ބަލަމުންދާ މައްސަލައާ ގުޅޭ އެއްވެސް ސުވާލެއް ކޮމިޓީގެ މެންބަރުން ފަނޑިޔާރު މަހާޒްއާ ނުކުރޭ: ވަކީލު ބަލަމުންދާ މައްސަލައާ ގުޅޭ އެއްވެސް ސުވާލެއް ކޮމިޓީގެ މެންބަރުން ފަނޑިޔާރު މަހާޒްއާ ނުކުރޭ: ވަކީލު

ސުލޫކީ މައްސަލައަކާ ގުޅިގެން ފަނޑިޔާރު މަހާޒް އަލީ ޒާހިރު މިއަދު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހާޒިރުކުރި ނަމަވެސް އެ މައްސަލައާ ގުޅޭ އެއްވެސް ސުވާލެއް ތަހުގީގީ ކޮމިޓީން ފަނޑިޔާރާ ނުކުރާ ކަމަށް އޭނާގެ ވަކީލު ވިދާޅުވެއްޖެ އެވެ.
ޖޭއެސްސީއިން ބަލަމުން ދަނީ މައްސަލައަކާ ގުޅިގެން ސުޕްރީމް ކޯޓަށް ލިބެންޖެހޭ މުހިންމު ލިޔެކިޔުންތަކެއް ފޯރުކޮށްދިނުމަށް ދެކޮޅު ހަދައިގެން ހައި ކޯޓުގެ ކުރީގެ ރަޖިސްޓްރާ ހުސެއިން މުހައްމަދު ހަނީފު ހާޒިރުކޮށް ޖަވާބުދާރީ ކުރި ތަނުގައި މަހާޒް އަދި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ތިއްބެވި ކަމަށް ބުނާ މައްސަލަ އެކެވެ. މަހާޒްގެ ކުރިން އަޒްމިރަލްދާވެސް މިއަދު ކޮމިޝަނަށް ހާޒިރުކުރި އެވެ.
މިއަދުގެ އަޑުއެހުމާ ގުޅޭގޮތުން އަދަދު އިން ސުވާލުކުރުމުން ފަނޑިޔާރު މަހާޒްގެ ގާނޫނީ ވަކީލު، މުހައްމަދު ފައިސަލް ވިދާޅުވީ މައްސަލައާ ގުޅިގެން ހާޒިރުވާން އެދި ފޮނުވި ނޯޓިސްގައި ހުރި އެއްވެސް ކަމަކާ ގުޅޭގޮތުން މައްސަލަ ބަލާ ކޮމިޓީން ސުވާލު ނުކުރާ ކަމަށެވެ.
"ފަނޑިޔާރު މަހާޒްއާ ސުވާލެއް ނުކުރައްވާ އެއްވެސް ފަނޑިޔާރަކު ހަޑިހުތުރު ބަހުން ވާހަކަ ދެއްކިތޯ. ކޮން ވާހަކައެއްތޯ ދެއްކީ އެކަހަލަ ސުވާލެއް ނުކުރައްވާ،" އޭނާ ވިދާޅުވި އެވެ.
މިއަދުގެ އަޑުއެހުމުގައި ކޮމިޓީން ކުރީ މައިގަނޑު ދެ ސުވާލެއްކަން ފައިސަލް ފާހަގަކުރެއްވި އެވެ.
އެއީ ހައި ކޯޓުގެ މުވައްޒަފަކު ސުޕްރީމް ކޯޓަށް ހާޒިރުކުރެވިދާނެތޯ އާއި އެކަން ކުރަން އޮންނަ އިޖުރާއަތަކީ ކޮބާތޯ ކުރި ސުވާލާއި ސުޕްރީމް ކޯޓުގައި ބަލަމުންދާ ލާރިތަކާ ގުޅިގެން ހައިކޯޓުން ލިޔެކިޔުންތައް ގެންނައިރު އަމަލުކުރާ އިޖުރާއަތަކީ ކޮބައިތޯ ކުރި ސުވާލެވެ.
ނޯޓިސްގައި ނެތް ނަމަވެސް މި ހުރިހާ ސުވާލަކަށް ފަނޑިޔާރު ޖަވާބު ދިން ކަމަށްވެސް ފައިސަލް ވިދާޅުވި އެވެ.
ހައި ކޯޓުގެ ރަޖިސްޓްރާ، ހުސެއިން މުހައްމަދު ހަނީފު ސުޕްރީމް ކޯޓަށް ހާޒިރު ކުރީ ފަނޑިޔާރު ހުސްނުއްސުއޫދު އެވެ. ހަނީފު ސުޕްރީމް ކޯޓަށް ހާޒިރު ކުރީ މަސްތުވާތަކެތީގެ ބޮޑު މައްސަލައެއްގައި ހިމެނޭ ލިޔެކުންތަކެއް ފޯރުކޮށްދިނުމަށް އޭނާ ދެކޮޅު ހެދި މައްސަލައިގަ އެވެ. އޭގެ ކުރިން ވެސް ބައެއް މައްސަލަތަކުގައި ލިޔެކިޔުންތައް ހިފެހެއްޓި މައްސަލަ އޭނާގެ އޭރު އޮތެވެ.
މި މައްސަލާގެ އިތުރުން، އަޒްމިރަލްދާ އަދި މަހާޒްގެ މައްޗަށް ޖޭއެސްސީ އިން ދަނީ އިތުރު ސުލޫކީ މައްސަލައެއްގެ ތަހުގީގުވެސް ހިންގަމުންވެ. އެއީ އަޒްމިރަލްދާގެ ފިރިކަލުން ކުށެއްގައި ބަންދުކުރުމުން ކްރިމިނަލް ކޯޓަށް ނުފޫޒު ފޯރުވަން އުޅުނު ކަމަށް ބުނާ މައްސަލަ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑު ކުރީ، ސިޔާސީ ޕާޓީތަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލު ބާތިލު ކުރަން ހުށަހެޅި މައްސަލައިގެ އަޑުއެހުމެއް ބާއްވަން ކުޑަތަންވެފައި އޮއްވައި ޝަރީއަތަށް ހުރަސްއެޅޭ ގޮތަށެވެ.
މި ދެ ފަނޑިޔާރުން ސަސްޕެންޑު ކުރީ ފެބްރުއަރީ 26، ގަ އެވެ. އެ ދުވަހު، ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން މަގާމުން ވަކި ކުރަން މަޖުބޫރުވާ ގޮތަށް ރައްޔިތުންގެ މަޖިލީހުން ގައިރު ގާނޫނީ ބިލެއް ވެސް ފާސް ކުރި އެވެ. ނަމަވެސް އެ ބިލު މިހާރު ވަނީ އަނބުރާ މަޖިލީހަށް ފޮނުވާލައިފަ އެވެ.
ފަނޑިޔާރުން ސަސްޕެންޑު ކުރީ އެ ފަނޑިޔާރުންގެ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަނުން ބަލަމުންދާ ކަމަށް ބުނެ އެވެ. ފަހުން އެނގުނު ގޮތުގައި އޭސީސީއިން ބަލަނީ ޖުޑީޝަލް ސާވިސް ކޮމިޝަނުން ވެސް ބަލަމުންދާ މައްސަލަ އެވެ.
އެ މައްސަލައިގައި ފަނޑިޔާރު އަޒްމިރާލްދާ ވަނީ އޭސީސީގެ ރައީސް އާދަމް ޝާމިލްއާ ދެކޮޅަށް އެ ކޮމިޝަނަށް މައްސަލައެއް ހުށަހަޅައިފަ އެވެ. އެ މައްސަލަ އެ ކޮމިޝަނުގައި ރަޖިސްޓްރީ ކޮށްފައިވާ ކަމަށް އޭސީސީއިން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ