ނ. މަނަދޫގައި ޤާއިމްކުރާ ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކެމްޕަސްއާއި ދަނާލުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. މި މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ ޓްރަސްޓެންގ ކުންފުންޏާއެވެ.
މަނަދޫގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި މި މަސައްކަތުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ އެ ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރެވެ. މި ރަސްމިއްޔާތިގައި އައިޔޫއެމްގެ އިސްވެރިންނާއި މަނަދޫގެ ކައުންސިލްގެ މެންބަރުން ވަނީ ބައިވެރިވެފައެެވެ. މިއީ އަތޮޅުތަކުގައި އައިޔޫއެމްއިން ތަރައްޤީކުރާ ފުރަތަމަ ދާއިމީ ކެމްޕަހެވެ.
އައިޔޫއެމްގެ ކެމްޕަސްތައް ތަރައްޤީކުރަނީ ކްލާސްރޫމްތަކާއި ލައިބްރީއާއި އިދާރީ އޮފީސް، ސެމިނަރ ސަރަޙައްދުވެސް ހިމެނޭހެންނެވެ. އަދި ދަރިވަރުން ތިބުމަށް ދަނާލުގެ އިތުރުން މުވައްޒަފުންގެ އެކަމަޑޭޝަން ބްލޮކްވެސް ތަރައްޤީ ކުރާނެއެވެ. އައިޔޫއެމްގެ އަމާޒަކީ 2 އަހަރުގެ ތެރޭގައި ހުރިހާ ތަނެއްގެ މަސައްކަތްތައް ނިންމާ ބޭނުން ކުރަން ފެށުމެވެ.
ރާއްޖޭގެ އެއްވެސް ސަރަޙައްދެއްގައި މިވަގުތު އެ ޔުނިވަރސިޓީގެ ދާއިމީ ކެމްޕަހެއް ނެތްނަމަވެސް މިހާރު 11 ރަށެއްގައި ކެމްޕަސްތައް ތަރައްޤީ ކުރުމަށް ނިންމާ އެ މަސައްކަތް އެކި މަރުހަލާތަކުގައި އަންނަނީ ކުރަމުންނެވެ.
މަތީ ތަޢުލީމު ޙާސިލުކުރުމަށް މާލޭ ސަރަޙައްދަށް ބަރޯސާވާންޖެހޭ ޖެހުން ނިމުމަކަށް ގެނައުމަށް ޢުމްރާނީ ގިނަ މަސައްކަތްތަކެއް އަތޮޅުތަކުގައި ވަނީ ފަށާފައެވެ.
ރައީސުލްޖުމްހޫރިއްޔާ އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅުގައި އެކި އަތޮޅުތަކުގައި ވަނީ އެމްއެންޔޫ އަދި އައިޔޫއެމްގެ ކެމްޕަސްތައް ތަރައްޤީކުރުމަށް ވަނީ ބިންގާ އަޅާފައެވެ. ކުރިއަށް އޮތް 2 އަހަރުގެ ތެރޭގައި މިފަދަ ގިނަ ތަންތަން ނިމި މަތީ ތަޢުލީމުގެ ފުރުޞަތު އަތޮޅުތަކުގައި ފުޅާކުރެވިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.
އައިޔޫއެމްގެ މަނަދޫ ކެމްޕަސްއާއި ދަނާލުގެ މަސައްކަތް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ