ޙައްޖު ކޯޕަރޭޝަންގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދާތީ ސަމާލުވާން އެދެފި
ޙައްޖު ކޯޕަރޭޝަންގެ ނަމުގައި ފޭކު މެސެޖުތައް ފޮނުވައިގެން އޮޅުވާލައިގެން ފައިސާ ހޯދާތީ އެ ކަމަށް ސަމާލުވުމަށް އެ ކޯޕަރޭޝަނުން މިއަދު އިލްތިމާސްކޮށްފިއެވެ. އެ ކޯޕަރޭޝަނުން ނެރުނު ބަޔާނެއްގައި ވަނީ، އެ ކޯޕަރޭޝަންގެ ނަމުގައި ފައިސާ ހޯދުމަށް ފޯނަށް ލިންކު ހިމެނޭ މެސެޖުތަކެއް ފޮނުވަމުންދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެ ގޮތުން، އެ ކޯޕަރޭޝަނުން އެއްވެސް މީހަކަށް ގުޅައި ނުވަތަ މެސެޖުކޮށްގެން އަމިއްލަ މީހެއްގެ އެކައުންޓަށް ފައިސާ ޖަމާކުރަން ނާންގާނެ ކަމަށް ބަޔާނުގައިވެއެވެ. https://x.com/Hajjcorporation/status/1933394728818487552 ޙައްޖު ކޯޕަރޭޝަނުން ބުނީ، ޚިދުމަތަކަށް ފައިސާ ޖަމާކުރުމަށް އަންގާނީ އެ ކޯޕަރޭޝަންގެ ނަމުގައި ހެދިފައިވާ ރަސްމީ ބޭންކު އެކައުންޓުތަކަށް ކަމަށެވެ. އެ ކޯޕަރޭޝަނުން ވަނީ އޮޅުވާލައިގެން ފައިސާ ހޯދުމަށް މީހުންނަށް ފޮނުވަމުން އަންނަ މެސެޖެއް ވެސް ހިއްސާކޮށްފައެވެ. އެ މެސެޖުގައި ވަނީ، 'އެމްއެޗްސީއެލް'ގެ ނަމުގައި ޚިދުމަތަކަށް ފައިސާ ދެއްކުމަށް އެދިފައެވެ. އަދި، އެ މެސެޖުގައި ލިންކެއް ހިމަނާފައިވާކަން ފާހަގަކޮށްލެވެއެވެ. އެހެންވެ، ޙައްޖު ކޯޕަރޭޝަނުން ވަނީ އެފަދަ ލިންކުތަކަށް ނުފިތުމަށާއި އެކަންކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި، ޢީދު ބަންދުގައި އެކަނި ވެސް ސްކޭމްގެ 35 މައްސަލަ ހުށަހެޅިއިރު، އެ ހަފުތާގައި އެކަނި ތިން ލައްކައެއްހާ ރުފިޔާ ގެއްލުނު ކަމަށް ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުގެ ތަފާސްހިސާބުތަކުން ވަނީ ދައްކާފައެވެ. https://sun.mv/207209 އެ ސްކޭމްތަކުން މިހާތަނަށް އަނބުރާ ހޯދިފައިވަނީ 75،776 ރުފިޔާއެވެ. އެސްއެސްޓީވީގެ ބާރު ހަތަރެއް ޕްރޮގްރާމުގައި ކުރިން ޕޮލިސް ސާޖަންޓް ފާތިމަތު ލިއުޝާ ވިދާޅުވި ގޮތުގައި، ސްކޭމްގެ މައްސަލަތަކުގައި ފައިސާ ދައުރުކޮށްފައި ހުންނަ އެކައުންޓުތައް ކޯޓު އަމުރަކާ ނުލައި ފްރީޒްކުރުމުގެ ބާރު ފުލުހުންނަށް އޮވެއެވެ. އަދި، ދީފައި އޮންނަ މުއްދަތުގެ ތެރޭގައި އެ ފައިސާ ނުހޯދިއްޖެނަމަ ކޯޓު އަމުރަކަށް އެދެން ޖެހޭކަން އޭރު ލިއުޝާ ފާހަގަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ