ޔޫކްރެއިންގެ އަސްކަރީ ޔުނިޓަކަށް، ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ހަރަކާތްތެރިވި ޖަމާއަތެއްގެ ނަން ދިނުމާ ގުޅިގެން، ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީއަށް އަރުވާފައިވާ ޕޮލެންޑްގެ އެންމެ މަތީ ޝަރަފު ކަމަށްވާ "އޯޑާ އޮފް ދަ ވައިޓް އީގަލް" އަތުލައިފި އެވެ.
ޔޫކްރެއިންގެ އަސްކަރީ ޔުނިޓަކަށް "ޔޫކްރޭނިއަން އިންސާޖަންޓް އާމީ" (ޔޫ.ޕީ.އޭ) ގެ ނަން ދިނުމަށް މިދިޔަ މަހުގެ ފަހުކޮޅު ނިންމި ނިންމުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އެއީ ވަރަށް ބޮޑަށް މާޔޫސްވި ކަމެއްގެ ގޮތުގައި ޕޮލެންޑްގެ ރައީސް ކަރޯލް ނަވްރޮކީ ވަނީ ސިފަކުރައްވާފަ އެވެ.
ރައީސް ނަވްރޮކީ އިތުރަށް ވިދާޅުވީ، މި މައްސަލައިގައި ދެ ގައުމުގެ ދެމެދުގައި ހިޔާލު ތަފާތުވުންތަކެއް އުފެދުނު ނަމަވެސް، ރަޝިޔާއާ ދެކޮޅަށް ޔޫކްރެއިން ކުރަމުންދާ ހަނގުރާމައިގައި ޕޮލެންޑުން ދެމުންދާ އެއްބާރުލުމަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ.
ޕޮލެންޑްގެ މި ނިންމުމާ ގުޅިގެން ޔޫކްރެއިންގެ ފޮރިން މިނިސްޓަރު އެންޑްރީ ސިބީހާ ވަނީ އެއީ "ސްޓްރެޓީޖިކް ގޮތުން ހެދި ގޯހެއް" ކަމަށާއި، އެއީ އިހުތިރާމް ކުޑަކުރުން ކަމަށް ވިދާޅުވެ އެކަން ކުށްވެރިކުރައްވާފަ އެވެ.
ޔޫކްރެއިންގެ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި 1940 އާއި 1950 ގެ އަހަރުތަކުގައި ހަރަކާތްތެރިވި ޔޫ.ޕީ.އޭ އަކީ ސޯވިއެޓް ރެޑް އާމީ އާއި ނާޒީ ޖަރުމަނުގެ އިތުރުން ޕޮލެންޑްގެ ބާރުތަކާ ދެކޮޅަށް ޔޫކްރެއިންގެ މިނިވަންކަމަށްޓަކައި މަސައްކަތް ކުރި ބަތަލުންނެވެ. އެހެންކަމުން، "ހީރޯސް އޮފް ދަ ޔޫކްރޭނިއަން އިންސާޖަންޓް އާމީ" ގެ ނަން ދިނުމަކީ ޔޫކްރެއިންގެ ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު ޝަރަފެކެވެ.
ނަމަވެސް، 1943 އާއި 1945 އާ ދެމެދު ވޮލީނިއާ (މިހާރުގެ ޔޫކްރެއިންގެ ވޮލީން) ގައި ޕޮލެންޑްގެ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް ގަތުލުއާންމު ހިންގާފައިވަނީ ޔޫ.ޕީ.އޭ އިން ކަމަށް ޕޮލެންޑުން ތުހުމަތު ކުރެ އެވެ.
ޕޮލެންޑްގެ އެންމެ މަތީ ޝަރަފު ކަމަށްވާ "އޯޑާ އޮފް ދަ ވައިޓް އީގަލް" ރައީސް ޒެލެންސްކީއަށް އަރުވާފައިވަނީ 2023 ވަނަ އަހަރު، ޕޮލެންޑްގެ އޭރުގެ ރައީސް އެންޑްރޭ ޑޫޑާގެ ދައުރުގަ އެވެ. އެ ޝަރަފު އަތުލަން ޕޮލޭންޑުން ނިންމި ނިންމުމާ ގުޅޭ ގޮތުން ޒެލެންސްކީ ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ.
ޕޮލެންޑުން ޒެލެންސްކީއަށް ދީފައިވާ އެންމެ މަތީ ޝަރަފު އަތުލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ