ޔުމްނު ވެއްޓުނު މައްސަލައިގައި ތުހުމަތު އަމާޒުވާ ރައުދު އަހުމަދު ޒިލާލްގެ ބޭބެ، ރައީސް އޮފީހުގެ އަންޑަ ސެކެޓްރީ ފޯ ޑިޖިޓަލް ސްޓްރެޓެޖީ ދާއޫދު ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރަށް ގުޅައި މެސެޖު ކުރި ނަމަވެސް، ކޮމިޝަނުގެ ތަހުގީގުގައި އެފަދަ ކަމެއް ކޮށްފައި ނުވާނެ ކަމަށް ބުނެ ދޮގު ހަދާފައިވާކަން ޔުމްނު މައްސަލައިގައި އުފެއްދި ރިޔާސީ ކޮމިޝަނުން މިއަދު އާންމުކުރި ރިޕޯޓުން ހާމަވެއްޖެ އެވެ.
ހަމައެހެންމެ، މި މައްސަލައިގައި ޔުމްނު ވެއްޓިފައި އޮތްކަމުގެ މައުލޫމާތު އެނގި ތިބެ އެކަން ކަމާބެހޭ ފަރާތްތަކަށް ދާއޫދު އަންގާފައި ނުވާކަން ވެސް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ. އެއީ ރައުދުއާ އެއްވަރަށް މިކަމުގައި ދައޫދު ވެސް އިހުމާލުވުން ކަމަށް ބަލައި އޭނާގެ މައްސަލަ އިދާރާތަކުން ތަހުގީގު ކުރުމަށް ވެސް ކޮމިޝަނުން ވަނީ ލަފާ ދީފަ އެވެ.
އެ ރިޕޯޓުގައިވާ ގޮތުން ދާއޫދު ބަޔާން ދެމުން ބުނެފައި ވަނީ ޔުމްނުގެ މައްސަލައިގައި ސަރުކާރުގެ އެއްވެސް އިސްވެރިއަކަށް ގުޅާފައި ނުވާނެ ކަމަށެވެ. "މިކަމާއި ގުޅިގެން ސަރުކާރުގެ ސީނިއާ އެއްވެސް މީހަކަށް، ފުލުހަކަށް، އަދި ވަޒީރަކަށް ގުޅާފައި ނުވާނެ ކަމަށް ދާއޫދު އަހުމަދު ބުނެފައިވޭ."
ނަމަވެސް މިނިސްޓަރު އިހުސާން ކޮމިޝަނަށް ދެއްވި ބަޔާނުގައި ވިދާޅުވީ އޭޕްރިލް 18، ގެ ރޭގަނޑު ދާއޫދު ގުޅުމުން ފޯނު ނަގައި ވާހަކަ ދެއްކެވި ކަމަށާއި އޭނާ ކުރި މެސެޖުތަކަށް ވެސް ޖަވާބު ދީފައިވާ ކަމަށެވެ. އޭނާއަކީ 2023 ގެ ރިޔާސީ އިންތިހާބުން ފެށިގެން ދަންނަ މީހެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ދާއޫދު އަހުމަދު ގުޅުމުން އެއް މިނެޓުގެ ކޯލެއް ނަގާފައިވާނެ ކަމަށާއި، އެ ފޯނަށް ޖަވާބުދީ އައިޑީ ކާޑޫ ނަންބަރު ފޮނުވައި ދިނުމަށް ވިދާޅުވެފައިވާނެ ކަމަށާއި އާންމު އުސޫލުންން ވެސް ކޮންމެ މީހަކު ގުޅި ނަމަވެސް އައިޑީކާޑު ނަންބަރު ފޮނުވައި ދިނުމަށް އެދޭ ކަމަށާއި، އެ ކޯލްގައި ހަނދާންވާ ގޮތުން ދާއޫދު އަހުމަދު ބުނެފައިވަނީ ކޮއްކޮ ހައްޔަރުކޮށްގެން ގޮސްފި ކަމަށާއި މައްސަލައިގެ ވަކި ތަފްސީލެއް ނުދީ ދާއޫދު އަހުމަދު އެހެން ބުނުމުން ބަލައިލާނެ ކަމަށް ވިދާޅުވެފައިވާނެ،" މިނިސްޓަރު ދިން ބަޔާނުގައި ވިދާޅުވި ކަމަށް ރިޕޯޓުގައި ބުންޏެވެ.
މެސެޖުތައް ދައްކުވައިދޭ ގޮތަށް ހަދާފައިވާ ފޮޓޯއެއް
ޔުމްނު ވެއްޓުނު ރޭ އޭނާ ހިމެނޭ ގޮތަށް ބޭއްވި "މަސްތު ޕާޓީ" ގައި ދާއޫދު ބައިވެރިވި ކަމަށް ތުހުމަތު ވަނީ ކުރެވިފަ އެވެ. ނަމަވެސް އޭނާ ކޮމިޝަނަށް ދިން ބަޔާނުގައި ބުނީ އެ ރޭ މއ. މާންދޫގޭދެކުނުގޭގައި އެއްވުމެއް އޮތްކަން އެނގޭތީ، އެތަނުގައި ތިބި މީހުންނަށް ގުޅޭތޯ ބަލާފައިވާ ކަމަށެވެ.
މިދިޔަ މެއި 5، ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ފުލުހުންގެ ފަރާތުން ދާއޫދުގެ އެއްވެސް ކަމެއް މިހާތަނަށް އައިސްފައި ނުވާ ކަމަށެވެ.
ނަމަވެސް ދާއޫދު ރައީސް އޮފީހުން ސަސްޕެންޑުކުރީ ސޯޝަލް މީޑިއާގައި ދައުރުވަމުންދިޔަ ފޮޓޯތަކުގެ މައްސަލައިގައި ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ ޔޫތު އެޑްވައިޒަރީ ބޯޑުން އިސްތިއުފާ ދޭން ދާއޫދުއަށް އަންގައި، ރައީސް އޮފީހުން ސަސްޕެންޑުކުރީ ސޯޝަލް މީޑިއާގައި ދައުރުވަމުންދިޔަ އޭނާގެ ކުރީގެ ފޮޓޯތަކާއި ގުޅިގެން އަޅާނުލައި ނުހުރެވިގެން ކަމަށެވެ.
"ދެން އަޅުގަނޑަށް އެކަމުގައި ހަމަ އުނދަގުލީ އަޅާ ނުލައި ދޫކޮށްލަން. އެ ފޮޓޯގެ ގޮތުން އިނގޭތޯ އެހެންވީމަ އަޅުގަނޑު ދެންނެވިން ޔޫތު އެޑްވައިޒަރީ ބޯޑުގެ ރައީސްކަމުން އިސްތިއުފާ ހުށަހަޅުއްވަން ދެންނެވިން. ދެން ރައީސް އޮފީހުގެ މަގާމުން އަޅުގަނޑު އެހެރީ މިހާރު ސަސްޕެންޑްކޮށްފައި، މުސާރަ ނުލިބޭ ގޮތަށް،" އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ ދާއޫދުއަށް ފިޔަވަޅު އެޅީ ދައުރުވަމުންދަނީ ކިޔަވަން ހުރި ދުވަސްވަރުގެ ފޮޓޯތަކެއް ކަމަށް އަމިއްލައަށް އެއްބަސްވެ، އެކަން އެންގުމުން ކަމަށެވެ.
ދާއޫދު ރައީސް އޮފީހުގެ މަގާމުން ވަކިނުކޮށް ހަމައެކަނި ސަސްޕެންޑު ކޮށްފައި ހުރުމުން އެކަމާ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދައި ފަޑުކިޔަމުންނެވެ.
ދާއޫދު އިހުސާނަށް ގުޅައި މެސެޖު ކުރި، ތަހުގީގަށް ހެދީ ދޮގު ދާއޫދު އިހުސާނަށް ގުޅައި މެސެޖު ކުރި، ތަހުގީގަށް ހެދީ ދޮގު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ