ވަރީގެ ސަބަބުން ދެމަފިރިންނަށްވުރެ ބޮޑަށް ކުދިންނަށް އަސަރުކުރާކަން ދެނެގަނެވިފައިވާކަމަށް ސިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ މިނިސްޓަރ ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.
ނޭޝަނަލް ފެމިލީ މީޑިއޭޝަން ތަމްރީން ޕްރޮގްރާމާއި ކުޑަކުދިންނާއި އަންހެނުންނަށް ޢާއިލީ ދިރިއުޅުމުގެ އެކި މަރުޙަލާތަކުގައި ކުރިމަތިވާ ނާޒުކު ޙާލަތްތަކާއި ގުޅޭގޮތުން ކުރި ދިރާސާ އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޤީލާ ވަނީ ޢާއިލީ ގުޅުންތަކުގެ މައްޗަށް އެކުލަވާލާފައިވާ ރިޕޯޓުން ހާމަވީ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، ޤީލާ ވިދާޅުވީ ޢާއިލާ ތެރޭގައި ދިމާވާ އެކި އެކި މައްސަލަތަކުގައި ކުދިންނަށް ކުރާ އަސަރު އެހެން މީހުންނަށް ކުރާ އަސަރަށްވުރެ ބޮޑުކަމަށެވެ. ހަމައެއާއެކު، ދެމަފިރިން ވަކިވީނަމަވެސް މައިންބަފައިންގެ ގޮތުގައި އަދާކުރަންޖެހޭ ޒިންމާ ދެމިއޮންނާނެކަމަށާއި އެ ޒިންމާ އަދާކުރުމަށް ދެފަރާތުންވެސް އެއްބާރުލުން ދޭންޖެހޭނެކަމަށް ޤީލާ ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން، ބަދަހި މުޖުތަމަޢެއްގެ ބިންގަލަކީ ހަރުދަނާ ބަދަހި ޢާއިލާއަކަށްވާއިރު ޢާއިލީ މައްސަލަތަކުގައި ލިބޭ ގެއްލުންތަކުން ކުޑަކުދިން ރައްކާތެރިކުރުމަށް އަދި ޢާއިލާތަކަށް މައްސަލަތައް ދިމާވާއިރު އެހީތެރިކަން ފޯރުކޮށްދެވޭނެ ފަރާތްތަކެއް ތިބެންޖެހޭކަން ޤީލާ ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން، ފެމިލީ މީޑިއޭޓަރުން މެދުވެރިކޮށް ޢާއިލާތަކުގައި ޖެހޭ މައްސަލަތައް ހައްލުކުރުމަށް ކުރިއަށް އޮތްތަނުގައި ފެށިގެންދާ މަސައްކަތަކީ މުހިއްމު މަސައްކަތެއްކަމަށް ޤީލާ ވިދާޅުވިއެވެ.
"ޢާއިލީ މައްސަލަތަކުގައި ނާޒުކު ޙާލަތްތައް ކުރިމަތިވަނީ ވަރިވާ ހިސާބަކުން ނޫން. ކުދިންގެ ކުރިއެރުމަށް ގޮންޖެހުން ކުރިމަތިވެދާނެ އެތައް ޙާލަތްތަކެއް ކުރިމަތިވޭ ޢާއިލާތަކުގެ ތެރެއިން. އެހެންކަމުން މިކަންކަމުގައި އެހީތެރިވެދޭނެ ތަމްރީނު ލިބިފައިވާ މީޑިއޭޓަރުން ތިބުން މުހިއްމު." ވަޒީރު ވިދާޅުވިއެވެ.
ދެމަފިރިންގެ ދެމެދުގައި ޖެހޭ މައްސަލަތައް ގޯސްވެ މުޢާމަލާތުނުކުރެވޭ ހިސާބަށް މައްސަލަތައް ގޯސްވާ ޙާލަތަށް ދިޔުމުގެ ކުރިން މީޑިއޭޓަރުންގެ އެހީތެރިކަން ބޭނުންވާ އެތައް ޙާލަތެއް ކުރިމަތިވާއިރު އެ ޚިދުމަތްދެވޭނެ މަގެއް ރާއްޖޭގައި ނެތެވެ. މާލެ ފިޔަވައި ރާއްޖޭގެ އެއްވެސް މެޖިސްޓްރޭޓް ކޯޓެއްގައި މި ޚިދުމަތް ލިބެން ނެތްކަމުން އެކަން ކަށަވަރުކުރުމަށް ސަރުކާރުން މިހާރު ވަނީ މަސައްކަތް ފައްޓަވާފައެވެ.
އެގޮތުން، ޖުލައި މަހުގެ ތެރޭގައި މީޑިއޭޓަރުން ތަމްރީނުކުރާ ޓްރެއިނަރުން ތަމްރީނުކުރުމަށް ހަމަޖެހިފައިވާއިރު، އޭގެތެރޭގައި ކޯޓުތަކުގައި މަސައްކަތްކުރައްވާ އެކި ފަރާތްތައް ހިމެނެއެވެ. މި ފަރާތްތައް ތަމްރީންވުމުން ދެން ފަށާނީ ރާއްޖޭގެ ހުރިހާ މެޖިސްޓްރޭޓް ކޯޓެއްގައި ތިބޭނެ މީޑިއޭޓަރުން ތަމްރީނުކުރުމެވެ. މިއާއެކު ޢާއިލީ މައްސަލަތަކުގައި، ޚާއްސަކޮށް ވަރިއާއި ގުޅުންހުރި ކަންކަމުގައި ވަރިއާއި ހިސާބަށް ދިޔުމުގެ ކުރިން މައްސަލަތައް ހައްލުކޮށްދީ ޢާއިލީ ގުޅުންތައް އިތުރަށް ބަދަހިކުރުމަށް ޢާއިލާތަކަށް އެހީތެރިކަން ލިބޭނެއެވެ. މިއީ ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ސިޔާސަތުގެ ތެރެއިން ހަރުދަނާ ޢާއިލާތަކެއް ބިނާކުރުމަށް އެޅޭ މުހިއްމު ފިޔަވަޅެއްކަމަށް ޢާއިލާއާއި ބެހޭ ވުޒާރާއިން ފާހަގަކުރައްވައެވެ.
ވަރީގެ ސަބަބުން ދެމަފިރިންނަށްވުރެ ބޮޑަށް ކުދިންނަށް އަސަރުކުރޭ: މިނިސްޓަރ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ