ކުރީގެ ތިން ފަނޑިޔާރުންގެ މައްޗަށް ތުހުމަތުކުރެވޭ ޖިނާއީ ކުށުގެ ތަހުގީގު އަދިވެސް ނުނިމޭ: އޭސީސީ ކުރީގެ ތިން ފަނޑިޔާރުންގެ މައްޗަށް ތުހުމަތުކުރެވޭ ޖިނާއީ ކުށުގެ ތަހުގީގު އަދިވެސް ނުނިމޭ: އޭސީސީ

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު އާއި މަހާޒް އަލީ ޒާހިރު އަދި ހުސްނުއްސުއޫދުގެ މައްސަލަ އަދިވެސް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.
އޭސީސީގެ މީޑިއާ އޮފިޝަލް އައިޝަތު ސަމާ އަދަދު އަށް ވިދާޅުވީ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރުންގެ މައްސަލަ އަދިވެސް ދަނީ ތަހުގީގު ކުރަމުން ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ކުރިއެރުމެއް ލިބުނުތޯ މި ނޫހުން ސުވާލު ކުރުމުން ސަމާ ވިދާޅުވީ މިވަގުތު ހާމަކުރެވެން އޮތީ މައްސަލަ ތަހުގީގު ކުރަމުންދާ ވާހަކަ އެކަނި ކަމަށެވެ.
"ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރުންގެ މައްސަލަ އަދިވެސް ދަނީ ތަހުގީގު ކުރަމުން. މިވަގުތު ބުނެވެން އޮތީ އެވަރަށް،" އޭނާ ވިދާޅުވި އެވެ.
ކުރީގެ ފަނޑިޔާރު އަޒްމިރާލްދާ އާއި މަހާޒް އަދި ސުއޫދުގެ މައްޗަށް އޭސީސީން ހިންގަމުންދަނީ ޖިނާއީ ތަހުގީގެކެވެ. އެކަމާ ގުޅިގެން މިހާތަނަށް އެ ކޮމިޝަނުން އެއްވެސް ތަފްސީލެއް އާރްޓީއައި ހުށަހަޅައިގެން ވެސް ހާމައެއް ނުކުރެ އެވެ.
އޭސީސީން ތިން ފަނޑިޔާރުންގެ މައްސަލަ ބަލަން ފެށުމާއެކު، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ އެ ފަނޑިޔާރުންތައް ސަސްޕެންޑުކޮށް ސުލޫކީ މައްސަލައެއްގެ ގޮތުގައި ވަކި މައްސަލައެއް ބަލަން ފެށި އެވެ.
ތިން ފަނޑިޔާރުންގެ ތެރެއިން ހުސްނުއްސުއޫދު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނުފުޒު ފަނޑިޔާރުގެއަށް ކުރިމަތިވެފައިވާ ކަމަށް ވިދާޅުވެ، މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.
ޖޭއެސްސީން އަޒްމިރާލްދާ އާއި މަހާޒްއަށް ދިފާއުވުމުގެ ފުރުސަތު ވެސް ނުދެއްވައި، އެ ތިން ފަނޑިޔާރުން ވަކިކުރަން ވަނީ ނިންމައިފަ އެވެ. މިއާއެކު، އެ ނިންމުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން ކޮމިޓީ މަރުހަލާގައި ވެސް ދިފާއުވާން އެ ފަނޑިޔާރުންނަށް ފުރުސަތު ނުދީ، ސަރުކާރު ހިންގާ ޕީއެންސީގެ ސުޕަ މެޖޯރިޓީ ބޭނުންކޮށްގެން ވަކިކުރަން ވަނީ ފާސްކޮށްފަ އެވެ.
މި މައްސަލައިގެ މައުލޫމާތު ރަނގަޅަށް އެނގޭ ތަފާތު އެކި މަސްދަރުތަކުން ދިން މައުލޫމާތުތަކުން އެނގޭ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފުރިހަމަ ކޮންޓްރޯލް އޮންނަ ޖޭއެސްސީން ފަނޑިޔާރުން ސަސްޕެންޑު ކުރީ ސީދާ ސުޕްރީމް ކޯޓުގައި އޮތް ދުސްތޫރި މައްސަލަ ހުއްޓުވާލުމަށެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއް ސަސްޕެންޑުކޮށް, ސުލޫކީ މައްސަލަތައް ބަލަން ފެށީ ސިޔާސީ ޕާޓީއަކުން ވަކިކޮށްފި ނަމަ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނައި އިސްލާހު ބާތިލް ކުރަން ހުށަހަޅާފައި އޮތް މައްސަލައިގެ އަޑުއެހުމެއް ތާވަލުކުރި ދުވަހެވެ.
އެ މައްސަލަ ސުޕްރީމް ކޯޓުގައި ކުރިއަށް ދަނިކޮށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރަކު ވަކި ކުރަން މަޖުބޫރުވާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ ވެރިކަން ކުރާ ޕީއެންސީން ފެބްރުއަރީ 27، ގައި ބިލެއް ފާސްކުރި އެވެ. ނަމަވެސް އެ ބިލު ތަސްދީގު ނުކޮށް ރައީސް މުއިއްޒު އަނބުރާ މަޖިލީހަށް ވަނީ ފޮނުވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ