ލުބުނާނަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަކީ، މެދުއިރުމަތީގެ ހަނގުރާމަ ހުއްޓުމަކަށް ގެންނަން އެމެރިކާއާ އެކު ވެފައިވާ އެއްބަސްވުމާ ހިލާފު އަމަލެއް ކަމަށް ވާތީ، ހޮރްމޫޒް ކަނޑުއޮޅި ދަތުރުފަތުރަށް އަލުން ބަންދުކޮށްފި ކަމަށް އީރާނުން މިއަދު ދުވަހު ބުނެފި އެވެ.
ލުބުނާނުގެ ދެކުނުގައި ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމުގެ އާ އެއްބަސްވުމެއް އެމެރިކާއިން އިއުލާންކުރިތާ ގަޑިއިރުތަކެއް ފަހުން، އިޒްރޭލު ސިފައިންނާއި ހިޒްބުاللهގެ ހަނގުރާމަވެރިން ވަނީ ވަރުގަދަ ކުރިމަތިލުމަކަށް ގޮސްފަ އެވެ. އަދި ހަމަ އެއާ އެކު އިޒްރޭލުގެ ހަނގުރާމަމަތީ ބޯޓުތަކުން ލުބުނާނުގެ ދެކުނަށް ނުރައްކާތެރި ހަމަލާތަކެއް ވެސް ވަނީ ދީފަ އެވެ.
ލުބްނާނު ހިމެނޭ ގޮތަށް، މުޅި ސަރަހައްދުގައި ހަނގުރާމަ ހުއްޓާލުމަށް، މި ހަފުތާގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ސޮއިކުރެއްވި އެއްބަސްވުމަށް މި ހަމަލާތަކުގެ ސަބަބުން ވަނީ ވަނީ ވަރަށް ބޮޑަށް ބުރޫއަރައިފަ އެވެ. ލުބުނާނުގައި ހިނގާ ހަނގުރާމަ ހުއްޓާލުމަކީ އީރާނުން އެންމެ ބޮޑަށް ބާރުއަޅަމުންދިޔަ ކަންތަކެވެ.
އެމެރިކާއިން "އެއްބަސްވުމާ ހިލާފުވެއްްޖެ" ކަމަށާއި، އަދި "ލުބުނާނުގެ ދެކުނުގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޒަޔަނިސްޓު ސަރުކާރުން (އިޒްރޭލުން) ސިލްސިލާ ގޮތެއްގައި ހިލާފުވާ" ކަމަށް އީރާނުގެ މަރުކަޒީ އަސްކަރީ ކޮމާންޑުން ވަނީ ބުނެފަ އެވެ. އެހެންވެ ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ ބޯޓުފަހަރަށް އެ ސަރަހައްދު ބަންދުކުރާނެ ކަމަށް ބުންޏެވެ.
ތެލާއި ގޭސް ބޭރުކުރުމަށް ބޭނުންކުރާ އެންމެ މުހިންމު އެއް ކަނޑުގެ މަގު ކަމުގައިވާ މި ކަނޑުއޮޅި، ހަނގުރާމައިގެ މުއްދަތުގެ ތެރޭގައި އީރާނުން އޮތީ ބަންދުކޮށްފަ އެވެ. މިކަމުގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ބާޒާރުތަކަށް ވަރަށް ބޮޑު ލޮޅުމެއް އެރި އެވެ.
އެމެރިކާއާ އެކު ހެދި ވަގުތީ އެއްބަސްވުމުގެ ދަށުން މި ކަނޑުއޮޅި އަލުން ހުޅުވުމަށް އީރާނުން އެއްބަސްވި އެވެ. އަދި ފާއިތުވި ދުވަސްތަކުގައި އެ ސަރަހައްދުން ބޯޓުފަހަރު ދަތުރުކުރާ މިންވަރު ދިޔައީ އަލުން އިތުރުވަމުންނެވެ.
އެމެރިކާ އާއި އީރާނުގެ އެއްބަސްވުމާ ގުޅޭގޮތުން ކުރިއަށްދާ މަޝްވަރާތަކުގެ އިތުރު ބުރެއް ހުކުރު ދުވަހު ސްވިޓްޒަލޭންޑުގައި ބޭއްވުމަށް ރޭވިފައި އޮތް ނަމަވެސް، ހަނގުރާމައިގެ ތެރޭގައި އިޒްރޭލު ސިފައިންގެ ހަތަރު މީހަކު މަރާލުމާ ގުޅިގެން، އިޒްރޭލުން ލުބުނާނަށް ދޭން ފެށި ވަރުގަދަ އަދި ނުރައްކާތެރި ހަމަލާތަކާ ހުރެ އެ ބައްދަލުވުން ވަނީ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފަ އެވެ.
އެމެރިކާ އާއި ގަތަރު މެދުވެރިއަކަށް ވެގެން އިޒްރޭލާއި ހިޒްބުالله އާ ދެމެދު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ގާއިމުކުރެވިފައިވާ ކަމަށް އެމެރިކާގެ އޮފިޝަލަކު ހުކުރު ދުވަހުގެ ހަވީރު އިއުލާނުކުރެއްވި އެވެ. އަދި އެމެރިކާގައި ހުންނަ އިޒްރޭލުގެ ސަފީރު ވަނީ ހިޒްބުالله އިން އެއްބަސްވުމަށް އިހްތިރާމްކުރާ ނަމަ، އިޒްރޭލުން ވެސް އެއަށް އަމަލުކުރާނެ ކަމަށް ބުނެފަ އެވެ.
ނަމަވެސް، ރޭގެ ވަގުތެއްގައި، ހިޒްބުالله އިން "ލުބުނާނުގެ ދެކުނުގައި ތިބި އިޒްރޭލު ސިފައިންނަށް އަމާޒުކޮށް 50 އަށްވުރެ ގިނަ ރޮކެޓާއި މިސައިލް ފޮނުވާލި" ކަމަށް ތުހުމަތުކޮށް، އެ ޖަމާއާތާ ދެކޮޅަށް އަލުން ހަމަލާތައް ދެމުންދާ ކަމަށް އިޒްރޭލުގެ އަސްކަރީ އޮފިޝަލަކު ހޮނިހިރު ދުވަހު ބުންޏެވެ.
ހިޒްބުالله އިން ބުނި ގޮތުގައި "އިޒްރޭލުން ވަނީ ހަނގުރާމަ ހުއްޓާލުން ނިވާފަތްގަނޑެއްގެ ގޮތުގައި ބޭނުންކޮށް... ނަބަތިއްޔާ ސިޓީ ކައިރީގައިވާ އަލީ ތާހިރު ފަރުބަދަތަކާ ދިމާއަށް ވަދެގަންނަން" މަސައްކަތް ކޮށްފަ އެވެ. އަދި އެ ޖަމާއަތުގެ ހަނގުރާމަވެރިން އެކަށީގެންވާ ހަތިޔާރު ބޭނުންކޮށްގެން އިޒްރޭލު ސިފައިންނާ ކުރިމަތިލާފައިވާ ކަމަށްވެސް ހިޒްބުالله އިން ބުންޏެވެ.
ލުބުނާނުގެ ގާތްގަނޑަކަށް 20 ސަރަހައްދަކަށް އިޒްރޭލުން ވައިގެ ހަމަލާތައް ދީފައިވާ ކަމަށް އެ ގައުމުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓުކޮށްފައިވެ އެވެ. އަދި ލުބުނާނުގެ ސިވިލް ޑިފެންސް އެޖެންސީން ބުނި ގޮތުގައި ނަބަތިއްޔާ ސަރަހައްދަށް ދިން ހަމަލާތަކުގައި 16 މީހަކު ވަނީ މަރުވެފަ އެވެ.
އިޒްރޭލުން ލުބްނާނަށް ހަމަލާދޭތީ އީރާނުން އަނެއްކާވެސް ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ