ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ކުރިއަށްގެންދިޔަ ހަރަކާތައް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް މަސްވެރިކަމާއިބެހޭ ވުޒާރާއިން ވަނީ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. މީގެ ތެރޭގައި މަސް ރޭސްއަކާއި އެންމެން މޫދަށް ނަމުގައި ކުރިއަށް ގެންދިޔަ ހަރަކާތް ހިމެނެއެވެ.
ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ކުރިއަށް ގެންދިޔަ ހަރަކާތްތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްޠަލިބް ވިދާޅުވީ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް ކުރިއަށް ގެންދިޔަ ހަރަކާތައް ވަރަށް ކުރު މުއްދަތެއްގައި ރާވާ ވަރަށް ކާމިޔާބުކަމާއެކު ނިންމާލެވިފައިވާކަަަށެވެ.
މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ މަސްރޭހަށްވަސް ބޮޑު ތަރުހީބެއް ލިބިފައިވާކަން މުއްޠަލިބް ފާހަގަކުރެއްވިއެވެ. މި މަސްރޭހުގައި 64 ރަށަކުން 200އަށް ވުރެއް ގިނަ ޓީމު ބައިވެރިވެރިވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. މުއްޠަލިބް ވިދާޅުވީ މި ހަރަކާތުން މޫދާ ގުޅިފައިވާ މިންވަރު އަދި މިފަދަ ކަންކަމުގައި ލިބޭ އެއްބާރުލުން ވަރަށް ބޮޑަށް ހާމަވެގެން ދިޔަކަމަށް ވިދާޅުވިއެވެ.
ސްޓޭޓް މިނިސްޓަރ މުއްޠަލިބް ވިދާޅުވީ ދެވަނަ ހަރަކާތެއްގެ ގޮތުން ކުރިއަށް ގެންދިޔަ "އެންމެން މޫދަށް" ހަރަކާތުގައިވެސް ގިނަ ފަރާތްތަކެއް ބައިވެރިވެފައިވާކަމަށެވެ. ރާއްޖޭގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި މޫދު ހަރަކާތްތަކާއި އިތުރު ކުޅިވަރުތައް ކުރިއަށްގެންގޮސްފައިވާކަން ފާހަގަކުރިއެވެ. މީގެތެރޭގައި މޫދު ޑިސްކަވަރ ހަރަކާތެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ހުޅުމާލޭގައި ކުރިއަށްގެންދިޔަ ހަރަކާތްތަކުގެ ތެރެއިން އެޗްޑީސީއިން ވަނީ މުރަކަ އާލާކުރުމުގެ ހަރަކާތެއްވެސް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތާއި ގުޅޭގޮތުން އެޗްޑީސީއިން ވިދާޅުވީ މި ހަރަކާތަކީ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެޗްޑީސީއާއި އީއާރްއޭއާއި ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެއްކަމަށެވެ.
ހުޅުމާލޭ ފޭސް 1 އަކާއި 2 ގުޅޭ ޗެނަލް ބީޗްގައި މިހަރަކާތް ކުރިއަށް ގެންދެވިފައިވާއިރު ކުރިއަށް އޮތްތަނުގައި އެތަނަށް މޫދަށް އެރޭ ފަރާތްތަކާއި ސްނޯކްލިންއަށް އަންނަ ފަރާތްތަކަށް އެ މުރަކަތަކަށް އަންނަ ބަދަލުތައް ދައްކާނެކަމަށް ވިދާޅުވިއެވެ.
"ސުކޫލް ކުދިންވެސް ކުރިއަށް އޮތްތަނުގައި މިތަނުގައި އަޅުގަނޑުމެން ވިސްނަންހަމަ އެޗްޑީސީއާއެކީ ގެނެސްގެން ކޮރަލް ގާޑެނިން ނުވަތަ ފަރުތަކާއި ނުވަތަ މުރަކަތަކާއި ހެދޭ ގޮތް ކުދިންނަށް ދައްކުފައި ދިނުމުގައި މި ޕްރޮޖެކްޓު ބޭނުން ކުރާނީ. މީގައި 7 ފްރޭމްވަަނީ ފުރިހަމަކޮށްފައި" އެޗްޑީސީއިން ވިދާޅުވިއެވެ.
ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ތަފާތު ހަރަކާތްތައް ހިންގުމުގެ ބޭނުމަކީ މުޖްތަމަޢުތަކުގެ މެދުގައި ކަނޑުފަޅުތަކަށް އޮންނަ ލޯބި އަށަގަންނުވައި އެތަންތަން ރައްކާތެރިކޮށް ބެލެހެއްޓުމުގެ ރޫހު އާލާކުރުންކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް ކުރިއަށް ގެންދިޔަ ހަރަކާތްތައް ނިންމާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ