ޖުމްހޫރީ ޕާޓީގެ ކުރީގެ ރައީސް، ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ދިމާވި ކަމަކީ ހަސަދަވެރިންގެ އެތިފަހަރެއް ކަމަށާއި އެފަދަ އެތިފަހަރުތައް ޅަ އުމުރުގައި އަންނާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
އަލީ ވަހީދު މިނިސްޓަރުގެ މަގާމުގައި ހުންނެވި އިރު، އޭނާއާ ދެކޮޅަށް ހުށަހެޅުނު ޖިންސީ ގޯނާގެ މައްސަލަތަކުގެ ތަހުގީގު ތެރެއިން އަލީ ވަހީދު ވަނީ އިނގިރޭސިވިލާތަށް ފުރާވަޑައިގެންފައެވެ. އޭގެ ދެ އަހަރު ފަހުން އަލީ ރާއްޖެ ވަޑައިގެންނެވީ މިދިޔަ އަންގާރަ ދުވަހުއެވެ. އެއިރު ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ވަނީ އަލީ ވަހީދުގެ މައްޗަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފައެވެ. ސުޕްރީމް ކޯޓުގެ ހުރުމަތް ކަނޑާލި މައްސަލައިގައި އޭނާގެ މައްޗަށް ކުރި ޖަލު ހުކުމް ވެސް އެ ކޯޓުން ވަނީ ބާތިލުކޮށްފައެވެ. އެ ހުކުމް ބާތިލުކުރީ އަލީ ވަހީދު މައާފަށް އެދިވަޑައިގެންނެވުމުންނެވެ.
އަލީ ވާހިދާއި ގާސިމް މިއަދު ވަނީ ސަމާ އައިލެންޑް ރިސޯޓުގައި ބައްދަލުކުރައްވައިފައެވެ. ޖުމްހޫރީ ޕާޓީން އާންމުކުރި ވީޑިއޯއެއްގައި ގާސިމް ވަނީ އެ ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންތައްތައް ވިދާޅުވެދެއްވައިފައެވެ.
ގާސިމް ވިދާޅުވީ އަލީ ވަހީދަކީ އޭނާއަށް ހަވާލުކުރާ މަސްއޫލިއްޔަތުތައް ވަރަށް ފުރިހަމަކޮށް އަދާކުރައްވާ ބޭފުޅެއް ކަމަށާއި އަދި ކަމަކާ ހަވާލުވުމަށް ފަހު، އެކަމަށް ކުރާނެ ގޮތްތައް ވަރަށް އަވަހަށް ދަސްކުރައްވާ ބޭފުޅެއް ކަމަށެވެ. އެފަދަ ހުނަރަކީ ކޮންމެ ކޮންމެ މީހެއްގެ ކިބައިގައި ހުންނަ ހުނަރެއް ނޫން ކަމަށްވުމުން ހަސަދަވެރިންގެ އެތިފަހަރުތައް އަމާޒުވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.
"ޅަ އުމުރުގައި، ތި އުމުރުގައި އަދި ދިމާވާނެ ތިކަހަލަ ކަންތައްތައް. އަދި ފަހުކޮޅުގައި ވެސް ދިމާވާނެ ބައިވަރު ކަންތައްތައް. ދުނިޔޭގެ ހަޔާތަކީ ބައެއް ފަހަރަކަށް ނޫން ހުރިހާ ފަހަރަކު ވެސް އަޕް އެންޑް ޑައުންގެ ކާޅުވައް ދުޅައަށޭ ބުނާނީ. ދުނިޔޭގެ ހަޔާތުގައި އިންސާނާ ދާނީމ ދަތުރުކުރާނީ އެއްވައް މަތިން އަނެއްވައް ދަށުން ލާފަ، އެހެންވީމާ މި ކިޔަނީ ކާޅުވައް ދުޅައަށޭ އެކަހަލަ ކައްތައް ހިނގަނީ. އެހެންވީމާ އެ ދިމާވާ ނާއުއްމީދުތަކާއެކީގައި ކުރިމަތިވާ ކަމަކާ ހެދި ނާ އުންމީދުވެގެން މީހާ މުޅި ހަޔާތް ބަރުބާދުކޮށްލައި، މީހާގެ އެއްވެސް ޝައުގުވެރިކަމެއް ނެތި މާޔޫސްވެގެން ދިއުމަކީ އެއްގޮތަކަށް ވެސް ވެގެންވާނެކަމެއް ނޫން،" ގާސިމް ވިދާޅުވިއެވެ.
"ހަސަދަވެރިންގެ ފަރާތުން އެތިފަހަރު އަންނާނެ. އެކަހަލަ އެތިފަހަރެއްގައި މި ދޭތެރެއިން ތާށިވެފައި ހުންނަވާފައި އަނެއްކާވެސް އެކަމުން ސަލާމަތްވެވެޑައިގެން ހުންނެވީ،"
ގާސިމް ވިދާޅުވީ ކޮވިޑް-19 ގެ އެންމެ ދަތި ދުވަސްވަރު އެންމެ ބުރަކޮށް މަސައްކަތްކުރެއްވީ އަލީ ވަހީދުކަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަދި ރާއްޖޭގެ ރައްޔިތުންނަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އަދި "ނުކިއްސަރު ރިޕޯޓެއްް ލިބިގެން" އަލީ ވަހީދު އިނގިރޭސިވިލާތުގެ ޖަލަށްލި ކަމަށާއި ނަމަވެސް އެއީ ރަނގަޅަށް ދިޔަ ކަމެއް ނޫންކަން އެނގިގެން އޭނާ ޖަލުން މިނިވަންކޮށް މައާފަށް އެދުނު ކަމަށެވެ.
"މިއަދު އެ ހުންނެވީ އިރާދަކުރެއްވިޔާ ދިވެހި ސަރުކާރުގެ ފަރާތުން އެ ކަންތައް ޕީޖީގެ ފަރާތުން ވެސް މައްސައެއް ނެތް ކަމަށް ވިދާޅުވެ ހުރިހާ ކަމެއް ނިމިފަ،" ގާސިމް ވިދާޅުވިއެވެ.
އަލީ ވަހީދަށް ދިމާވީ ހަސަދަވެރިންގެ އެތިފަހަރެއް، ޅަ އުމުރުގައި ކަންކަން ވާނެ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ