ވަތަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ ދެވަނަ ކޯސް 75 ޒުވާނުންނާއެކު ފަށައިފި

ވަތަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ ދެވަނަ ކޯސް މިއަދު ބ. ކިހާދޫގައި ފަށައިފިއެވެ. ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އިބްރާހީމް ޙިލްމީ ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި ކޯހުގެ މުދައްރިބުންނަށް ވަޢުދު ލައިދިނުމާއި ދަރިވަރުންގެ ޢަޒުމް ވަނީ އާ ކޮށްފައެވެ. މި ޕްރޮގްރާމުގެ މައިގަނޑު މަޤުޞަދަކީ، ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ދުޅަހެޔޮ، އަޚުލާޤީ ގޮތުން ހަރުދަނާ، ފަންނީ ގޮތުން ހުނަރުވެރި، ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ އިޚުލާޞްތެރި އަދި އަބުރުވެރި ޒުވާން ޖީލެއް ބިނާކުރުމެވެ. ސޯޅަ ހަފުތާގެ މުއްދަތަށް ކުރިއަށްދާ މި ކޯހުގައި ރާއްޖޭގެ 17 އަތޮޅުތަކުން ޖުމްލަ 75 ޒުވާނުން ބައިވެރިވެފައިވެއެވެ.އޭގެތެރޭގައި 62 ފިރިހެން ބައިވެރިންނާއި 13 އަންހެން ބައިވެރިން ހިމެނެއެވެ. ކިހާދޫގައި އޮތް ފަންނީ ތަމްރީނުގެ ކޯހުގައި ބައިވެރިވާ ދަރިވަރުން މިއަދުގެ ރަސްމިއްޔާތުގައި --- ފޮޓޯ/ އެމްއެންޑީއެފް މި ކޯސް ފުރިހަމަކުރުމަށް ޓަކައި ކޯހުގެ ދަރިވަރުން ވަނީ މި މަހު ތިނެއްގައި ކިހާދޫގައި ހުންނަ އެމްއެންޑީއެފް ސާވިސް ކޯގެ، ސްކޫލު އޮފް އިންޖިނިއަރިން އެންޑް ލޮޖިސްޓިކްސް ސްކޫލަށް ރިޕޯޓްކޮށްފައެވެ. https://sun.mv/223043 މި ޕްރޮގްރާމްގައި އޮޓޯ މޯބައިލް އިންޖިނިއަރިންއާއި މެރިން އިންޖިނިއަރިންއާއި، އިލެކްޓްރީޝަންއާއި، ރެފްރިޖެރޭޝަނާއި ވެލްޑިންއާއި މެޓަލް ފެބްރިކޭޝަން އަދި އޮފީސް މެނޭޖުމަންޓް ފަދަ ސިނާއީ ދާއިރާތަކުގެ ހުނަރުތައް ކިޔައިވައިދޭނެއެވެ. މި ތަމްރީނު ޕްރޮގްރާމް ފުރިހަމަކުރުމުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އެޕްރޫވްޑް، ލެވެލް ތިނެއްގެ ސެޓިފިކެޓެއް ލިބޭނެއެވެ. މި ޕްރޮގްރާމްގައި ކިޔަވައިދެއްވާނީ ފަންނީ ތަފާތު ދާއިރާތަކުގައި ގިނަ ދުވަހު އަމަލީ މަސައްކަތް ކުރައްވާފައިވާ ސިފައިންގެ ތަޖުރިބާކާރު އިންސްޓްރަކްޓަރުންނެވެ. ވަތަނީ ޚިދުމަތުގެ ޕްރޮގްރާމުގައި ބައިވެރިވެވޭނީ އުމުރުން 16 އަހަރު ފުރި 28 އަހަރު ނުފުރޭ ޒުވާނުންނަށެވެ. ވަތަނީ ޚިދުމަތުގެ ފުރަތަމަ ބެޗުގެ ފަރިތަކުރުންތަކުގައި 350 ދަރިވަރުން ބައިވެރިވިއެވެ. އޭގެ ތެރެއިން 346 ދަރިވަރުން ވަނީ މިދިޔަ ޑިސެންބަރު މަހު ދަސްވެނިވެފައެވެ. ދެވަނަ ބެޗުގެ ދަރިވަރުންގެ ތެރެއިން 344 ދަރިވަރަކު ވަނީ މިދިޔަ މެއި މަހު ދަސްވެނިވެފައެވެ. ރާއްޖޭގެ ވަތަނީ ޚިދުމަތުގެ ޕްރޮގްރާމަކީ ރައީސްގެ ޚާއްސަ އިސްނެންގެވުމެކެވެ. މި ޕްރޮގްރާމުގެ ސަބަބުން، ތަމްރީނާއި ތަރުބިއްޔަތު ލިބިފައިވާ ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށް ރައީސް އޮފީހުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ