ފޭދޫ ރައީސް ރައިސަމް ކަނޑިތީމު ދާއިރާގެ އެމްޑީޕީ ޓިކެޓަށް ވާދަކުރަނީ

ށ. ފޭދޫ ކައުންސިލްގެ ރައީސް އަހްމަދު ރައިސަމް، ކަނޑިތީމު ދާއިރާގެ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) މަޖިލީހުގެ ޓިކެޓަށް ޝައުގުވެރިކަން ފާޅުކުރައްވައިފިއެވެ.
ށ. އަތޮޅު ކައުންސިލްގެ ނައިބު ރައީސްގެ މަގާމުގައި ވެސް ހުންނެވި ރައިސަމް ވަނީ މީސްމީޑިއާ މެދުވެރިކޮށް އެކަން ޢިއުލާން ކުރައްވާފައެވެ.
ށ. އަތޮޅުގައި އެމްޑީޕީގެ ކަންކަމުގައި އެންމެ ހަރަކާތްތެރިކޮށް އުޅޭ މެންބަރުން ތެރޭ ހިމެނިވަޑައިގަންނަވާ ރައިސަމް އެމްޑީޕީގެ ކަނޑިތީމު ދާއިރާގެ މަޖިލީހު ޕްރައިމަރީގައި ވާދަކުރަން ނިންމަވައި ވިދާޅުވީ، ދުނިޔޭގެ އެންމެން އެއްވެގެން ދޭން އުޅުނަސް އެމީހަކަށް ލިބެންނެތް އެއްޗެއް ނުލިބޭނެ ކަމަށެވެ. އަދި ހަމަ އެފަދައިން އެންމެން އެއްވެގެން ހުރަސް އެޅިޔަސް އެމީހަކަށް ލިބެންހުރި އެއްޗެއް ފަސޭހަ ކަމާއިއެކު ލިބޭނެ ކަމަށެވެ.
ދުނިޔެއަކީ ސަބަބުތަކުގެ ގޮވަތި (ދާރުލް އަސްބާބު) ކަމަށްވީތީ ކަންކަން ހާސިލްކުރަން މަސައްކަތް ކުރުމަކީ އަޅުތަކުންގެ މައްޗަށް ލާޒިމު ކަމެއްކަމަށާއި، ތައުފީޤު ދެއްވާ ފަރާތަކީ ގަދަކީރިތިވަންތަ މާތް ٱللَّه ކަމަށް ރައިސަމްގެ މީސްމީޑިއާ ޕޯސްޓްގައި ވިދާޅުވެފަވެއެވެ.
‘’ކަނޑިތީމު ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރުމަށް އަޅުގަނޑު ފޯރމް ހުށައަޅައިފީމެވެ. ދާއިރާގެ ލޮބުވެތި ރައްޔިތުން އަޅުގަނޑަށް ތާއީދުކޮށް ދެއްވާ ޕްރައިމަރީގައި އަޅުގަނޑަށް ވޯޓު ދެއްވުން އެދެމެވެ.’’ ރައިސަމް ވިދާޅުވެފަވެއެވެ.
ރައިސަމް ކަނޑިތީމު ދާއިރާގެ އެމްޑީޕީ ޓިކެޓަށް ޝައުގުވެރިކަން ފާޅުކުރެއްވިއިރު، އެމްޑީޕީގެ ޓިކެޓަށް ޝައުގުވެރިކަން ފާޅުކުރަން ދިން ފުރުސަތުގަައި ކުރިމަތިލި އެ ޕާޓީގެ މެންބަރުންކުރެ 35 ބޭފުޅަކަށް ވަނީ މިހާރު ޓިކެޓް ކަށަވަރުވެފައެވެ.
އެއް ކެންޑިޑޭޓަަކަށްވުރެން ގިނަ ކެންޑިޑޭޓުން ކުރިމަތިލާފައިވާ ދާއިރާތައް ޤައުމީ މަޖުލީހުން ނިންމުމާއި އެއްގޮތަށް އެކަށައެޅިފައިވާ ވިލަރެސް ކޮމެޓީއިން ނިންމާގޮތެއް ފަހުގެ ތާރީހެއްގައި އިއުލާންކުރާނެ ކަމަށް ވެސް އެމްޑީޕީން ބުނެފަވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ