ބީއެމްއެލްގެ ކާމިޔާބު މާލީ ނަތީޖާއާ އެކު ހިއްސާއަކަށް 55ރ. ބަހަނީ ބީއެމްއެލްގެ ކާމިޔާބު މާލީ ނަތީޖާއާ އެކު ހިއްސާއަކަށް 55ރ. ބަހަނީ

ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މިދިޔަ އަހަރުގެ ކާމިޔާބު މާލީ ނަތީޖާތަކާ އެކު ހިއްސާއަކަށް 55ރ. ގެ މަގުން ޖުމްލަ 296 މިލިއަން ރުފިޔާ ބަހަން އަހަރީ އާންމު ޖަލްސާއަށް ހުށަހަޅަން އެ ބޭންކުން ނިންމައިފި އެވެ.
މިއީ މިހާތަނަށް ބޭންކުން ހިއްސާގެ ފައިދާގެ ގޮތުގައި ދިނުމަށް ކަނޑައެޅި އެންމެ ބޮޑު އަދަދެވެ.
އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކުން ދައްކާ ގޮތުގައި ވިޔަފާރީގެ މައިގަނޑު ދާއިރާތަކުން ލިބުނު ހަރުދަނާ ކުރިއެރުމާއެކު ހިންގުމުގެ ފައިދާގެ ގޮތުގައި 2.85 ބިލިއަން ރުފިޔާ އަދި ސާފު ފައިދާގެ ގޮތުގައި 2.24 ބިލިއަން ރުފިޔާ އެ ބޭންކަށް ލިބިފައިވެ އެވެ.
ބީއެމްއެލްގެ ކެޕިޓަލް ޕޮޒިޝަން ވަނީ ގާނޫނުން ލާޒިމްކުރާ ވަރަށް ވުރެ މަތީ ނިސްބަތެއްގައި ހިފެހެއްޓިފަ އެވެ. މިގޮތުން އެ ބޭންކުގެ ކެޕިޓަލް އެޑިކުއަސީ ރޭޝިއޯގެ ނިސްބަތްހުރީ 58 ޕަސަންޓުގަ އެވެ. އަދި ދިވެހި ރުފިޔާ އާއި ޑޮލަރުގެ ލިކިއުޑިޓީ ވެސް ހަރުދަނާ މިންގަނޑެއްގައި ވަނީ ހިފެހެއްޓިފަ އެވެ.
ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ މުހައްމަދު ޝަރީފް ވިދާޅުވީ މިދިޔަ އަހަރުގެ ކާމިޔާބު ނަތީޖާއެއް ހާސިލްކުރެވުމުން ފަހުރުވެރިވާކަމަށާއި އެ ނަތީޖާ ހޯދުނީ ބޭންކުގެ ސްޓްރެޓެޖީގެ ހަރުދަނާކަމާއި މުވައްޒަފުންގެ މިންނެތް މަސައްކަތުންކަމަށެވެ.
"މިހާތަނަށް ހިއްސާގެ ފައިދާގެ ގޮތުގައި ބެހުމަށް ނިންމި އެންމެ ބޮޑު އަދަދުން ދޭހަކޮށްދެނީ ހަރުދަނާ މާލީ ބިންގަލެއް ދަމަހައްޓައިގެން ހިއްސާދާރުންނަށް ފައިދާ ދިނުމަށް އަޅުގަނޑުމެން ދޭ އަހުމިއްޔަތުކަން،" އޭނާ ވިދާޅުވި އެވެ.
މިދިޔަ އަހަރު ބީއެމްއެލް އިން 21،000 އަށްވުރެ ގިނަ އައު ކަސްޓަމަރުންނަށް މަރުހަބާ ކިޔާފައިވެ އެވެ. މީގެ އިތުރުން ބޭންކުން ވަނީ މިދިޔަ އަހަރު އަލަށް ލޯނާއި ފައިނޭންސިންގެ ގޮތުގައި ފަސް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފަ އެވެ.
ބީއެމްއެލް އިން އަންނަނީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުން ހޯދުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ފުރިހަމަކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އާންމު ފަރުދުންނާއި ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމިއޮތުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ