މިއަހަރުގެ ޅެންވެރީންގެ ދުވަސް ޚާއްސަކޮށްފައިވަނީ ގދ ތިނަދޫ އަބްދުﷲ އަފީފް އަށް

މިއަހަރުގެ ޅެންވެރީންގެ ދުވަސް ޚާއްސަކޮށްފައިވަނީ ގދ ތިނަދޫ އަލިދޯދި، އަލްފާޟިލް އަބްދުﷲ އަފީފް (އަފީފްބެ) ކަމަށް ދިވެހި ބަހުގެ އެކަޑަމީން ބުނެފިއެވެ.
1989 ވަނަ އަހަރުން ފެށިގެން ސަރުކާރުން ގެންދަވަނީ ކޮންމެ އަހަރެއްގެ ޖަނަވަރީ މަހުގެ 15 ވަނަ ދުވަސް ޅެންވެރީންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުންނެވެ. މި ދުވަސް ޅެންވެރީންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަން ސަރުކާރުން ނިންމެވީ 15 ޖަނަވަރީ 1988 ވަނަ އަހަރު އަލްއުސްތާޛު އިބްރާހިމް ޝިހާބު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވި ދުވަސް ހަނދާނަށް ގެނައުމުގެ ގޮތުންނެވެ. އަލްއުސްތާޛު އިބްރާހީމް ޝިހާބަކީ ދިވެހި ޅެންވެރިކަމަށް ގިނަގުނަ ޚިދުމަތްތަކެއް ކުރެއްވި ޝާޢިރެކެވެ. އެއީ ދިވެހި ޅެންވެރިކަމުގެ ޝާޢިރުއްޝަބާބެވޗެ. އަދި ޘާޤިބުވެސް މެއެވެ.
މިއަހަރުގެ ޅެންވެރީންގެ ދުވަސް ތަޚްޞީޞްކުރަން ދިވެހިބަހުގެ އެކަޑަމީން ނިންމާފައިވަނީ ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޚާއްޞަކޮށް ޅެންވެރިކަމުގެ ރޮނގުން ހިތްވަރުދިނުމުގެ ޤައުމީ އިނާމާއި ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންފައިވާ ގދ، ތިނަދޫ، އަލިދޯދި، އަލްފާޟިލް އަބްދުﷲ އަފީފު (އަފީފްބެ) އަށެވެ. މިއަހަރުގެ ޅެންވެރީންގެ ދުވަހުގެ ޝިޢާރު އިޚްތިޔާރުކޮށްފައިވަނީވެސް އަފީފްބެގެ ގައުމީ ޖޯޝުން ފުރިފައިވާ ލަވަޔަކަށެވެ.
މިއަހަރުގެ ޅެންވެރީންގެ ދުވަހުގެ ޝިއާރު "ގައުމީ ގޮވުމަށް އިޖާބަދޭން ކެރިގެން ދާނަން ފުރާނަދޭން"، މި ޝިއާރުން ރަމްޒުކޮށްދެނީ ގައުމީ ދިރުމާއި ގައުމުގެ ގޮވުމަށް އިޖާބަދޭން ކެރިގެން ނިކުތުމަށް ކުރެވޭ އިލްތިމާސެކެވެ. އަދި ދީނުގައި ސާބިތުވުމާ އެކު ބަހާއި ސަގާފަތް ފެތުރުމަށްވެސް ގޮވައިލައްވައެވެ. މި ޝިއާރު ހިމެނޭ ޅެމަކީ ގައުމީ މުނާސަބަތުތަކުގައި ބޭނުންކޮށްލަން ޖޯޝީ ރާގެއްގައި ސަގާފީ ބޮޑުބެރުގެ އަސަރާއި މިއުޒިކާއެކު ތައްޔާރުކުރައްވައިފައިވާ ފަންނުވެރި ހުށަހެޅުމެކެވެ. އަދި މިއީ ގައުމީ ގޮތުން މުޖުތަމަޢު އަށް ވަރަށް ރަނގަޅު މެސެޖެއް ދެއްވައިފައިވާ ޅެމެކެވެ.
އަފީފްބެ އަކީ ދިވެހި ބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޅެންވެރިކަމުގެ ރޮނގުން ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންފައިވާ އަބްދުﷲ އަފީފު ޅެންވެރިކަމުގެ ދާއިރާއަށް ވެންނެވީ އުމުރުން އެންމެ 14 އަހަރުފުޅުގައެވެ. އެންމެ ފުރަތަމަ ޅެމެއް ހެއްދެވީ 1959 ވަނަ އަހަރުގައެވެ.
އަފީފްބެ އަކީ ހުރިހައި ދާއިރާއަަކަށް ކޮންމެ މައުޟޫއަކަށް ފަސޭހަފުޅުކަމާއެކު ޅެން ހައްދަވާ ބޭފުޅެއް ކަމަށް ދިވެހި ބަހުގެ އެކަޑަމީން ފާހަގަކޮށްފައިވެއެވެ. އެގޮތުން އެކިއެކި މުނާސަބަތުތަކާ ގުޅިގެން އެކި ފަރާތްތަކުގެ އެދިވަޑައިގަތުމުގެ މަތިން ވަރަށް ގިނަ ލަވަޔާއި ޅެން ހައްދަވައިދެއްވައިފައިވެއެވެ.
އަފީފްބެ އެންމެ ގިނައިން ލަވަ ހައްދަވައިފައިވަނީ ސްކޫލް މަދަރުސާތަކުގެ ދަރިވަރުންގެ މެދުގައި ޓީވީ މޯލްޑިވްސްއިން ބޭއްވެވި ލަވަ މުބާރާތްތަކަށެވެ. އެ މުބާރާތްތަކުގައި މާލޭ އިންގްލިޝް ސްކޫލުގެ ދަރިވަރުން ހުށަހެޅި ގިނަ ލަވަތައް ހައްދަވައިފައިވަނީވެސް އަފީފްބެއެވެ. މީގެ އިތުރުން އެހެން ބައެއް ސްކޫލްތަކުގެ ދަރިވަރުންނަށްވެސް އެ މުބާރާތްތަަކށް ލަވަ ހައްދަވައިދެއްވައިފައިވެއެވެ.
އަދި މާލެއާއި ރާއްޖޭގެ އެކި ރަށްރަށުގެ ސްކޫލްތަކުން އެދުނު ކޮންމެ ހިނދެއްގައި އެކި މުނާސަބަތަކާ ގުޅޭ ލަވަތައްވެސް އަފީފްބެ ހައްދަވައިދެއްވައިފައިވެއެވެ. އެގޮތުން 1962 ވަނަ އަހަރުން ފެށިގެން ގދ އަތޮޅުގައި ބާއްވާ ރަސްމީ އަދި ނުރަސްމީ ހަފްލާތަކަށް ޅެން ހައްދަވައިދެއްވައިފައިވެއެވެ. އަދި މިހާރުވެސް އެލި ފަރާތްތަކަށް ޅެން ހައްދަވައިދެއްވައެވެ.
ސަރުކާރުގެ އެއްވެސް މުއައްސަސާއަކުން ނުވަތަ އޮފީހަކުން ޅެންވެރިކަމާ ގުޅޭ ކަމަކަށް އެދިވަޑައިގެންފިނަމަ، އެކަން ވީހާވެސް ރަނގަޅަކަށް އަފީފްބެ ކޮށްދެއްވައެވެ. އެގޮތުން އެމްއީއެސްއިން ތައްޔާރުކުރި ލަވަރޯލް "އަލި" މި އަލްބަމްގެ ހުރިހައި ލަވައަކާއި، ގ. ރިހިވެލި މުހަންމަދު އާމިރު ތައްޔާރުކުރެއްވި "ހިތްފަހި" މި ލަވަރޯލުގެ އެންމެ ލަވައެއް ފިޔަވައި އެހެން ހުރިހައި ލަވައެއް ހައްދަވައިދެއްވައިފައިވަނީ އަފީފްބެއެެވެ.  އަދި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ "ނިދާ"، އަލްމަދަރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާގެ ސްކޫލް ލަވަ، މާލޭ އިންގްލިޝް ސްކޫލްގެ ސްކޫލް ލަވަ، އަދި މަދްރަސަތުލް ޣާޒީ މުޙައްމަދުގެ ސްކޫލް ލަވަ، މީގެ އިތުރުން ދިވެހިރާއްޖޭގެ ދިފާއީ ބާރުން ނެރުއްވި ގައުމީ ލަވަ އަލުބަމަށްވެސް އަފީފްބެ ވަނީ ލަވަހައްދަވައިދެއްވައިފައެވެ.
އަފީފްބެގެ ޅެންތަކުގެ ތެރެއިން ރާއްޖެއަށް މަޝްހޫރުވި ލަވަތަކުގެ ތެރޭގައި "ޒިކުރާ ޖަމީލް"، މާބުރާ ކޮކާލާ"، "ދެކެމި އަސަރީ މާދަމާ"، ބޮނޑިބަތްތޯއެ އުދަންވީ"، ފެން މީރުވި ރީތިރަށޭމީ ރޫޙު ވަނީ ތިނަދޫގައޭ" އަދި މިއަހަރުގެ ޅެންވެރިންގެ ޝިޢާރުގެ ގޮތުގައި ކަނޑައެޅިފައިވާ ޅެން "ގައުމީ ގޮވުމަށް އިޖާބަދޭން ކެރިގެން ދާނަން ފުރާނަ ދޭން" ފަދަ ރީތި ލަވަތައް ހިމެނެއެވެ.
އަބްދުﷲ އަފީފް (އަފީފްބެ) ވަނީ ޅެންވެރިކަމުގެ ދާއިރާއިން މީހުން ތަމްރީނުކުރެއްވުމަށް ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރައްވާފައެވެ. އަދި މިހާރުވެސް ގެންދަވަނީ އެމަސައްކަތް ކުރައްވަމުންނެވެ. އަފީފްބެ ހިންގަވާ އިލްމީ ވިދުވަރު ކްލާހުގައްޔާއި ގދ އަތޮޅު ތައުލީމީ މަރުކަޒުގައި ޅެން ހަދަން ދަސްކޮށްދޭ ކްލާސްތައް ހިންގެވިއެވެ. މުދައްރިސުންގެ ތައުލީމު ކުރިއަރުވާ މަރުކަޒުން 1992 ވަނަ އަހަރާއި، 1993 ވަނަ އަހަރު ހިންގި ޘާނަވީ ދިވެހި މުދައްރިސުން ތަމްރީނުކުރާ ކޯހުގެ ދަރިވަރުންނަށް ޅެން ހަދަން ދަސްކޮށްދޭ ކޯސް ހިންގަވައިދެއްވައިފައިވެއެވެ.
އަދި ގދ ތިނަދޫ ސްކޫލްގެ ދަރިވަރުންނަށް ޅެން ހަދަން ދަސްކޮށްދޭ ކޯސްތަކެއް 2013 އިން 2016 އާ ހަމައަށް ހިންގަވައިދެއްވައިފައިވެއެވެ. އަދި ދިވެހިބަހުގެ އެކަޑަމީން މާލޭގެ ސްކޫލްތަކުގެ ދަރިވަރުންނަށް ހިންގި ޅެންވެރިކަމުގެ ކޯހުގައި ބަނދި ހަދަން ދަސްކޮށްދޭ ކްލާސްތަކެއް ނަންގަވައިދެއްވައިފައިވެއެވެ. އަދި ދިވެހިބަހުގެ އެކަޑަމީގެ އެދިވަޑައިގަތުމަށް ރާއްޖޭގެ ރަށްރަށުގައި ޅެން ކޯސްތައް ހިންގަވައިދެއްވައެވެ. މީގެ އިތުރުން ތިނަދޫ އަބޫބަކުރު ސްކޫލުގައި ޅެން ހަދަން ދަސްކޮށްދޭ ކޯހެއް ހިންގަވައިދެއްވައިފައިވެއެވެ.
ޅެންވެރިކަމުގެ ރޮނގުން އަބްދުﷲ އަފީފަށް ލިބިވަޑައިގެންފައިވާ ކާމިޔާބުތަކުގެ ތެރޭގައި، ޓީވީ މޯލްޑިވްސް އިން ބޭއްވި ސްކޫލްކުދިންގެ ލަވަ މުބާރާތުގައި، ޅެންވެރިކަމުން 1993 ވަނަ އަހަރު 1 ވަނަ، 1995 ވަނަ އަހަރު 1 ވަނަ، 1996 ވަނަ އަހަރު 1 ވަނަ ލިބިވަޑައިގެންފައިވެއެވެ. އަދި އެ މުބާރާތުން 1989 ވަނަ އަހަރު ޤައުމީ ލަވަތަކުން 2 ވަނަ، އަދި 2 ވަނަ އަދި ގައުމީ ލަވަ ނޫން އެހެން ލަވަތަކުން 2 ވަނަ ހާސިލުކުރައްވާފައިވެއެވެ.
ދިވެހި ޅެންވެރިކަމުގެ ރޮނގުން އާންމު ޚިދުމަތަށް ހިތްވަރު ދިނުމުގެ އިނާމު 1993 ވަނަ އަހަރު އަބްދުﷲ އަފީފަށް ވަނީ ލިބިވަޑައިގެންފައެވެ. އަދި ދިވެހި ބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ގައުމީ އިނާމު 2017 ވަނަ އަހަރު އަބްދުﷲ އަފީފް (އަފީފްބެ) އަށް ލިބިވަޑައިގެންފައިވެއެވެ.
Your email address will not be published. Required fields are marked *
Comment *
Name
Email
Website
© 2023 Gaafu Media Group Pvt Ltd. All rights reserved.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ