97 މުވައްޒަފުން ވަޒީފާއިން ވަކިވާން އެދުނު: ފެނަކަ

ފެނަކަ ކޯޕަރޭޝަނުން މުވައްޒަފުން މަދުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ހަތަރު މަހުގެ މުސާރައާއެކު އަމިއްލައަށް ވަޒީފާއިން ވަކިވުމަށް 97 މުވައްޒަފަކު ހުށަހަޅާފައިވާކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.
އަމިއްލައަށް ވަކިވާން ބޭނުންވާ މުވައްޒަފުންނަށް ފެނަކައިން އެ ފުރުސަތު ހުޅުވާލީ ޖޫން 14ގެ ނިޔަލަށެވެ. ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ފެނަކައިގެ އޮފިޝަލަކު ވިދާޅުވީ، މުވައްޒަފުންގެ ފަރާތުން އެކަމަށް ވަރަށް ރަނގަޅު ތަރުހީބެއް ލިބުނުކަމަށާއި ވަޒީފާއިން ވަކިވާން އެދި ހުށަހަޅާފައިވާ މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގެ މަރުހަލާ މިހާރު ކުރިއަށްދާކަމަށެވެ.
ފެނަކައިން މުވައްޒަފުން މަދުކުރަމުން ދަނީ، ކުންފުނީގެ ހިންގުން ހަރުދަނާކުރުމަށާއި ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެގޮތުން ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. އެގޮތުން، ފެނަކައިން ވަނީ ބައެއް ރަށްރަށުގައި ކުރާނެ މަސައްކަތެއް ނެތް ނަމަވެސް، އެ ރަށްރަށުގައި ގިނަ އަދަދެއްގެ މުވައްޒަފުން ތިބިކަން ފާހަގަކޮށްފައެވެ.
މި އުސޫލުން ވަޒީފާއިން ވަކިވުމުގެ ފުރުސަތު ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މުވައްޒަފުނަށްވެސް މިހާރު ވަނީ ހުޅުވާލާފައެވެ. އެޗްޑީސީގެ މުވައްޒަފުންނަށް ފޮނުވާފައިވާ މެމޯގައި ބުނެފައިވާގޮތުން، މުވައްޒަފުން މަދުކުރަން އެ ކުންފުނިން ނިންމީ ކުންފުނީގެ އޮނިގަނޑު ބަދަލުކުރުމުގެ މަސައްކަތުގެ ތެރެއިންނެވެ. އަދި މިކަމާގުޅޭ އިތުރު ތަފްސީލުތަކާއި އަމިއްލައަށް ވަޒީފާއިން ވަކިވާން އެދޭ މުވައްޒަފުންގެ ޝަރުތުތަކާއި އެކަމަށް ކަނޑައަޅާ ސުންގަޑި ފަހުން ހާމަކުރާނެކަމަށް އެޗްޑީސީންވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ