ޝަހީދުވި ސިފައިންގެ އާއިލާތަކުގެ ކޮންމެ މެންބަރަކަށް މަހަކު 9،000ރ. ގެ އިނާޔަތެއް ދެނީ ޝަހީދުވި ސިފައިންގެ އާއިލާތަކުގެ ކޮންމެ މެންބަރަކަށް މަހަކު 9،000ރ. ގެ އިނާޔަތެއް ދެނީ

ރާއްޖެއަށް ނޮވެމްބަރު 3، 1988 ގައި ދިން އުދުވާނީ ހަމަލާއިން ގައުމު ސަލާމަތް ކުރުމުގެ މަތިވެރި ޖިހާދުކުރަނިކޮށް ޝަހީދުވި ސިފައިންގެ އާއިލާތަކަށް އިނާޔަތް ދޭ އުސޫލު ޑިފެންސް މިނިސްޓްރީން އާންމުކޮށްފި އެވެ.
އެ އުސޫލުގައިވާ ގޮތުން ޝަހީދުވި ސިފައިންގެ އާއިލާތަކުގެ އިތުރުން ނޮވެމްބަރު 3، 1988 ގެ ހަނގުރާމައިގައި ދައްކުވައިދިން އާދަޔާހިލާފު ހިތްވަރު ފާހަގަކޮށް ޝަރަފުގެ ނިޝާން ދެވިފައިވާ މީހުންނަށް ވެސް އިނާޔަތް ދޭނެ އެވެ.
ހަނގުރާމައިގައި ޝަހީދުވި ސިފައިންގެ މީހާގެ އާއިލާ މެންބަރުންގެ ތެރެއިން ދުނިޔޭގައި ތިބި ކޮންމެ މީހަކަށް (މަންމަ، ބައްޕަ، ދަރިން އަދި ހުވަފަތްވި އަނބިމީހާ) ދުނިޔޭގައި ހުރި ދުވަހަކު ކޮންމެ މަހަކު 9،000ރ. ދޭން ޖެހޭނެ ކަމަށް އުސޫލުގައި ބަޔާންކޮށްފައިވެ އެވެ.
އޭގެއިތުރުން ހުރަވީ ރަން މެޑަލް ދެވިފައިވާ މީހުންނަށް، އެމީހުން ދުނިޔޭގައި ތިބި ދުވަހަކު ކޮންމެ މަހަކު 9،000ރ. އަދި ހުރަވީ ރިހި މެޑަލް ލިބުނު މީހުންނަށް، އެ މީހުން ދުނިޔޭގައި ތިބި ދުވަހަކު ކޮންމެ މަހަކު 8،000ރ. ދޭނެ އެވެ.
އަދި ހަނގުރާމައިގައި ދައްކުވައިދިން ހިތްވަރުގަދަ އަމަލު ފާހަގަކޮށް، ހިތްވަރުގަދަކަމުގެ ކުލަ ދީފައިވާ މީހުންނަށް، އެ މީހުންނަށް ދުނިޔޭގައި ތިބި ދުވަހަކު މަހުން މަހަށް ދޭ ފައިސާގެ އިނާޔަތުގެ ގޮތުގައި 6،000ރ. ދިނުމަށް ވަނީ ނިންމާފަ އެވެ.
ނޮވެމްބަރު 3، 1988 ގެ ހަނގުރާމައިގައި ދައްކުވައިދިން އާދަޔާހިލާފު ހިތްވަރު ފާހަގަކޮށް ޝަރަފުގެ ނިޝަން ދީފައިވާ މީހުންނަށް ދޭން ހަމަޖެހިފައިވާ އިނާޔަތް ދެވޭނީ އެ މީހުންނަށް ދުނިޔޭގައި ދެމިހުރި ދުވަސްތަކަށް ކަމުގައިވާތީ، އެ އިނާޔަތް ލިބިެމުންދާ މީހެއް މަރުވެއްޖެނަމަ، އިނާޔަތް ދިނުން ހުއްޓުމަކަށް އަންނާނެ އެވެ.
އިނާޔަތްތައް ލިބޭ މީހަކު މަރުވެއްޖެނަމަ، އެކަން އެއް މަސް ދުވަހުގެ ތެރޭގައި ޑިފެންސް މިނިސްޓްރީއަށް އަންގަން ޖެހެ އެވެ.
ޝަހީދުންނާއި ޝަރަފުގެ ނިޝާން ދެވިފައިވާ މީހުންނަށް އިނާޔަތް ދޭ އުސޫލަށް އިސްލާހު ގެނެވޭނީ، ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާ އެކު ރައީސް ނިންމާ ގޮތެއްގެ މަތިންނެވެ.
ނޮވެމްބަރު 3، ގައި ދިވެހީންގެ ބަޔަކު އަޑީގައި ތިބެ ކުލީ ސިފައިންގެ ބަޔަކު ލައްވައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި ދިވެހީންގެ ތެރެއިން 19 މީހަކު ޝަހީދުވި އެވެ. ޝަހީދުވި 19 މީހުންގެ ތެރެއިން 8 މީހުންނަކީ ސިފައިންނެވެ. އޭރު އެ ބޭކަލުންގެ 18 ދަރިން ދުނިޔޭގައި ތިއްބެވެ.
އެ ސިފައިންގެ އާއިލާތަކަށް ދައުލަތުގެ ފަރާތުން ހާއްސަ އިނާޔަތެއް މީގެ ކުރިން ފެށިގެން ވެސް ދެމުން އައެވެ. ނަމަވެސް ރައީސް މުއިއްޒު މިދިޔަ ނޮވެމްބަރު 3، ގައި ވިދާޅުވީ އެ އިނާޔަތް ދިނުން ހުއްޓިފައިވާ ކަމަށެވެ.
މިދިޔަ ނޮވެމްބަރު 3، ގައި ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ އިނާޔަތްތަކުގެ އިތުރުން ޝަހީދުވި އާއިލާތަކަށް ހާއްސަކޮށް ޝަހީދުވީ ފަރާތްތަކަށް ހާއްސަ ކުރެވިގެން ހައުސިން ޕްރޮގުރާމެއް ޝަހީދުންގެ ހިޔާގެ ނަމުގައި 50 ހައުސިން ޔުނިޓު ހިމެނޭ ހައުސިން އިމާރާތެއް އަޅާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ