މައްސަލައަކާ ގުޅިގެން ސުޕްރީމް ކޯޓަށް ލިބެންޖެހޭ މުހިންމު ލިޔެކިޔުންތަކެއް ފޯރުކޮށްދިނުމަށް ދެކޮޅު ހަދައިގެން ހައި ކޯޓުގެ ކުރީގެ ރަޖިސްޓްރާ ހުސެއިން މުހައްމަދު ހަނީފު ހާޒިރުކޮށް ޖަވާބުދާރީ ކުރި ތަނުގައި ފަނޑިޔާރު މަހާޒް އަލީ ޒާހިރު އާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ތިއްބެވި މައްސަލައިގެ ތަހުގީގަށް އެ ދެ ބޭފުޅުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް މިއަދު ހާޒިރުކޮށްފި އެވެ.
އެ މައްސަލައިގައި ޖޭއެސްސީއަށް އަޒްމިރަލްދާ ހާޒިރު ކުރީ މިއަދު ހެނދުނު 10:30 އަށެވެ. މަހާޒް ހާޒިރު ކުރީ 12:15 އަށެވެ. އެ ދެ ބޭފުޅުން ވެސް މިވަގުތު ތިއްބެވީ ސަސްޕެންޝަނުގަ އެވެ. އެ ބޭފުޅުންނާއެކު ދެން ސަސްޕެންޑު ކުރި ފަނޑިޔާރު، ހުސްނުއްސުއޫދު ވަނީ ރައީސް މުހައްމަދު މުއިއްޒާއި ބަންޑާރަނައިބު އަހުމަދު އުޝާމް ފަނޑިޔާރުންނަށް ބިރު ދައްކަވާ ކަމަށް ވިދާޅުވެ އެކަމާ އިހުތިޖާޖު ކުރެއްވުމުގެ ގޮތުން އިސްތިއުފާ ދެއްވައިފަ އެވެ.
ހައި ކޯޓުގެ ރަޖިސްޓްރާ، ހުސެއިން މުހައްމަދު ހަނީފު ސުޕްރީމް ކޯޓަށް ހާޒިރު ކުރީ ފަނޑިޔާރު ހުސްނުއްސުއޫދު އެވެ. ހަނީފު ސުޕްރީމް ކޯޓަށް ހާޒިރު ކުރީ މަސްތުވާތަކެތީގެ ބޮޑު މައްސަލައެއްގައި ހިމެނޭ ލިޔެކުންތަކެއް ފޯރުކޮށްދިނުމަށް އޭނާ ދެކޮޅު ހެދި މައްސަލައިގަ އެވެ. އޭގެ ކުރިން ވެސް ބައެއް މައްސަލަތަކުގައި ލިޔެކިޔުންތައް ހިފެހެއްޓި މައްސަލަ އޭނާގެ އޭރު އޮތެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑު ކުރީ، ސިޔާސީ ޕާޓީތަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލު ބާތިލު ކުރަން ހުށަހެޅި މައްސަލައިގެ އަޑުއެހުމެއް ބާއްވަން ކުޑަތަންވެފައި އޮއްވައި ޝަރީއަތަށް ހުރަސްއެޅޭ ގޮތަށެވެ.
ފަނޑިޔާރުން ސަސްޕެންޑު ކުރި ދުވަހު، ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން މަގާމުން ވަކި ކުރަން މަޖުބޫރުވާ ގޮތަށް ރައްޔިތުންގެ މަޖިލީހުން ގައިރު ގާނޫނީ ބިލެއް ވެސް ފާސް ކުރި އެވެ. ނަމަވެސް އެ ބިލު މިހާރު ވަނީ އަނބުރާ މަޖިލީހަށް ފޮނުވާލައިފަ އެވެ.
ފަނޑިޔާރުން ސަސްޕެންޑު ކުރީ އެ ފަނޑިޔާރުންގެ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަނުން ބަލަމުންދާ ކަމަށް ބުނެ އެވެ. ފަހުން އެނގުނު ގޮތުގައި އޭސީސީއިން ބަލަނީ ޖުޑީޝަލް ސާވިސް ކޮމިޝަނުން ވެސް ބަލަމުންދާ މައްސަލަ އެވެ.
އެ މައްސަލައިގައި ފަނޑިޔާރު އަޒްމިރާލްދާ ވަނީ އޭސީސީގެ ރައީސް އާދަމް ޝާމިލްއާ ދެކޮޅަށް އެ ކޮމިޝަނަށް މައްސަލައެއް ހުށަހަޅައިފަ އެވެ. އެ މައްސަލަ އެ ކޮމިޝަނުގައި ރަޖިސްޓްރީ ކޮށްފައިވާ ކަމަށް އޭސީސީއިން ބުނެ އެވެ.
ޖޭއެސްސީން ބަލަމުންދާ ދެވަނަ މައްސަލައިގައި މަހާޒް އާއި އަޒްމިރަލްދާ އެ ކޮމިޝަނަށް ހާޒިރުކޮށްފި ޖޭއެސްސީން ބަލަމުންދާ ދެވަނަ މައްސަލައިގައި މަހާޒް އާއި އަޒްމިރަލްދާ އެ ކޮމިޝަނަށް ހާޒިރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ