"އިސްރާއީލުން ޣައްޒާގެ އާންމުންނަށް ހަމަލާދީ ގަސްދުގައި އާންމުން މަރަނީ ތިން ކަމެއް ހާސިލް ކުރަން"
ވޮޝިންޓަން (20 މާޗް 2025) : އިސްރާއީލުން ޣައްޒާގެ އާންމުންނަށް ހަމަލާދީ އެމީހުން ގަސްދުގައި މަރަނީ ސިޔާސީ ތިން މަގްސަދެއް ހާސިލް ކުރުމަށް ކަމަށާއި އޭގެތެރެއިން އެންމެ މަގްސަދެއް ހާސިލް ވުމުގެ ފުރުސަތު ވެސް ނެތް ކަމަށް އެމެރިކާގެ ކުރީގެ މަސްއޫލުވެރިއެއް ކަމަށްވާ އަރޯން ޑޭވިޑް މިލާ ވިދާޅުވެއްޖެއެވެ. އެމެރިކާގެ ޚާރިޖީ ވުޒާރާގެ އިސް ނެގޯޝިއޭޓަރުގެ މަގާމުގައި ކުރިން ހުންނެވި މިލާ އެމެރިކާގެ މަޖައްލާ އެއްކަމަށްވާ "ފޮރިން ޕޮލިސީ" އަށް ދެއްވި ބަސްދީ ގަތުމެއްގައި ވިދާޅުވީ އިއްޔެ އިސްރާއީލުން ޣައްޒާގެ އާންމުންގެ ބޮލަށް ބޮންއަޅައި 400 އަށްވުރެ ގިނަމީހުން މަރާލައި 500 އަށްވުރެ ގިނަމީހުން ޒަޚަމްކޮށްލީ ސިޔާސީ ތިން މަގްސަދެއް ހާސިލް ކުރުމުގެ ބޭނުމުގައި ކަމަށެވެ. ފުރަތަމަ މަގްސަދަކީ ހަމާސްގެ އަތްދަށުގައި ތިބި އިސްރާއީލުގެ އަސީރުން އިސްރާއީލު އެދޭގޮތަށް އެއްވެސް ޝަރުތަކާ ނުލައި ދޫކޮށްލުމަށް ހަމާސްއަށް ޕްރެޝަރު ކުރުމެވެ. ދެވަނަ ބޭނުމަކީ ހަމާސްއިން ޣައްޒާގައި ހިންގާ ވެރިކަން ނިމުމަކަށް ގެނަސް އިސްރާއީލަށް ގޮނޑިކޮއްކޮ ހެދިގެން އުޅޭނެ ބަޔަކު ޣައްޒާއިން ހޯދައި އެބަޔަކާ ޣައްޒާގެ ވެރިކަން ހަވާލު ކުރުމެވެ. ތިންވަނަ ކަމަކީ ޣައްޒާގައި ތިބޭ ބަޔަކަށް އޮތީ މަރުކަން ހާމަކޮށްދީ ޣައްޒާ ދޫކޮށް އެހެން ތަނަކަށް ހިޖުރަކުރަން ޣައްޒާގެ ރައްޔިތުންނަށް މަޖުބޫރު ކުރުވުމެވެ. ޑޭވިޑް މިލާ ވިދާޅުވި ގޮތުގައި ފާއިތުވި ދޮޅު އަހަރު އިސްރާއީލުން ޣައްޒާގެ އާންމުންނަށް ހަމަލާދީ އާންމުން މަރައި ހޮސްޕިޓަލްތަކާއި ގެދޮރު ތަޅައި ބިމާ ހަމަކުރީ ވެސް މި ތިން މަގްސަދު ހާސިލް ކުރުމަށެވެ. ބަރު ހަތިޔާރުން ދޮޅު އަހަރުވަންދެން އާންމުންނަށް ހަމަލާދީ ބައިލައްކައަށް ވުރެ ގިނަމީހުން މަރައިގެން ވެސް މިއިން އެއްވެސް މަގްސަދެއް އިސްރާއީލަށް ހާސިލް ކުރެވިފައި ނެތްކަމުގައެވެ. އެހެންކަމުން އިއްޔެގެ ހަމަލާތަކުން ވެސް މިއިން އެއްވެސް މަގްސަދެއް އިސްރާއީލަށް ހާސިލްވާނެކަމަށް ނުބެލެވޭ ކަމަށް އޭނާ ވިދާޅުވިއެވެ. މިލަރ ވިދާޅުވިގޮތުގައި ދާއިމީ ގޮތަކަށް ހަމަލާތައް ހުއްޓާލައި ފަލަސްތީނުގެ އަސީރުންވެސް މިނިވަން ކުރާގޮތަށް ނޫނީ ހަމާސްގެ އަތްދަށުގައި ބާކީ ތިބި އިސްރާއީލުގެ އަސީރުން އެ ޖަމާއަތުން މިނިވަނެއް ނުކުރާނެއެވެ. އިސްރާއީލުން ބާރުގެ ބޭނުންކޮށްގެން އަދި ޣައްޒާގެ އާންމުން މަރައިގެން މިހާތަނަށް އެއްވެސް އަސީރަކު މިނިވަން ކުރުމުގައި އިސްރާއީލަށް ކާމިޔާބު ލިބިފައި ނެތްކަމަށް އޭނާ ވިދާޅުވިއެވެ. މިލާ ވިދާޅުވި ގޮތުގައި ހަމާސްގެ ބަދަލުގައި ޣައްޒާގައި ވެރިކަން ކުރާނެ ޕަޕެޓުންތަކެއް ހޯދުމަކީ ވަރަށް ކުރީއްސުރެ ކުރަން އުޅެ އިސްރާއީލަށް ކުރެވިފައި ނުވާކަމެކެވެ. ނާކާމިޔާބުވެފައިވާ ކަމެކެވެ. ޣައްޒާގެ އާންމުން އެތައް ހާހަކުން މަރާފައި ޣައްޒާގެ ތެރެއިން އިސްރާއީލަށް ވަފާތެރި އެޖެންޓުންތަކެއް ހޯދުމަކީ އިސްރާއީލަށް ކުރެވޭނެ ކަމެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ. މިލާ ވިދާޅުވި ގޮތުގައި ކިތަންމެ ހަމަލާއެއް ދިނަސް އަދި ކިތަންމެ ގިނަ އަދަދަށް ޣައްޒާގެ އާންމުން މެރި ނަމަވެސް ޣައްޒާގެ ރައްޔިތުން އެ މީހުންގެ ވަޒަން ދޫކޮށްފައި އެހެން އެއްވެސް ތަނަކަށް ނުދާނެއެވެ. އެކަންވަނީ ފާއިތުވި ދޮޅު އަހަރު ތެރޭގައި ޣައްޒާގެ ރައްޔިތުން ދުނިޔެއަށް ކަށަވަރު ކޮށްދީފައެވެ. އޭނާ ވިދާޅުވި ގޮތުގައި ތިންވަނަ ކަމަކީ ހަމާސް އަސްކަރީ ގޮތުން ބަލިކުރުމެވެ. މިއީ ވެސް އިސްރާއީލަށް ކުރެވޭނެ ކަމެއް ނޫނެވެ. ސަބަބަކީ ހަމާސްއަކީ މިނިވަންކަމަށް މަސައްކަތްކުރާ ޖަމާއަތަކަށް ވުމެވެ. އަދި ގެރިއްލާ ހަނގުރާމަ ކުރާ ބަޔަކަށް ވުމެވެ. އަދި ޣައްޒާގެ އާންމުންގެ ތާއީދު ހަމާސްއަށް އިންތިހާއަށް ބޮޑުވުމެވެ. މި ސަބަބުތަކާއެކު ހަމާސް ބަލިކުރުމަކީ ކުރިޔަށްއޮތް 10 އަހަރު ތެރޭގައި ވެސް އިސްރާއީލަށް ކުރެވޭނެކަމެއް ނޫނެވެ. އިސްރާއީލުން އިއްޔެ ޣައްޒާއަށް ދިން ޓެރަރިސްޓް ހަމަލާތައް އަމާޒުކުރި އެއްބަޔަކީ ޣައްޒާގައި ވެރިކަން ކުރާ ހަމާސް ޖަމާއަތުގެ ސަރުކާރުގެ މަދަނީ އިސްވެރިންނެވެ. މިކަމުގެ ބޭނުމަކީ ޣައްޒާގައި އޮތް ހަމާސްގެ މަދަނީ ސަރުކާރުގެ އިސްވެރިންނާއި މުވައްޒަފުން ގިނަ އަދަދަކަށް މަރާލުމުން ހަމާސްގެ ވެރިކަން ރޫޅިގެންދާނެކަމަށް އިސްރާއީލު ދެކޭ ދެކުމެވެ. ޣައްޒާގައި އޮތް ހަމާސްގެ މަދަނީ ސަރުކާރު ރޫޅުނު ނަމަވެސް ޣައްޒާގައި ވެރިކަން ކުރާނެ އެހެންބަޔަކު ޣައްޒާގެ ރައްޔިތުންގެ ތެރެއިން އިސްރާއީލަށް ނުހޯދޭނެކަމަށާއި ޣައްޒާގެ ވެރިކަމުގައި ދެން ވެސް އޮންނާނީ ހަމާސްކަމަށް މިލާ ވިދާޅުވިއެވެ. އިސްރާއީލުން އިއްޔެވަނީ ޣައްޒާގެ އާންމުންނަށް ހަމަލާދީ 412 މީހަކު ޝަހީދުކޮށް 500 އަށްވުރެ ގިނަ މީހުން ޒަޚަމްކޮށްލާފައެވެ. އިސްރާއީލުގެ ދިފާއީ ވަޒީރު ބުނެފައިވާގޮތުން އިއްޔެ ޣައްޒާއަށް ހަމާލާދީ ގިނަ އަދަދަކަށް މީހުންމެރީ ޝަރުތަކާ ނުލައި އިސްރާއީލުގެ ރަހީނުން މިނިވަން ކުރުން ނޫންގޮތެއް ހަމާސް އަށް ނޯންނާނެކަމުގެ މެސެޖެ އެޖަމާއަތަށް ދިނުމުގެ ގޮތުންނެވެ. އަސީރުން ޝަރުތަކާ ނުލައި މިނިވަން ނުކޮށްފިނަމަ ކުރިޔަށް އޮތް ދުވަސްތަކުގައި ހަމާސްގެ ކުރިމަތީގައި ނަރަކައިގެ ދޮރުތައް ވަރަށް ބޮޑަށް ހުޅުވާލާނެކަމަށް އިސްރާއީލުގެ ދިފާއީ ވަޒީރު ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ