ޑިމޮކްރެޓްސްއިން ފާސްކުރީ އެ ޕާޓީގެ ހުރިހާ މެންބަރުން އެމްޑީޕީއާ ގުޅެން އިގުރާރުވާ ކަމަށް! ޑިމޮކްރެޓްސްއިން ފާސްކުރީ އެ ޕާޓީގެ ހުރިހާ މެންބަރުން އެމްޑީޕީއާ ގުޅެން އިގުރާރުވާ ކަމަށް!

އިދިކޮޅު އެމްޑީޕީ ތެރޭގައި އުފެދުނު ހިޔާލުތަފާތުވުންތަކަށްފަހު އެ ޕާޓީން ވަކިވެގެން ގޮސް އުފެއްދި ދަ ޑިމޮކްރެޓްސްގެ ހުރިހާ މެންބަރުން އަލުން އެމްޑީޕީއާ ގުޅުމަށް ޑިމޮކްރެޓްސްގެ ނެޝަނަލް އެސެމްބްލީން ފާސްކޮށްފި އެވެ.
ޑިމޮކްރެޓްސްގެ ނެޝަނަލް އެސެމްބްލީން އެގޮތަށް ފާސްކުރީ މިއަދު ހަވީރު ބޭއްވި ބައްދަލުވުމުގަ އެވެ. ކުރީގެ ރައީސް، މުހައްމަދު ނަޝީދުގެ އެދިވަޑައިގަތުމަކަށް އެ ގަރާރު ޑިމޮކްރެޓްސްގެ ނެޝަނަލް އެސެމްބްލީއަށް ހުށަހެޅުއްވީ އެ ޕާޓީގެ ވިމެން ޑިމޮކްރެޓްސް ލީޑަރު، ފާތިމަތު ހަމްދާ މުހައްމަދު އެވެ.
ޑިމޮކްރެޓްސްގެ ނެޝަނަލް އެސެމްބްލީގައި ބައިވެރިވެވަޑައިގެންނެވި ގިނަ މެންބަރުންގެ ތާއީދާއެކު ފާސްކުރި އެ ގަރާރުގައި އޮތީ ޑިމޮކްރެޓްސްގެ ހުރިހާ މެންބަރުން އެމްޑީޕީއާ އަލުން ގުޅެން އިގުރާރުވާ ކަމަށެވެ.
"ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަށާއި ރާއްޖޭގެ މުސްތަގުބަލު ރަނގަޅުކުރުމަށާއި ޖަވާބުދާރީ ކުރުވަނިވި ދައުލަތެއް ދެމިއޮތުމަށާއި ގިނަ ޕާޓީ އެކުލެވޭ ވާދަވެރި ސިޔާސީ ނިޒާމާ މެދު ގެއްލެމުންދާ އިތުބާރު އަނބުރާ އިޔާދަކުރުމުގެ މަސައްކަތް ހިންގުމަށް އެންމެ ރަނގަޅުގޮތަކީ ވަރުގަދަ އޮޕޮޒިޝަނެއް އޮތުން ކަމަށް ވުމާއި އެކަމަށްޓަކައި ގިނަ ބަޔަކު އެކުގައި މަސައްކަތްކުރުން މުހިންމު ކަމަށް ގަބޫލު ކުރެވޭ ހިިނދު، މި މަގުސަދު ހާސިލު ކުރުމަށް، ދަ ޑިމޮކްރެޓްސްގެ މެމްބަރުން އެމްޑީޕީއާ ގުޅުމަށް އިގުރާރުވަމެވެ،" ޑިމޮކްރެޓްސްއިން ފާސްކުރި ގަރާރުގައި ބުނެފައިވެ އެވެ.
އެ ގަރާރު ފާސްކުރުމާއެކު ނަޝީދު އާއި މަޖިލީހުގެ ކުރީގެ ނައިބު ރައީސް، އީވާ އަބްދުالله ވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ނިންމަވައިފަ އެވެ. އެ ދެ ބޭފުޅުންނާއެކު ޑިމޮކްރެޓްސްގައި އިސްކޮށް އުޅުއްވި ބައެއް އެހެން ބޭފުޅުން ވެސް އެމްޑީޕީއާ ގުޅިވަޑައިގަންނަން ނިންމަވާފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.
ނަމަވެސް އެ ގަރާރު ފާސްކުރުމާ ގުޅިގެން ޑިމޮކްރެޓްސްގެ ބައެއް މެންބަރުންގެ މެދުގައި ހިޔާލުތަފާތުވެ، ކޮންމެވެސް ވަރަކަށް ބަހުގެ ހަމަލާތައް ވެސް ރައްދު ކުރި އެވެ. ހިޔާލުތަފާތުވި ބައެއް މެންބަރުން ބުނީ ޑިމޮކްރެޓްސް ދޫކޮށް އެމްޑީޕީއަށް ނުދާނެ ކަމަށެވެ.
މިފަދަ ގަރާރެއް ޑިމޮކްރެޓްސްއިން މިއަދު ފާސްކުރިއިރު، އެމްޑީޕީގެ ޗެއާޕާސަން، ފައްޔާޒް އިސްމާއިލް އާއި ނަޝީދު އިއްޔެ ވަނީ ބައްދަލުކުރައްވައިފަ އެވެ. އެ ބައްދަލުވުމުގައި ދެއްކެވި ވާހަކަތަކުގެ ތަފުސީލު އަދި ހާމަ ނުކުރި ނަމަވެސް ބައްދަލުވުމަށްފަހު ފައްޔާޒް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގައުމު އަނބުރާ ހަމަމަގަށް އެޅުވޭނީ އިސްލާހަށް މަސައްކަތް ކުރާ އެންމެން އެކުގައި މަސައްކަތް ކޮށްގެން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ