ޝަހީދުވި ސިފައިންގެ އާއިލާގެ ކޮންމެ މީހަކަށް މަހަކު 9،000 ރުފިޔާ ދެނީ
ނޮވެމްބަރު 3، 1988ގެ ހަނގުރާމާއިގައި ޝަހީދުވެފައިވާ ސިފައިންގެ އާއިލާގެ ކޮންމެ މީހަކަށް މަހަކު 9،000 ރުފިޔާ ދިނުމަށް ސަރުކާރުން ނިންމައިފިއެވެ. ނޮވެމްބަރު ތިނެއްގެ ހަނގުރާމައާ ގުޅުވައި އިނާޔަތްތައް ދިނުމާ ގުޅޭ ގޮތުން ޑިފެންސް މިނިސްޓްރީން އާއްމުކުރި އުސޫލެއްގައިވާ ގޮތުން، އެ އުސޫލުގެ މަގުސަދަކީ ނޮވެމްބަރު 3، 1988ގެ ހަނގުރާމާއިގައި ޝަހީދުވެފައިވާ ސިފައިންގެ އާއިލާތަކަށާއި، އެ ހަނގުރާމައިގައި ދައްކުވައިދިން އާދަޔާޚިލާފު ހިތްވަރު ފާހަގަކޮށް، ސިފައިންގެއިން ޝަރަފުގެ ނިޝާން ދީފައިވާ ފަރާތްތަކުގެ ޚިދުމަތުގެ އަގުވަޒަންކޮށް، އެ ފަރާތްތަކަށް މާލީ އިނާޔަތެއް ދިނުމެވެ. އެ އިނާޔަތް ހައްގުވާ ފަރާތްތަކުގެ ގޮތުގައި ކަނޑައަޅާފައި ވަނީ: ނޮވެމްބަރު 3، 1988ގެ ހަނގުރާމައިގައި ޝަހީދުވި ސިފައިންގެ އާއިލާތައް. ނޮވެމްބަރު 3، 1988ގެ ހަނގުރާމައިގައި ދައްކުވައިިދިން އާދަޔާ ޚިލާފު ހިތްވަރު ފާހަގަކޮށް، ޝަރަފުގެ ނިޝާން ދެވިފައިވާ ފަރާތްތައް. އެ ހަނގުރާމައިގައި އަށް ސިފައިން ޝަހީދުވިއިރު، އުސޫލުގައިވާ ގޮތުން ނަމަ ހަނގުރާމައިގައި ޝަހީދުވި ސިފައިންގެ ޚިދުމަތް ފާހަގަކޮށް، އިނާޔަތް ދެވޭނީ އެ ޝަހީދުންގެ އާއިލާތަކަށެވެ. ޝަހީދުވި މީހާގެ އާއިލާކަމުގައި ބަލާނީ، މައިންބަފައިންނާއި، އުފަންދަރީންނާއި، ހުވަފަތްވި އަނބިމީހާ ކަމަށް އުސޫލުގައި ވަނީ ބަޔާންކޮށްފައެވެ. https://x.com/MoDmv/status/1902292600750764447 އަދި ހަނގުރާމައިގައި ޝަހީދުވި ސިފައިންގެ މީހާގެ އާއިލާގެ މެންބަރުންގެ ތެރެއިން ދުނިޔޭގައި ތިބި ކޮންމެ މީހަކަށް، އެ މީހަކު ދުނިޔޭގައި ހުރިހައި ދުވަހަކު މަހަކު 9،000 ރުފިޔާ ދިނުމަށް އުސޫލުގައި ވަނީ ކަނޑައަޅައިފައެވެ. އަދި ހަނގުރާމައިގައި އަމިއްލަ ހަށިގަނޑާށާއި ފުރާނައަށް ބެލުމެއްނެތި ދައްކުވައިދިން ޖެހިލުންކުޑަ އަދި ހިތްވަރުގަދަ އަމަލުގެ ސަބަބުން ހުރަވީ ރަން މެޑަލް ދީފައިވާ ފަރާތްތައް ދުނިޔޭގައި ހުރިހައި ދުވަހަކު މަހުން މަހަށްދޭ ފައިސާގެ އިނާޔަތުގެ ގޮތުގައި 8،000 ރުފިޔާ ދިނުމަށް ވަނީ ކަނޑައަޅައިފައެވެ. މީގެ އިތުރުން އެ ހަނގުރާމައިގައި ހިތްވަރުގަދަކަމުގެ ކުލަ ދެވިފައިވާ ކޮންމެ ފަރާތްތައް ދުނިޔޭގައި ހުރިހައި ދުވަހަކު މަހުން މަހަށްދޭ ފައިސާގެ އިނާޔަތުގެ ގޮތުގައި 6،000 ރުފިޔާ ދިނުމަށް ވަނީ ކަނޑައަޅައިފައެވެ. އުސޫލުގައި ބުނެފައިވާ ގޮތުގައި ޝަރަފުގެ ނިޝާން ދީފައިވާ ފަރާތެއް މަރުވެއްޖެނަމަ، އިނާޔަތްދިނުން ހުއްޓުމަކަށް އަންނާނެއެވެ. އެހެންކަމުން އެއިން ފަރާތެއް މަރުވެއްޖެނަމަ އެކަން އެއް މަސްދުވަސްތެރޭ ޑިފެންސް މިނިސްޓްރީއަށް އާއިލާގެ ފަރާތުން އަންގަން ޖެހޭނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ. އެ އުސޫލުގައި ނުހިމެނޭ ކަމެއް ދިމާވެއްޖެނަމަ، އެކަމުގައި އަމަލުކުރާނެ ގޮތެއް ކަނޑައަޅާނީ ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާއެކު ރައީސުލްޖުމްހޫރިއްޔާކަމަށް ވަނީ ބަޔާންކޮށްފައެވެ. އެ އުސޫލު މިއަދު ގެޒެޓުކުރުމާއެކު އަމަލު ކުރަން ވަނީ ފަށައިފައެވެ. ނޮވެމްވަރު 3، 1988ގައި ދިން އުދުވާނީ ހަމަލާއަކީ ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ އާއި ސ. ހިތަދޫ ޕެރިސްހޮލިޑޭ އަހުމަދު ނާސިރު އިސްވެ ހުރެ، ތަމަޅައިންނާއެކު އަރައި، ހަތިޔާރާއެކު ދިން އުދުވާނީ ހަމަލާއެވެ. އެ ހަމަލާގައި އަށް ސިފައިންގެ އިތުރުން 11 އާންމު ރައްޔިތުން ވެސް ޝަހީދުވިއެވެ. https://sun.mv/198712 ރައީސް ޑރ. މުޙައްމަދު މުއިއްޒުވަނީ ޝަހީދުންގެ އާއިލާތަކަށް އިނާޔަތް ދިނުމުގެ އިތުރަށް، 50 ޔުނިޓްގެ ހައުސިން އިމާރާތެއް ވެސް އެ އާއިލާތަކަށް ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ