އަމާޒަކީ، 2028ގެ ކުރިން މާލެ ސަރަހައްދުގެ ދަތުރުފަތުރުގެ މައްސަލަތަކަށް ހައްލު ހޯދައިދިނުން: ސައީދު
ސަރުކާރުގެ އަމާޒަކީ، 2028ގެ ކުރިން މާލެ ސަރަހައްދުގެ ދަތުރުފަތުރުގެ މައްސަލަތަކަށް ރައްޔިތުންނަށް ގަބޫލުކުރެވޭ ވަރުގެ ހައްލެއް ހޯދައިދިނުން ކަމަށް އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ. ވިލިމާލެއަށް ޓެކްސީ ލައިންގެ ޚިދުމަތް ފެށުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުފުޅުގެ ދަށުން މި ސަރަހައްދުގެ ދަތުރުފަތުގެ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ. މިގޮތުން، އެ ކަމާ ގުޅޭ މަޝްވަރާތައް ކަމާ ބެހޭ އިދާރާތަކާ ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ހައްލު ހޯދައިދިނުމަށް މަސައްކަތް ކުރާ ކަންކަމުގެ ތެރޭގައި ވެހިކަލް ތޮއްޖެހުމާއި ޕާކިންއާއި ވެހިކަލް ރަޖިސްޓްރީގެ މައްސަލަ ހިމެނޭކަން ސައީދު ފާހަގަކުރެއްވިއެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި، ކުރިއަށް އޮތް ތަނުގައި އެ ކަންކަމާ ގުޅޭ ތަފުސީލީ ޕްލޭނެއް އާންމު ކުރައްވާނެއެވެ. މާލޭގެ މަގުމަތި: އަމާޒަކީ، 2028ގެ ކުރިން މާލެ ސަރަހައްދުގެ ދަތުރުފަތުރުގެ މައްސަލަތަކަށް ހައްލު ހޯދައިދިނުން ކަމަށް މިނިސްޓަރު ސައީދު ވިދާޅުވި --- ސަން ފޮޓޯ "މިހާރު ރައީސުލްޖުމްހޫރިއްޔާ އަޅުގަނޑުމެނަށް ދެއްވާފައިވާ އިރުޝާދަކީ މުޅި މި ގްރޭޓާ މާލެއަށް ވަށާ ޖެހޭ ޚިދުމަތެއް ގާއިމުކުރުމަށްޓަކައި މި ކަމާ ގުޅޭ އިދާރާތަކާ ވާހަކަދައްކައިގެން 2028ގެ ކުރިން ހައްލެއް... މީގެކުރިން ހޯދިފައި ނެތް ކަންކަމަށް ރައްޔިތުންނަށް ގަބޫލުކުރެވޭ ވަރުގެ ހައްލެއް ހޯދައިދިނުމުގެ މަސައްކަތް ދެނެގަތުން," މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު އެފަދައިން ވިދާޅުވިއިރު، މާލެ ސަރަހައްދަށް އެކަށީގެންނުވާ އަދަދަށް މި ސަރަހައްދުގައި ވެހިކަލް ގެންގުޅެއެވެ. އެހެންވެ، މަގުތަކުގައި ޓްރެފިކްގެ މައްސަލަ ބޮޑުވެ، މަގުތައް ބޭނުންކުރާ މީހުންނަށް އެތައް ދަތިތަކާ ކުރިމަތިވެއެވެ. އެއާއެކު، ޕާކު ކުރާނެ ޖާގަ ނެތުމަކީ ވެސް މި ސަރަހައްދަށް ދިމާވެފައިވާ ބޮޑު މައްސަލައެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ