު، ރިޗާޑް މާލްސް، މާދަމާ ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިއްޖެއެވެ. މިއީ ހައި ލެވެލް މީޓިންތަކެއްގައި ބައިވެރިވެ ވަޑައިގަތުމަށް ދެކުނު އޭޝިއާގެ ގައުމުތަކަށް ކުރައްވާ ދަތުރުފުޅެއްގެ ތެރެއިން ރާއްޖެއަށް ކުރައްވާ ޒިޔާރާތެކެވެ. މި ޒިޔާރަތުގައި ސަރުކާރުގެ އިސްވެރިންނާ ބައްދަލުކޮށް، މިހާރު ކުރިއަށްދާ އޮސްޓްރޭލިއަން ސަޕޯޓް ފޯ މޯލްޑިވްސް ސޮވެރިން ކޭޕެބިލިޓީ ޑިވެލޮޕްމަންޓާ ގުޅިގެން މަޝްވަރާކުރައްވާނެއެވެ. ރިޗާޑް މާލްސްގެ މި ދަތުރުފުޅާ ގުޅިގެން އޮސްޓްރޭލިއާގެ ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، އެ މަނިކުފާނު ދެކުނު އޭޝިޔާގެ ގައުމުތަކަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާއިން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކަމަށެވެ. މި ދަތުރުފުޅުގައި ދާޚިލީ ދާއިރާއާއިންނާއި ޑިޕްލޮމެޓިކް ގުޅުން އިތުރަށް ހަރުދަނާ ކުރެއްވުމަށް ޓަކައި، ދިވެހިރާއްޖެއާއި ސްރީލަންކާއާއި އިންޑޮނީޝިއާގެ ލީޑަރުންނާ ބައްދަލު ކުރައްވާނެއެވެ. އަދި ސްރީލަންކާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ވެސް ސޮވެރިން ކެޕެބިލިޓީ އިތުރުކުރުމުގައި އޮސްޓްރޭލިއާއިން ދެމުންގެންދާ އެހީތެރިކަމާ ގުޅޭ މަޝްވަރާތައް ކުރެއްވުމަށް ހަމަޖެހިފައިވެއެވެ. "އޮސްޓްރޭލިއާއިން އިންޑޯޕެސިފިކް ސަރަހައްދުގައި ހިމެނޭ އަވަށްޓެރި ގައުމުތަކާމެދު އޮތް ގުޅުމަށް އިހްތިރާމް ކުރަން. އަޅުގަނޑު އެދެނީ ލީޑަރުންނާ ބައްދަލުކޮށް، ސުލްހަވެރި، ރައްކާތެރި، އަދި ތަނަވަސް ސަރަޙައްދެއް ބައްޓަން ކުރުމަށް އަޅުގަނޑުމެން ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތަކާ ބެހޭގޮތުން އުފެއްދުންތެރި މަޝްވަރާތަކަށް މަރުހަބާ ކިޔުމަށް" ޑެޕިއުޓީ ޕްރައިމް މިނިސްޓަރު ވިދާޅުވިއެވެ. އެ މަނިކުފާނު އިންޑިއާއަށް ކުރައްވާ ދަތުރުފުޅު ދިމާވަނީ އެ ދެ ގައުމުގެ ދޭތެރޭގައި އޮތް ގުޅުމާއި ހިއްސާކުރާ ތަސައްވުރު ހާމަކޮށްދޭ، ކޮމްޕްރެހެންސިވް ސްޓްރެޓީޖިކް ޕާޓްނަޝިޕަށް ފަސް އަހަރު ފުރޭ ތާރީޚާއެވެ. މީގެ އިތުރުން، އެ މަނިކުފާނު އިންޑޮނީޝިއާއަށް ވަޑައިގެން، އިންޑޯޕެސިފިކް ސަރަހައްދުގެ ސަލާމަތާއި އަމާންކަމާ ގުޅޭ ގޮތުން، އެ ގައުމުގެ ވެރީންނާ ވެސް ބައްދަލު ކުރައްވާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ