ހަތަރު މަހުގެ މުސާރައާއެކު ވަޒީފާއިން ވަކިވުމަށް ފެނަކައިގެ 97 މުވައްޒަފަކު އެދިއްޖެ

ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ހިންގުމުގެ ހަރަދުތައް ކުޑަކޮށް، މާލީ ދެމެހެއްޓެނިވިކަން އިތުރުކުރުމަށް ކުންފުނީގެ މުވައްޒަފުންގެ އަދަދު މަދުކުރުމުގެ މަސައްކަތުގެ ދަށުން، އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވުމަށް 97 މުވައްޒަފަކު ހުށަހަޅާފައިވާކަން އެ ކުންފުނިން ކަށަވަރުކޮށްދީފިއެވެ.
”ސަންގަށް“ މައުލޫމާތު ދެއްވަމުން ފެނަކައިގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު އިކްރާމް ވިދާޅުވީ، އެ 97 މުވައްޒަފުން ވަޒީފާއިން ވަކިވުމަށް އެދިފައިވަނީ އެމީހުންގެ އަމިއްލަ އިހްތިޔާރުގައި ކަމަށެވެ. އަދި އެގޮތަށް ވަކިވާ މުވައްޒަފުންނަށް އިނާޔަތެއްގެ ގޮތުން ހަތަރު މަސް ދުވަހުގެ މުސާރަދިނުމަށް ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މި މަސައްކަތް ކުރިއަށްދަނީ ކަނޑައެޅިފައިވާ އުސޫލުތަކާއި އިޖުރާއަތްތަކުގެ ތެރެއިންކަންވެސް އިކްރާމް ފާހަގަކުރެއްވިއެވެ.
ރައިޓްސައިޒްކުރުމުގެ ދަށުން މުވައްޒަފުންނަށް ދޭންޖެހޭ ފައިސާގެ ޖުމްލަ އަދަދާ ގުޅޭގޮތުން ސުވާލުކުރުމުން އިކްރާމް ވިދާޅުވީ، ވަކިވާން އެދިފައިވާ މުވައްޒަފުންނަކީ ތަފާތު އެކި ފަންތީގެ މުވައްޒަފުން ކަމަށް ވާތީ، ޖުމްލަ އަދަދު އަދި ކަނޑައެޅިފައިނުވާ ކަމަށެވެ. ނަމަވެސް، މި މަސައްކަތް މުޅިން ނިމުމުން ރަސްމީކޮށް އެ މައުލޫމާތު ހާމަކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ފެނަކަ އަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިދުމަތް ދެމުން އަންނަ ކުންފުންޏަކަށްވާއިރު، މިވަގުތު އެ ކުންފުނީގައި 8,000 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރަމުންދާކަންވެސް ފެނަކައިން ވަނީ ކަށަވަރުކޮށްދީފައެވެ.
ކުންފުނީގެ އޮޕަރޭޝަނަލް ހަރަދުތައް ކުޑަކުރުމަށް ފަށާފައިވާ މި ރީސްޓްރަކްޗަރިން މަސައްކަތަކީ، ފާއިތުވި އަހަރުތަކުގައި ކުންފުނީގެ މުވައްޒަފުންގެ އަދަދު އިތުރުވެ، މުސާރައަށް ކުރަންޖެހޭ ހޭދަ ބޮޑުވުމުގެ ސަބަބުން ކުރިމަތިވެފައިވާ މާލީ ދަތިތަކަށް ހައްލެއް ހޯދުމަށް ފެށި ކަމެކެވެ. ފެނަކައިން ބުނާ ގޮތުގައި މި ފިޔަވަޅަކީ ކުންފުނީގެ މަސައްކަތުގެ ފެންވަރު ރަނގަޅުކޮށް، އޮޕަރޭޝަނަލް ބޭނުންތަކާ އެއްވަރަށް މުވައްޒަފުންގެ އަދަދު ތަރުތީބުކޮށް، މާލީ ގޮތުން ކުންފުނި ބާރުވެރިކުރުވުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ