ގައުމީ އެތުލެޓިކްސް މުބާރާތުގެ އެންމެ މޮޅު އެތުލީޓުންގެ މަގާމު ޝާޔާ އާއި ނާއިކް އަށް

މިއަދު ނިމިގެންދިޔަ، 35 ވަނަ ގައުމީ އެތުލެޓިކްސް މުބާރާތުގެ އެންމެ މޮޅު އަންހެން އަދި ފިރިހެން އެތުލީޓުންގެ މަގާމު، ޓްރެކް އެންޑް ފީލްޑް އެެސޯސިއޭޝަންގެ ޔޫސުފް ނާއިކް ވަޖީހު އާއި އައިޝަތު ޝާޔާ ޝަފީއު އަށް ލިބިއްޖެ އެވެ.
ޝާޔާ ވަނީ މި އަހަރު ފުރަތަމަ ބޭއްވި އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ވެސް އެންމެ މޮޅު އަންހެން އެތުލީޓުގެ މަގާމު ހޯދައިފަ އެވެ. އޭނާ ވަނީ މި ފަހަރުގެ ގައުމީ މުބާރާތުގައި، ބޮޑު ކުރިއެރުމަކާ އެކު ރާއްޖޭގެ ގައުމީ ޝޮޓް ޕުޓް އުކުމުގެ ގައުމީ ރެކޯޑް މުގުރާލައިފަ އެވެ.
35 ވަނަ ގައުމީ އެތުލެޓިކްސް މުބާރާތުގައި 10.20 މީޓަރު ދުރަށް ޝޮޓް ޕުޓް އުކައިގެން، އައިޝަތު ޝާޔާ ޝަފީއު ރާއްޖޭގެ ގައުމީ ރެކޯޑް އާކޮށްފި މިއީ މިދިޔަ އަހަރު އޭނާ ހެދި 9.80 މީޓަރުގެ ރެކޯޑަށް ވުރެ 40 ސެންޓިމީޓަރުގެ ކުރިއެރުމެއް. ޝާޔާގެ އަމާޒަކީ ބައިނަލްއަގުވާމީ ފެންވަރުގައި ވާދަކޮށް، 11 މީޓަރަށް ވުރެ ދުރަށް އުކައިގެން އިތުރު ކާމިޔާބީތައް ހޯދުން
މީގެ ކުރިން، މިދިޔަ އަހަރުގެ ގައުމީ މުބާރާތުގައި ޝާޔާ އެ ރެކޯޑް އާ ކުރީ، 9.80 މީޓަރު ދުރަށް އެއްލައިގެންނެވެ. މިއަދު ކުރިއަށްދިޔަ ގައުމީ އެތުލެޓިކްސް މުބާރާތުގައި ޝާޔާ އެ ރެކޯޑް މުގުރާލީ، އިތުރު 40 ސެންޓިމީޓަރު ދުރަށް އެއްލައި، 10.20 މީޓަރަށް ކުރިއަށް ޖައްސާލައިގެންނެވެ.  ޝާޔާ ވަނީ ގައުމީ މުބާރާތުގެ ޑިސްކަސް އުކުމުން ވެސް ރަން މެޑަލް ހޯދައިފަ އެވެ. އެއި، 29.70 މީޓަރު ދުރަށް އެއްލައިގެންނެވެ. 
ޝޮޓްޕުޓްގައި ޝާޔާގެ ފަހަތުން ދެ ވަނަ އަށް ދިޔަ، ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ އައިޝާ އައިލީން އަހުމަދު ވަނީ 8.76 މީޓަރު ދުރަށް އެއްލައިފަ އެވެ. އަދި، ތިން ވަނަ އަށް ދިޔަ، އައިޝަތު އައިނީ މުހައްމަދު ވަނީ 8.03 މީޓަރު ދުރަށް އެއްލައިފަ އެވެ.  އަދި ޑިސްކަސް އިވެންޓުގައި، ދެ ވަނަ އަށް ދިޔަ އައިނީ ވަނީ 25.77 މީޓަރު ދުރަށް އެއްލައިފަ އެވެ. އަދި، ތިން ވަނަ ހޯދި އައިޝަތު ލީން ވަނީ 21.87 މީޓަރު ދުރަށް އެއްލައިފަ އެވެ. 
މިދިޔަ އަހަރުގެ އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ހައި ޖަމްޕް އިވެންޓްގައި ވާދަކޮށް އޭރު 16 އަހަރުގެ ނާއިކް، 16 އަހަރުވީ ރާއްޖޭގެ ފިރިހެން ހައި ޖަމްޕް ގައުމީ ރެކޯޑް މުގުރާލި އެވެ. ނާއިކް، އެ ފަަހަރު، އެ ރެކޯޑް މުގުރާލީ 1.88 މީޓަރު މަތިން ފުއްމައިގެންނެވެ. މި ފަހަރުގެ ގައުމީ މުބާރާތުގައި ނާއިކް ވަނީ އެ ރެކޯޑް އަލުން އާ ކޮށްފަ އެވެ. އެއީ، 1.91 މީޓަރު މައްޗަށް ފުއްމަައިގެންނެވެ. 
ހައި ޖަމްޕް އިވެންޓުން ދެ ވަނަ ހޯދި ލޫތު ބިން އަލީ ޝަރީފް ވަނީ 1.65 މީޓަރު މަތިން ފުއްމައިފަ އެވެ. އަދި، ތިން ވަނަ ހޯދި އީސާ ޖާހިޒު އަޖުހަދު ވަނީ 1.60 މީޓަރު މަތިން ފުއްމައިފަ އެވެ.
ޓްރިޕަލް ޖަމްޕު އިވެންޓްގައި ވާދަކޮށް ނާއިކް ދިޔައީ ދެ ވަނަ އެވެ. އެއީ، 12،25 މަތިން ފުއްމައިގެންނެވެ. އެއް ވަނަ އަށް ދިޔަ، މުހައްމަދު ޖައިލަމް ވަލީދު ވަނީ 12.68 މީޓަރުން. ފުއްމައިފަ އެެވެ. ތިން ވަނަ ހޯދި އީސާ ޝަފީއު ފުންމީ 12.10 މީޓަރުންނެވެ. ލޯންގް ޖަމްޕް އިވެންޓުން ނާއިކް ދިޔައީ ތިން ވަނަ އެވެ. 
މި ފަހަރުގެ ގައުމީ އެތުލެޓިކްސް މުބާރާތުގެ އެންމެ މޮޅު އަންހެން އަދި ފިރިހެން ކްލަބަކީ ވެސް ދިވެހި ސިފައިންގެ ކްލަބް އެވެ.  ފިރިހެން ބައިން ސިފައިން ވަނީ 253.5 ޕޮއިންޓް ސްކޯކޮށްފަ އެވެ. ދެ ވަނަ އަށް ދިޔަ ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނަށް ލިބުނީ 211 ޕޮއިންޓެވެ. އަންހެން ބައިން، ސިފައިންނަށް 230 ޕޮއިންޓް ލިބުނުއިރު، ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނަށް ލިބުނީ 209 ޕޮއިންޓެވެ.
ފަސް އަހަރަށް ފަހު ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނަށް މި ވަނީ ގައުމީ އަންހެން މުބާރާތުގެ މޮޅު އަންހެން ޓީމުގެ މަގާމު ގެއްލިފަ އެވެ. އަނެއްކޮޅުން، މިދިޔަ 21 ވަރަކަށް އަހަރު ތެރޭ، ގައުމީ އެތުލެޓިކްސް މުބާރާތުގެ އެންމެ މޮޅު ފިރިހެން ޓީމުގެ މަގާމު ދެ ފަހަރެއް ފިޔަވައި ހުރިހާ ފަހަރަކު ހޯދީ ސިފައިންނެވެ. 
މި ފަހަރުގެ ގައުމީ އެތުލެޓިކްސް މުބާާރާތުގައި، ޖުމްލަ އެކު، 153 އެތުލީޓުން ވާދަކުރެ އެވެ. އެއީ، އަންހެން 56 އެތުލީޓުންނާއި ފިރިހެން 97 އެތުލީޓުންނެވެ. އެއީ، ޖުމްލަ 19 ކްލަބަކަށް ނިސްބަތްވާ އެތުލީޓުންނެވެ. އެންމެ ގިނަ އެތުލީޓުން ނިސްބަތްވަނީ ދިވެހި ސިފައިންގެ ކްލަބް (36) އާއި ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަން (40) އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ