މާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓު ދިޔުން ގިނަވެއްޖެ މާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓު ދިޔުން ގިނަވެއްޖެ

މާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓު ދިޔުމުގެ މައްސަލަ ބޮޑުވެއްޖެ އެވެ.
ސްޓެލްކޯއިން އެކްސްގައި ކޮށްފައިވާ ޕޯސްޓުތަކުން އެނގޭ ގޮތުގައި ވޭތުވެދިޔަ ދެ ދުވަހު ޓެކްނިކަލް މައްސަލަ ކުރިމަތިވެގެން މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވެ އެވެ.
ޖޫން 9 ވަނަ ދުވަހުގެ ރޭ އިރައިކޮޅު ކަރަންޓު ދިޔައީ އެމްޕީއެލް ސަރަހައްދުންނެވެ.
"ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލެ, އެމްޕީއެލް ސަރަހައްދުން ކަރަންޓުގެ ހިދުމަތް ވަނީ މެދުކެނޑިފައި. މައްސަލަ ދެނަގަނެ ހައްލު ކުރުމުގެ މަސައްކަތްތައް ދަނީ ކުރެވެމުން. ދިމާވާނެ ދަތިތަކަށް މައާފަށް އެދެން،" ސްޓެލްކޯއިން އެކްސްގައި ކުރި ޕޯސްޓުގައި ބުނެފައިވެ އެވެ.
ދިމާވި މައްސަލަ ބައިގަޑިއެއްހާއިރު ތެރޭގައި ހައްލުކޮށް އެ ސަރަހައްދަށް ކަރަންޓު ދިނެވެ.
ޖޫން 10 ވަނަ ދުވަހުގެ ރޭ ވެސް މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުނެވެ. ނަމަވެސް އެއީ ކޮން ސަރަހައްދުތަކެއްކަން ހާމައެއް ނުކުރެ އެވެ.
ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މައްސަލަ ހައްލުކޮށް އެ ސަރަހައްދު ތަކަށް ކަރަންޓު ދެވުނު ކަމަށް ސްޓެލްކޯއިން ބުނެފައިވެ އެވެ.
މައްސަލަތައް ތަކުރާރުވަމުން ދާއިރު، މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކަނޑާލާނެ ކަމަށް ސްޓެލްކޯއިން އިއުލާނުކޮށްފައިވެ އެވެ.
"މިކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް މާލެ ސިޓީ، މަޖީދީމަގު އަދި ދަނބުރުއްމަގު ހިމެނޭ ސަރަޙައްދުން 11 ޖޫން 2025 ވާ ބުދަ ދުވަހުގެ (މިއަދު) ހެނދުނު 09:30 އާއި 11:30 އާ ދެމެދު ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް. ދިމާވެދާނެ ދަތިތަކަށް މައާފަށް އެދެން،" ސްޓެލްކޯއިން ބުނެފައިވެ އެވެ.
ޖޫން 1 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިމެނޭހެން މުޅި މާލެ ސަރަހައްދުން ކަރަންޓުގެ ހިދުމަތް މެދުކެނޑުނެވެ. އެ މައްސަލަ ޖިނާއީ މައްސަލައެއްގެ ގޮތުގައި ބެލުމަށް ފުލުހުން ވަނީ ތަހުގީގު ފަށައިފަ އެވެ.
އެ ދުވަހު ފަސް ގަޑީއިރަށް ކަރަންޓުގެ ހިދުމަތް ކެނޑުނު ސަބަބު ސީރިއަސް ކަމެއްގެ ގޮތުގައި ތަހުގީގު ކުރުމަށް އަންގަވާފައިވާ ކަމަށް، ހައްޖުގެ އަޅުމަކަށް ސައުދީ އަރަބިއްޔާ އަށް ވަޑައިގެން ހުންނަވައި، ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ވިދާޅުވި އެވެ.
ނަމަވެސް، އެ މައްސަލައިގައި ފުލުހުން ހިންގާ ޖިނާއީ ތަހުގީގުގެ އެއްވެސް އަޕްޑޭޓެއް އަދިވެސް ނުދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ