ފުވައްމުލަކުގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާ ނެޓްވޯކެއްގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތުކުރެވޭ ދެ މީހުންގެ މައްޗަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން އިއްޔެ ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.
ވީ ކިހިނެއް؟ - މި މީހުން އަތުލައިގެންފައިވަނީ މަސްތުވާތަކެތި ވިޔަފާރިކުރުމާއި ބޭނުންކުރުން ހުއްޓުވުމަށް ފުލުހުން ފުވައްމުލަކުގައި ކުރިއަށްގެން ދިޔަ ހާއްސަ އޮޕަރޭޝަންގެ ތެރެއިންނެވެ. ދައުވާކުރީ:
ހަސަން އާޒިމް، ޒަމާނީގެ/ ޏ.ފުވައްމުލައްގެ މައްޗަށް
އަހުމަދު ނިއުޝާދު، ކަރަންކާވިލާ/ ޏ.ފުވައްމުލައްގެ މައްޗަށް
މި މައްސަލާގައި މިދެމީހުން މިދިޔަ ޑިސެމްބަރު މަހު ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވަނިކޮށް އެމީހުން ދޫކޮށްލަން ހައިކޯޓުން މިދިޔަ ޖެނުއަރީ މަސްތެރޭ ވަނީ އަމުރުކޮށްފަ އެވެ.
ތަފްސީލް - ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލާގައި މި މީހުންގެ މައްޗަށް ތިން ދައުވާއެއްކޮށްފައި ވެއެވެ. އެއީ:
ކުށްކުރާ ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާ
މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ
މި ދައުވާ އެ ދެމީހުންގެ މައްޗަށް ކުރާ ސަބަބެއް ކަމަށް ޕީޖީ އޮފީހުން ބުނެފައިވަނީ އާޒިމް އިސްވެ ހުރެ، ނިއުޝާދު އާއެކު މަސްތުވާތަކެތި ވިއްކުމަށްޓަކައި ފުވައްމުލަކުގައި ނެޓްވޯކެއް ގާއިމްކޮށް، މަސްތުވާތަކެތީގެ ވިޔަފާރި ހިންގައި އޭގެން ފައިސާ ހޯދާފައިވާތީ އެވެ. މިކަން ފާހަގަވީ މިދިޔަ އަހަރުގެ އެޕްރީލް 27 ވަނަ ދުވަހު އެރަށުގެ ގެއެއް ބަލައި ފާސްކުރި އިރު ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނުމާގުޅިގެން އިތުރަށް ބެލިބެލުމުންނެވެ.
ދައުވާގައި ވާގޮތުން:
ތުހުމަތުކުރެވުނު ފަރާތްތަކުގެ ބޭންކް ސްޓޭޓްމަންޓްތައް ފުލުހުން ދިރާސާކުރިއިރު އެކިއެކި ފަރާތްތަކުން ކުދި އަދަދުތަކުން ފޮނުވާ ފައިސާ، ގަނޑުކޮށް އާޒިމްއާ، ނިއުޝާދުގެ އެކައުންޓުތަކަށް ޖަމާކޮށްފައިވޭ
މަސްތުވާތަކެތި ވިއްކުމަށް ނެޓްވޯކެއް ގާއިމުކޮށް އެކި ފެންވަރުގައި އެކި މިންވަރަށް އެ ތަކެތި ބަންދުކޮށް ބާޒާރަށް ނެރުމުގައި ހަރަކާތްތެރިވެފައިވޭ
އެކި ޑީލަރުންނަށް މުސާރަދީގެން ހަމަޖެހިފައިވާ ތަރުތީބެއްގެ ތެރެއިން އެކި ގަޑިތަކުގައި މަސްތުވާތަކެތި ވިއްކައިގެން ފައިސާ ހޯދާފައިވޭ
އެކި ޑިއުޓީގައި ކްރެޑިޓަށް ދޫކޮށްފައިވާ މަސްތުވާތަކެތީގެ ހިސާބު ވަކި ތަރުތީބަކުން ބަލަހައްޓައި މިދިޔަ އަހަރުގެ އޮގަސްޓުގެ ނިޔަލަށް މި ނެޓްވޯކު ހިންގައި މި ނެޓްވޯކުގެ އެކި ފަންތީގައި ހަރަކާތްތެރިވި މީހުންނަށް އިރުޝާދު ދީފައިވޭ
މަނީ ލޯންޑަރިންގެ ދައުވާ މި ދެމީހުންގެ މައްޗަށް ކޮށްފައިވަނީ 1 ޖުލައި 2019 އިން ފެށިގެން މިދިޔަ އަހަރުގެ އޮގަސްޓުމުގެ ނިޔަލަށް، މަސްތުވާތަކެއްޗާ ގުޅުންހުރި އެކި ފަރާތްތަކުން އެދެމީހުންގެ އެކައުންޓުތަކަށް ޖަމާކުރި ފައިސާއަކީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާކަމަށް ޝައްކުކުރެވޭ ހާލަތުގައި ވެސް އެ ފައިސާ އަތުގައި ބަހައްޓައި ބޭނުންކޮށްފައިވާތީ އެވެ.
ދައުވާގައި ވާގޮތުން އޮގަސްޓުގެ ނިޔަލަށް:
މަސްތުވާތަކެއްޗާ ގުޅޭ އެކިއެކި މީހުންގެ ފަރާތުން އާޒިމްގެ އެކައުންޓަށް 5.9 މިލިއަން ރުފިޔާ ޖަމާކޮށްފައިވޭ
މަސްތުވާތަކެއްޗާ ގުޅޭ އެކިއެކި މީހުންގެ ފަރާތުން ނިއުޝާދުގެ އެކައުންޓަށް 21.8 މިލިއަން ރުފިޔާ ޖަމާކޮށްފައިވޭ
މީގެ އިތުރުން ޕީޖީ އޮފީހުން ވަނީ މި މުއާމަލާތުން އެމީހުން ހޯދާފައިވާ ފައިސާގެ ތެރެއިން 1.1 މިލިއަން ރުފިޔާއާ، އެ ވިޔަފާރީގެ ފައިސާއިން ހޯދާފައިވާ ބައެއް ތަކެތި ވެސް ދައުލަތަށް ނަގައިދިނުމަށް އެދިފަ އެވެ.
އެގޮތުން ނަގައިދޭން އެދިފައިވާ ތަކެއްޗަކީ:
ހަތަރު ސައިކަލު
ފަސް ކާރު
ދެ ޕިކަޕް
އެއް ކަނޑު އުޅަނދު
29 ސަންކޮނުއާ ގުރާ
ނުވަ ރިންގްނެކް ގުރާ
މި ތަކެތި ދައުލަތަށް ނަގައިދެން އެދިފައިވަނީ ކުށް ކޮށްގެން ހޯދާފައިވާކަމަށް ދަޢުވާގައި ބަޔާންކޮށްފައިވާ ފައިސާއިން މުދަލުގެ މިލްކުވެރިކަމާއި އަތުގެ ވެރިކަމާއި ތަސައްރަފު ކުރުމުގެ ހައްގު ހޯދައި، އެތަކެއްޗަކީ ކުށްކޮށްގެން ހޯދާފައިވާ މުދަލާއި ފައިސާއިން ހޯދާފައިވާ ތަކެތި ކަމަށްވާތީ އެވެ.
ފުވައްމުލަކުގެ ޑްރަގު ނެޓުވޯކުގެ ބޮޑުންކަމަށް ތުހުމަތުކުރާ ދެމީހުންނަށް ދައުވާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ