ޔުމްނު ގެޔަށް ދޫކޮށްލި ނަމަވެސް އޮތީ ބަޔާން ދެވޭ ހާލަތަކުއެއް ނޫން: އާއިލާ

ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ހައްވާ ޔުމްނު ރަޝީދު (21އ) ފަރުވާއަށް ފަހު ގެއަށް ދޫކޮށްލި ނަމަވެސް އަދި އޮތީ ތަހުގީގަށް ބަޔާން ދެވޭ ފަދަ ހާލެއްގައި ނޫން ކަމަށް އާއިލާގެ ފަރާތުން މިއަދު ބުނެފިއެވެ. އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ފުރާޅު މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ޔުމްނުއަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާތީ, އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދިނުމަށް ފަހު, އިތުރު ފަރުވާއަށް މެލޭޝިއާއަށް ގެންދިޔައީ އޭޕްރީމް މަހުގެ 26 ވަނަ ދުވަހުގެ ރެއެވެ. 'ސަން' އާ ވާހަކަދެއްކި ޔުމްނުގެ ބޭބެ މޫމިން މައުމޫން ބުނި ގޮތުގައި ޔުމްނު ގެއަށް ދޫކޮށްލީ މީގެ ހަފުތާއެއް ކުރިންނެވެ. ނަމަވެސް ޔުމްނު އަދިވެސް އޮތީ ބަޔާން ދެވޭ ހާލަތަކުއެއް ނޫން ކަމަށް އޭނާ ބުންޏެވެ. "ބްރެއިން އިންޖަރީސް ވެސް ލިބިފައި ހުރީ. އަދި މެންޓަލީ ވެސް ސްޓޭބަލްއެއް ނޫން. ހާލު ރަނގަޅުވަމުން ދިޔަ ނަމަވެސް އަދިވެސް އޮތީ އެނދުމަތީގައި،" ޔުމްނުގެ ބޭބެ ބުންޏެވެ. ޔުމްނު ރަޝީދު ވެއްޓުނު ހާދިސާގެ ތަހުގީގުކުރުމަށް އުފެއްދި ރިޔާސީ ކޮމިޝަނުން -- ފޮޓޯ/ ރައީސް އޮފީސް ޔުމްނުގެ ކޭސް ތަހުގީގުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގަރާރަކުން އުފެއްދެވި ރިޔާސީ ކޮމިޝަންގެ ތަހުގީގީ ރިޕޯޓު ނިންމައި މިއަދު ރައީސަށް ވަނީ ހުށަހަޅައިފައެވެ. އަދި އެ މަނިކުފާނު ވަނީ އެ ރިޕޯޓު އާއްމުކުރުމަށް ވެސް މިއަދު އަންގައިފައެވެ. އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު، މީގެ ކުރިން ފުލުހުން ވަނީ ޔުމްނުގެ ބަޔާން ނަގަން އާއިލާއިން އެއްބާރުލުން ނުދޭ ކަމަށް ބުނެފައެވެ. އެކަމާ ގުޅިގެން ޔުމްނުގެ ބޭބެ ބުނީ ބަޔާން ނުދިނީ ނޫން ކަމަށާއި، އެ ހާލަތުގައި އޮއްވައި ޔުމްނުއަށް ބަޔާން ދެވޭނެތޯ ވިސްނާލުމުން ވެސް ކޮންމެ މީހަކަށް ވެސް އޭނާއަށް ބަޔާން ނުދެވޭނެކަން އެނގޭނެ ކަމަށެވެ. އަދި އެއްބާރުލުން ނުދިނީއޭ ބުނެ، އެ ދައްކާ ވާހަކަތަކަކީ މުޅިން ދޮގެއް ކަމަށް އާއިލާގެ ފަރާތުން ޔުމްނުގެ ބޭބެ ބުންޏެވެ. މެލޭޝިއާއަށް ގެންދިޔަ ދުވަހުން ފެށިގެން ފުލުހުންގެ ތަހުގީގަށް ދިވެހި ދެ ފުލުހުން މެލޭޝިއާގައި ހަރަކާތްތެރި ވަމުން އަންނަ ކަމަށާއި އޭގެ ތެރެއިން އެއް ފުލުހަކީ މެޑިކަލް ޑޮކްޓަރެއް ކަމަށް ވެސް ފުލުހުން މީގެ ކުރިން ބުންޏެވެ. https://sun.mv/207401 ނަމަވެސް އެ ދުވަހާ ހަމައަށް، ތަކުރާރުކޮށް މުއާމަލާތުކުރަން މަސައްކަތް ކުރަމުން ގެންދިޔަ ނަމަވެސް، އަނިޔާ ލިބުނު އަންހެން މީހާގެ އާއިލާގެ ފަރާތުން ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ލިބިފައި ނުވާކަމަށް ފުލުހުން ބުންޏެވެ. އަދި، ޔުމްނުގެ ސިއްހީ ހާލަތާ ގުޅޭގޮތުން ވެސް ފުލުހުންނާ އެއްވެސް މައުލޫމާތެއް އެހާތަނަށް ހިއްސާކޮށްފައި ނުވާއިރު، މެލޭޝިއާގައި އޭނާއަށް ފަރުވާ ދެމުން ދިޔަ ހޮސްޕިޓަލް ބަދަލުކުރި އިރުވެސް ފުލުހުންނާ އެ މައުލޫމާތު ހިއްސާކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. ފުލުހުން މީގެ ކުރިން ބުނި ގޮތުގައި ޔުމްނު ވެއްޓުނީ އަމިއްލައަށެވެ. ނަމަވެސް ޔުމްނުގެ އާއިލާއިން ވަނީ އެ ވާހަކަ ވެސް ދޮގުކޮށްފައެވެ. ޔުމްނުގެ އާއިލާއިން މިދިޔަ މަހުގެ އަށް ވަނަ ދުވަހު އޭނާއާ ހަވާލާދީ ބުނި ގޮތުގައި، ހާދިސާ ހިނގި ހ. ފެންޓެނޯއީ ގޭގައި އުޅުނީ މި މައްސަލައިގައި ހައްޔަރުކުރި ރައުދު އަހުމަދު ޒިލާލާއި ޔުމްނު އެކަންޏެއް ނޫނެވެ. އެގޮތުން އިތުރު ހަތަރު މީހުން އުޅުނު ކަމަށް އާއިލާއިން ޔުމްނުއާ ހަވާލާދީ ބުނި ނަމަވެސް އެއީ ކޮން ބަޔަކު ކަމެއް ހާމަކޮށްފައެއްނުވެއެވެ. އެ މައްސަލައިގައި ރައުދު ހައްޔަރުކުރީ އޭޕްރީލް މަހުގެ 24ގައެވެ. އޭގެ ފަހުން އެކި ފަހަރު މަތިން އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރި ނަމަވެސް މިދިޔަ މަހުގެ 26ގައި، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ އިރުޝާދުގެ ދަށުން އޭނާ ވަނީ ދޫކޮށްލައިފައެވެ. އެ މައްސަލައިގައި ރައުދުގެ މައްޗަށް އުފުލީ، އެހީތެރިކަން ބޭނުންވެފައިވާ މީހަކަށް އެހީނުވުމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާގެ އަސާސީ އަދަބަކީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ