16 އަހަރުން ދަށަށް ޚާއްސަ، ބައިނަލްއަގުވާމީ ބާސްކެޓްބޯޅަ މުބާރާތް މިއަދު ފަށަނީ
ސޯޅަ އަހަރުން ދަށުގެ ބައިނަލްއަގުވާމީ ބާސްކެޓްބޯޅަ މުބާރާތް، ފީބާ އަންޑާ 16 އޭޝިއާ ކަޕް ސަބާ ކޮލިފަޔާސް އަދި ފީބާ އަންޑާ 16 ވިމެންސް އޭޝިއާ ކަޕް ސަބާ ކޮލިފަޔާސް ޕަވާޑް ބައި ދިރާގު މިއަދު ފެށުމަށް ނިންމައިފިއެވެ. ދިރާގުން ބުނީ މި މުބާރާތް ކުރިއަށްދާނީ ސޯޝަލް ސެންޓަރުގެ އެތެރޭ ކޯޓުގައި ކަމަށެވެ. މިއަދުން ފެށީގެން އަންނަ ހޯމަ ދުވަހަށް ކުރިއަށްދާ މި މުބާރާތުގައި ރާއްޖެ ހިމަނައިގެން ސައުތު އޭޝިއާގެ ހަތަރު ގައުމު ވާދަކުރާނެއެވެ. އޭގެތެރޭގައި އިންޑިއާއާއި ބަންގްލަދޭޝްގެ އިތުރުން ސްރީލަންކާ ހިމެނެއެވެ. ދިރާގުން ބުނީ މިއީ ފީބާ 16 އަހަރުން ދަށުގެ ބައިނަލްއަގްވާމީ ބާސްކެޓްބޯޅަ މުބާރާތެއް ދިވެހިރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރު ކަމަށެވެ. އެހެންކަމުން މި ތާރީޚީ މުބާރާތް ރާއްޖޭގައި ބޭއްވުމަކީ މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ)އިން ހޯދައިފައިވާ ފަޚުރުވެރި ކާމިޔާބީއެއް ކަމަށާއި މިއީ ރާއްޖޭގެ ޒުވާނުންގެ ކުޅިވަރު ތަރައްގީއަށް ލިބުނު ބޮޑު ކުރިއެރުމެއްކަން ދިރާގުން ވަނީ ފާހަގަކޮށްފައެވެ. ދިރާގުން ބުނީ މި މުބާރާތުގައި، ދިވެހި އަންހެން ބާސްކެޓް ގައުމީ ޓީމު ހަވީރު 5:30ގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، މިރޭ 8:00 ގައި ފިރިހެން ގައުމީ ބާސްކެޓް ޓީމު ސްރީލަންކާއާ ދެކޮޅަށް ނުކުންނާނެ ކަމަށެެވެ. ދިރާގަކީ ފެށުނީއްސުރެ ރާއްޖޭގައި ބާސްކެޓްބޯޅަ ތަރައްގީ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކުންފުންޏެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ