3 ނޮވެމްބަރުގައި ޝަހީދުވި ސިފައިންގެ އާއިލާތަކަށް މަހަކު 9،000 ރުފިޔާ ދެނީ

ނޮވެމްބަރު 3، 1988ގެ އުދުވާނުގައި ޝަހީދުވި ސިފައިންގެ އާއިލާތަކަށް މަހަކު 9،000ރ. ދޭން ނިންމައި ސަރުކާރުން އެކަން މިއަދު އިއުލާންކޮށްފި އެވެ. 
ވީ ކިހިނެއް؟ - ދިވެހިންގެ ބަޔަކާ ގުޅިގެން ތަމަޅަ ޓައިގަރުން 3 ނޮވެމްބަރު 1988 ގައި ރާއްޖެ ހިފަން ދިން އުދުވާނީ ހަމަލާގައި ޝަހީދުވި ސިފައިންނާއި އެ ހަމަލާ ނާކާމިޔާބުކޮށްލުމުގައި އެ ދުވަހު އާދަޔާ ހިލާފު ހިތްވަރު ދައްކާފައި ވާތީ، ސަރުކާރުން ޝަރަފުގެ ނިޝާން ދީފައިވާ ސިފައިންނަށް އިނާޔަތް ދިނުމުގެ އުސޫލު މިއަދު ވަނީ ގެޒެޓްކޮށްފަ އެވެ. 
ތަފްސީލް - އެ އުސޫލުގައިވާ ގޮތުގައި ޝަހީދުވެ ސިފައިންގެ އާއިލާތަކަށް އިނާޔަތް ދިނުމުގައި އަމަލުކުރާނެ ގޮތްތަކަކީ: 
ޝަހީދުވެ ސިފައިންގެ އާއިލާގެ މެންބަރުންގެ ތެރެއިން ދުނިޔޭގައި ތިބި މަންްމަ، ބައްޕަ، ދަރިން އަދި ހުވަފަތްވި އަނބިމީހާއަށް މަރުވަންދެން ކޮންމެ މީހަކަށް މަހަކު 9،000ރ. 
ފާހަގަކޮށްލެވޭ - އެ ދުވަހު ޝަހީދުވީ ޖުމްލަ 19 ދިވެހިންނެވެ. އޭގެ ތެރޭގައި ހިމެނެނީ 8 ސިފައިންނެވެ. 
މީގެ އިތުރުން، އެ ދުވަހުގެ ހަމަލާ ނާކާމިޔާބުކޮށްލުމަށް ކުރި މަސައްކަތާ ގުޅިގެން ޝަރަފުގެ ނިޝާން ދީފައިވާ ސިފައިންނަށް އިނާޔަތް ދިނުމުގައި އަމަލުކުރާނެ ގޮތަކީ: 
ހުރަވީ ރަން މެޑަލް ދީފައިވާ ފަރާތްތަކަށް - މަހަކު 9،000ރ.
ހުތަވީ ރިހި މެޑަލް ދީފައިވާ ފަރާތްތަކަށް - މަހަކު 8،000ރ. 
ހިތްވަރުގަދަ ކުލަ ދީފައިވާ ފަރާތްތަކަށް - މަހަކު 6،000ރ. 
އުސޫލުގައި ބުނީ އެ ފަރާތްތަކަށް އެލަވަންސް ދޭނީ އެ މީހުން މަރުވަންދެން ކަމަށެވެ. އަދި އެ މީހުން މަރުވުމުން އާއިލާގެ ފަރާތުން އެކަން ޑިފެންސް މިނިސްޓްރީއަށް އެއް މަސް ތެރޭ އަންގަން ވާނެ ކަމަށް ވެސް އުސޫލުގައި ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ