ފުވައްމުލަކު ޑުރަގު ނެޓުވޯކް މައްސަލަ: 2 މީހުންނަށް މަނީލޯންޑަރިންގެ ދައުވާކޮށްފި
ފުވައްމުލަކުގައި އެންމެ ބޮޑަށް ޑުރަގު ވިޔަފާރި ކުރާ ކަމުގައި ތުހުމަތުގައި ހައްޔަރުކުރި ދެ މީހުންގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ)އިން މަނީލޯންޑަރިންގެ ދައުވާ އިއްޔެކޮށްފިއެވެ. މި މައްސަލައިގައި ޏ. ފުވައްމުލަކު ދޫޑިގަން، ކަރަންކާވިލާ އުމުރުން 34 އަހަރުގެ އަހުމަދު ނިއުޝާދާއި ޏ. ފުވައްމުލަކު ދޫޑިގަން، ޒަމާނީގެ އުމުރުން 29 އަހަރުގެ ހަސަން އާޒިމް މީގެ ތިން މަހެއްހާ ދުވަސް ކުރިން ހައްޔަރުކުރީ ޑިސެންބަރު ނުވައެއް، 2024ގައެވެ. ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، އެ މީހުންގެ މައްޗަށް ދައުވާ ކުރުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަަމަށެވެ. އެގޮތުން، އޭޕްރީލް 27، 2024ގައި ފުވައްމުލައް ދޫޑިގަން، ގަސްދޮށުގެ ބަލައިފާސްކުރިއިރު ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނުމާ ގުޅިގެން ތުހުމަތުކުރެވުނު މީހުންގެ ބޭންކް ސްޓޭޓްމަންޓުތައް ފުލުހުން ދިރާސާ ކުރި ކަމަށް ބަޔާނުގައިވެއެވެ. އެ ދިރާސާގެ ތެރެއިން އެކި މީހުން ކުދި އަދަދުތަކުން ފޮނުވާ ފައިސާ ގަނޑުކޮށް ނިއުޝާދާއި އާޒިމްގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަން ފުލުހުންނަށް ފާހަގަވުމުން އިތުރަށް ތަހުގީގުކޮށްގެން ބެލިއިރު، ފުވައްމުލަކުގައި އެ ދެމީހުން އިސްވެގެން މަސްތުވާތަކެތި ވިއްކުމަށް ނެޓުވޯކެއް ގާއިމުކޮށްފައިވާކަން ފުލުހުންނަށް އެނގުނު ކަމަށް ޕީޖީން ބުނެފައިވެއެވެ. ޕީޖީ އޮފީސް -- ސަން ފޮޓޯ އެ ނެޓުވޯކުގެ ތެރެއިން މަސްތުވާތަކެތި ބާޒާރަށް ނެރުމަށް ދެ މީހުން ހަރަކާތްތެރިވާ ކަަމަށާއި "ޑީލަރުންނަށް" މުސާރަ ދީގެން މަސްތުވާތަކެތި ވިއްކައިގެން ފައިސާ ހޯދި ކަން ފުލުހުންގެ ތަހުގީގަށް ވަނީ ފާހަގަވެފައެވެ. އަދި، އެކި ޑިއުޓީގައި ކްރެޑިޓަށް ދޫކޮށްފައިވާ މަސްތުވާތަކެތީގެ ހިސާބު ވަކި ތަރުތީބަކުން ބެލެހެއްޓި ކަމަށާއި އޮގަސްޓު އެކެއް، 2024ގެ ނިޔަލަށް ނެޓުވޯކު ހިންގި ކަމަށް ފުލުހުންނާ ހަވާލާދީ ޕީޖީން ބުނެފައިވެއެވެ. އެ ސަބަބުތަކަށް ރިއާޔަތްކޮށް، ޕީޖީން ވަނީ އާޒިމާއި ނިއުޝާދުގެ މައްޗަށް ކުށްކުރރާ ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާކޮށްފައެވެ. އޭގެއިތުރުން، ދެވަނަ ދައުވާއަކަށް ދެމީހުންނަށް ކޮށްފައިވަނީ މަނީލޯންޑަރިންގެ ކުށުގެ ދައުވާއެވެ. ޕީޖީ އޮފީހުން ބުނީ މި ދައުވާ އާޒިމްގެ މައްޗަށް ކުރަނީ، ޖުލައި އެކެއް، 2019 އިން އޮގަސްޓު އެކެއް، 2024އާ ދެމެދު މަސްތުވާތަކެއްޗާ ގުޅުން ހުރި މީހުންގެ ފަރާތުން އޭނާގެ އެކައުންޓުތަކަށް ޖަމާކުރި 5،998،696.60 ރުފިޔާއަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާ ކަމަށް ޝައްކު ކުރެވޭ ހާލަތުގައި އެފައިސާ ބަހައްޓައިގެން ބޭނުންކޮށްފައިވާތީ ކަމަށެވެ. ނިއުޝާދަށް އެ ދައުވާ ކުރީ 2019 އިން ފެށިގެން މިދިޔަ އޮގަސްޓު މަހު އެކަކާ ދެމެދު މަސްތުވާތަކެއްޗާ ގުޅުން ހުރި މީހުންގެ ފަރާތުން އޭނާގެ އެކައުންޓުތަކަށް ޖަމާކުރި 21,855,766.99 ރުފިޔާއަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާ ކަމަށް ޝައްކުކުރެވޭ ހާލަތުގައި އެ ފައިސާ އޭނާ އަތުގައި ބަހައްޓައިގެން ބޭނުންކޮށްފައިވާ ކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ. އެއީ، ކުށްކޮށްގެން ހޯދާފައިވާ ފައިސާއާއި މުދާ ކަމަށްވާތީ ޕީޖީން ވަނީ 1,194,290.31 ރުފިޔާއާއި ހަތަރު ސައިކަލާއި ފަސް ކާރާއި ދެ ޕިކަޕާއި އެއް ކަނޑު އުޅަނދާއި 29 ސަންކޮނުއާ ގުރާ އަދި ނުވަ ރިންގްނެކް ގުރާ ދައުލަތަށް ނެގުމަށް އެދިފައެވެ. އެ ދެ މީހުންގެ މައްޗަށް ދައުވާ ކުރިއިރު، މަސްތުވާތަކެއްޗަށް ޚާއްސަކޮށް ހިންގި އޮޕަރޭޝަންތަކުން ފުވައްމުލައް ސިޓީގައި އޮންނަ މަސްތުވާތަކެތީގެ ނެޓްވޯކުތައް މިދިޔަ އަހަރު ތެރޭގައި އެއްކޮށްހެން ނައްތާލެވިފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ކުރިން ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ