ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަނުގައި މިއަދު ހަވީރު ކުޅުނު މެޗުން ކްލަބް ގްރީން ސްޓްރީޓްސް އިން ނޯތު ރީޖަން ލީގު ޗެމްޕިއަން، ހއ. ދިއްދޫއާ 2-2 އިން އެއްވަރުވެ، އަންނަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގެ ޖާގަ ދަމަހައްޓަން އުނދަގޫ ހާލަތަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.
ރާއްޖޭގެ ފުރަަތަމަ ޑިވިޝަނުގައި، 2017 އިން ފެށިގެން ވާދަކުރަމުން އަންނަ ގްރީން ސްޓްރީޓްސް އިން ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަނުގައި ކުުޅުނު ހަތަރު މެޗުން ލިބުނީ ދެ ޕޮއިންޓެވެ. ބާކީ އެ ޓީމަށް އެންމެ މެޗެއް އޮތްއިރު، އެ މެޗުން، ސައުތު ރީޖަން ލީގުގެ ޗެމްޕިއަން، ގދ. ގައްދޫ އަތުން މޮޅުވިޔަސް، އެހެން މެޗުތަކުގެ ނަތީޖާ ނުކުންނަ ގޮތް ބަލަންޖެހޭނެ އެވެ.
ޖުމްލަ އެކު ހަ ޓީމު ވާދަކުރާ ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަނުގެ ގަދަ ހަތަރަކަށް އަންނަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުން ޖާގަ ލިބޭނެ އެވެ. މި ވަގުތު ކޮލިފިކޭޝަނުގެ އެންމެ މަތީގައި އޮތް ތިން ޓީމަށް ވެސް ލިބިފައިވަނީ ހަތް ޕޮއިންޓެވެ. މާލެ ރީޖަން ލީގުގެ ޗެމްޕިއަން، ބިސް ބުރު ސްޕޯޓްސް އާއި ދެ ވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބަށް ތިން މެޗުން ހަތް ޕޮއިންޓް ލިބިފައިވާއިރު، ދިއްދޫން ހަތް ޕޮއިންޓް ހޯދީ ހަތަރު މެޗު ކުޅެގެންނެވެ.
ހަތަރު ވަނައިގައި އޮތް ގައްދޫ އަށް ތިން މެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު، ފަސް ވަނައިގައި އޮތް ގްރީން ސްޓްރީޓްސް އަށް ހަތަރު މެޗުން ދެ ޕޮއިންޓް ވަނީ ލިބިފަ އެވެ. ފުލުގައި އޮތް ސެންޓްރަލް ލީގުގެ ޗެމްޕިއަން، ކ. ހުރާ އަށް ތިން މެޗުން ވަނީ ދެ ޕޮއިންޓް ލިބިފަ އެވެ.
ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ދިއްދޫން ލީޑުނެގީ 15 ވަނަ މިނިޓްގައި ސެއިން ޑަންޖޫމާ ގުމްބާރީ ބޮލުން ޖެހި ގޯލުންނެވެ. އޭގެ ހަތަރު މިނިޓް ފަހުން، މިސްރުގެ މަހުމޫދު އެލް ސައީދު ބޮލުން ޖެހި ގޯލުން ގްރީން ސްޓްރީޓްސް އިން އެއްވަރުކުރި އެވެ. ދިއްދޫން ދެ ވަނަ ފަަހަރަށް ލީޑުނެގީ ވެސް ކޯނަރަކުން ޖެހި ގޯލަކުންނެވެ، އެ ގޮތުން، މެޗުގެ 32 ވަނަ މިނިޓްގައި ހުސެއިން ރަޝީދު ވަނީ ކޯނަރަކުން ހުރަސްވި ބޯޅައެއް ބޮލުން ގޯލަށް ފޮނުވާލައިފަ އެވެ.
ގްރީން ސްޓްރީޓްސް އިން މެޗުގައި ދެ ވަނަ ފަހަރަށް އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ ފުރަތަމަ މިނިޓް ތެރޭ އޭރިއާތެރެއިން ލިބުނު ފުރުސަތަކުން އޮބައިދާ ކަދުމް ޖެހި ގޯލަކުންނެވެ.
ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަނުގައި މިރޭ ބިސް ބުރުން ކުޅޭނީ ހުރާއާ އެވެ.
ދިއްދޫއާ އެއްވަރުވެ ގްރީން ސްޓްރީޓްސް އުނދަގޫ ހާލަތަކަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ