ޕޮޓްތަކެއްގައި ފޮރުވައިގެން އެތެރެކުރަން އުޅުނު 26 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

ގަސް ޕޮޓްތަކެއްގައި ފޮރުވައިގެން ރާއްޖެ އެތެރެ ކުރަން އުޅުނު 26 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސްއިން ރޭ އަތުލައިގެންފި އެވެ.
ތަފްސީލް - ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން އެކްސް ޕޯސްޓެއްގައި ވިދާޅުވީ ރޭ ކަސްޓަމްސްއިން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، 18 ކިލޯގެ މަސްތުވާތަކެތި ރާއްޖެ އެތެރެ ކުރަން އުޅެނިކޮށް އަތުލައިގެންފައިވާ ކަމަށާއި މި ތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 26 މިލިއަން ރުފިޔާއަށް އަރާނެ ކަމަށެވެ.
"ރާއްޖެ މަސްތުވާތަކެތިން އެއްކޮށް ސަލާމަތްކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ އިރުޝާދުތަކާ އެއްގޮތަށް ރާއްޖޭގެ ބޯޑަރު ފުރިހަމަޔަށް ބެލެހެއްޓުމަށް ކަސްޓަމްސްގެ މުވައްޒަފުން ކުރައްވާ އަގުހުރި ބުރަ މަސައްކަތަށް ޝުކުރުދަންނަވަން،" އިހުސާން ވިދާޅުވި އެވެ.
"މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށް ފަހިކޮށް އޮތް މާހައުލު ނައްތާލައި އެފަރާތްތަކާ ގާނޫނު ދަނީ އަރާހަމަކުރަމުން."
ފާހަގަކޮށްލެވޭ ކަމެއް - މިއީ މި އަހަރު މިހާތަނަށް އެއްފަހަރާ އެންމެ ގިނައިން ރާއްޖެއިން މަސްތުވާތަކެތި އަތުލައިގަތް އޮޕަރޭޝަނެވެ. ދެން އެންމެ ގިނައިން މި އަހަރު ހިފަހައްޓާފައި ވަނީ މިދިޔަ ފެބްރުއަރީ މަހު އަތުލައިގަތް 14 ކިލޯގެ ޑްރަގެވެ.
މިދިޔަ އަހަރުގެ ރިކޯޑް އަދަދަކީ މިދިޔަ ނޮވެމްބަރުގައި އަތުލައިގަތް 400 ކިލޯގެ މަސްތުވާތަކެއްޗެވެ. އެ ތަކެތީގެ މަގުމަތީ އަގު 1 ބިލިއަން ރުފިޔާއަށް އަރަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ