މިދިޔަ އަހަރުގެ ތެރޭ ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުންތަކެއް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް އިހާނެތި ބަސްތަކެއް ރައްދުކުރި މައްސަލައިގައި، ރާއްޖެ ބޮއިކޮޓްކުރަން ފެށި ކެމްޕޭނާ އެކު ފަތުރުވެރިކަމަށް ކުރިމަތިވި ހީނަރުކަމުން މި ވަނީ މަޑުމަޑުން އަރައިގަންނަން ފެށިފަ އެވެ. ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ މަހުގެ 28އާ ހަމައަށް:
އިންޑިއާއިން އައި ޓޫރިސްޓުންގެ އަދަދު ވަނީ 54،257 އަރާފައި
މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 1،549 މީހުން؛ %3 އިތުރު އަދަދެއް
އިންޑިއާގެ ޓޫރިސްޓުން އައި އަދަދު، ހީނަރުކަމުގެ ކުރީގެ އަދަދުތަކަށް ވުރެ މައްޗަށް ދިޔަ މިއީ ފުރަތަމަ ފަހަރެވެ. އިންޑިއާއިން އަންނަ ޓޫރިސްޓުންގެ އަދަދަށް ހީނަރުކަން ނާންނައިރު، މިދިޔަ އަހަރުގެ މޭ މަހުގެ ނިޔަލަށް އިންޑިއާއިން އައިސްފައި ވަނީ 52،708 ޓޫރިސްޓުންނެވެ.
މިދިޔަ އަހަރަށް ވުރެ އިންޑިއާ ޓޫރިސްޓުންގެ އަދަދު %3 އިތުރުވުމަކީ ހީނަރުކަމުން އަރައިގަނެވި ރަނގަޅު މިސްރާބަކަށް ދާކަމުގެ 'ފެހި ސިގްނަލެއް' ކަމަށް ދާއިރާގެ ބޭފުޅުން ވިދާޅުވެ އެވެ.
މިދިޔަ އަހަރު ރާއްޖެ އައި އިންޑިއާ ޓޫރިސްޓުންގެ އަދަދު %38އަށް ސޮއްސާލި އެވެ.
"އިންޑިއާ މާކެޓް ކުރިން ހުރި ވަރަށް ވުރެ ރަނގަޅުވެގެން އައުމަކީ އަޅުގަނޑު ދަންނަވާނީ ވަރަށް ރަނގަޅު ކުރިއެރުމެކޭ އަޅުގަނޑުމެންނަށް ހޯދުނު. ރަނގަޅު ސިގްނަލެއް މިއީ،" އެމްއެމްޕީއާރުސީގެ ޗެއާމަން އަބްދުﷲ ގިޔާސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، އެ ކުރިއެރުން ލިބުމުގެ އެންމެ ބޮޑު އަސްލަކީ، އެމްއެމްޕީއާރުސީން ވަރަށް ހާއްސަ ސަމާލުކަމެއް ދީގެން އިންޑިއާގައި ރާއްޖެ އިޝްތިހާރުކުރުމެވެ. އެގޮތުން:
އަބްދުﷲ ވިދާޅުވީ އިންޑިއާގައި ރާއްޖެ އިޝްތިހާރު ކުރަން އަށް ކެމްޕޭނެއް ހިންގަމުން އަންނަ ކަމަށް
އަދި އެ ކެމްޕޭންތައް ހިންގަނީ އާންމުކޮށް ހިންގާ އިޝްތިހާރުކުރުމުގެ ހަރަކާތްތަކާ ހިލާފަށް ރާއްޖޭގެ ރީތިކަން އިންޑިއާ ފަތުރުވެރިންނަށް ބޮޑަށް ފެންނާނެ ގޮތަށް
"މި މަސައްކަތްތަކާ އެކު އަޅުގަނޑު ދަންނަވާނީ ހާފް އަމިލިއަން މާކްއަށް އަޅުގަނޑުމެންނަށް ދެވޭނެ ދެ އަހަރު ތެރޭ އިންޑިއާ މާކެޓުން،" އަބްދުﷲ ވިދާޅުވި އެވެ.
މީގެ އިތުރަށް އިންޑިއާއިން ރާއްޖެ އަންނަ އެއާލައިންތަކާ ވެސް ވާހަކަދައްކައިގެން ރާއްޖެ އަންނަ ފްލައިޓްތައް އިތުރުކުރުމާއި އާ އެެއާލައިންތައް ރާއްޖެ ގެނެވޭތޯ ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
މިއަހަރުގެ އަމާޒަކީ އިންޑިއާއިން ރާއްޖެއަށް 200،000-300،000 ދެމެދުގެ އަދަދެއްގެ ޓޫރިސްޓުން ގެނައުމެވެ.
ރާއްޖެއިން މިހާރު ވަނީ، ޓޫރިޒަމް އިޝްތިހާރު ކުރަން ބޮލީވުޑްގެ ތަރި، ކެޓްރީނާ ކެއިފް ހަމަޖައްސައިފަ އެވެ. މިއަހަރުގެ އެއް މިލިއަން ވަނަ ޓޫރިސްޓަކީ ވެސް އިންޑިއާގެ ފަތުރުވެރިއެކެވެ.
އިންޑިއާގެ ފެހި ސިގްނަލުން ޓޫރިޒަމްގެ ހީނަރުކަމުން އަރައިގަނެވެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ