ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖް ފަށައި ފޯރީގައި ކުރިއަށް
ގައުމީ ބޮޑީބޯޑިން ލީގުގައި ހިމެނޭ އެންމެ ދުވަސްވީ އެއް މުބާރާތް ކަމަށްވާ ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖް 2025 ފަށައިފިއެވެ. މާލޭގެ ވަރުނުލާ ރާޅުގަނޑު ސަރަހައްދުގައި ފެށި މި މުބާރާތުގައި މި އަހަރު 23 އެތުލީޓުން ވާދަކުރާ ކަމަށް ބޮޑީބޯޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެމްބީބީއޭ) އިން މައުލޫމާތުދެއެވެ. މުބާރާތުގައި ވާދަކުރާ އެތުލީޓުންގެ ތެރެއިން ޖޫނިއާ ބައިގައި ނުވަ އެތުލީޓުން ވާދަކުރާއިރު، ޑްރޮޕް ނީ ކެޓަގަރީގައިވެސް ނުވަ އެތުލީޓުން ވާދަކުރެއެވެ. ފުރަތަމަ ދުވަހު ކުރިއަށްދިޔައީ އޯޕަން ބައިގެ ފުރަތަމަ ބުރުގެ ހީޓުތަކެވެ. ރޭންކިންނަށް ބަލައި ފުރަތަމަ ހީޓްތަކަށް އެތުލީޓުން ކަނޑައަޅާފައިވާއިރު، ރޭންކިންގައި އެންމެ ވަރުގަދަ އަށް އެތުލީޓުން ވާދަކުރާނީ ދެވަނަ ބުރުން ފެށިގެންނެވެ. ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖް 2025 ގެ ތެރެއިން-- ސަން ފޮޓޯ/ މާނިއު މުހައްމަދު މިމަހުގެ 21 ގެ ނިޔަލަަށް ކުރިއަށްގެންދާ މި މުބާރާތަށް ނަން ދީފައިވަނީ ބުރުނު ނަކަތާ ގުޅުވާލައިގެންނެވެ. ބުރުނު ސީރީސްގެ އެންމެ ފުރަތަމަ އިވެންޓް ބާއްވާފައިވަނީ 2013 ވަނަ އަހަރެވެ. އެންމެފަހުން ބޭއްވި ބުރުނު ޝިކާރު މުބާރާތުގެ މެންސް ސީނިއާ ޑިވިޝަނުގެ ޗެމްޕިއަނަކީ އަލީ ހުޝްރުވާން އަހުމަދު (ކުޑަ އައްޔަ) އެވެ. ޑްރޮޕްނީ ޗެމްޕިއަނަކީވެސް ކުޑަ އައްޔައެވެ. ޖޫނިއާ ފިރިހެން ޗެމްޕިއަންކަން ހޯދީ ފުވައްމުލަކު ސިޓީގެ މުހައްމަދު އަޒާން އަހުމަދެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ