މަށިމާލި ޕެރޭޑަށް ނެރޭ މާއްޔަށް ޒިންމާ ވާނީ އެ ނެރޭ ފަރާތެއް: ކައުންސިލް

ކުޅުދުއްފުށީ އީދު މަށިމާލި ޕެރޭޑަށް ނެރޭ މާޔާ ޒިންމާވާނީ އެ ނެރޭ ފަރާތަކުންކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނެފި އެވެ.
ސިޓީ ކައުންސިލުން މިހެންބުނީ މުޅި ރާއްޖޭގެވެސް އެންމެ ގިނަ ބައެއްގެ ސަމާލުކަން ކޮންމެ އަހަރަކުވެސް ހޯދާ އަދި އެންމެ ގިނަބަޔަކު އިންތިޒާރުކުރާ ކުޅުދުއްފުށީގެ ފަހުރެއްގެ ގޮތުގައި ފާހަގަކުރެވޭ މަށިމާލި ޕެރޭޑު މި އަހަރުވެސް އޮންނާނެ ކަމާއި އެ ޕެރޭޑުގައި ބައިވެރިވާން ބޭނުން ފަރާތްތަކަން އެ ފުރުސަތު ހުޅުވާލުމަށް ކުރި އިއުލާނުގައެވެ.
ސިޓީ ކައުންސިލުން ބުނީ މިއަހަރުވެސް މާލި ޕެރޭޑް އޮންނާނީ އީދު ދެވަނަ ދުވަހު ކަމަށެވެ.
ކައުންސިލުން އިތުރަށް ބުނީ މާލި ޕެރޭޑުގައި ބައިވެރިވާ ފަރާތްތަކުން ބައެއް ކަންކަމަށް ސަމާލުކަން ދޭން ޖެހޭކަމަށެވެ.
އެގޮތުން ސަމާލުކަން ދޭންޖެހޭ ކަންކަމަކީ:
- ޕެރޭޑްގައި ބައިވެރިކުރެވޭނީ އިސްލާމްދީނަށް ފުށޫ ނާރާ މާލިތައް
- އެފަރާތެއްގެ މާއްޔަށް ޒިންމާވާނީ އެ ފަރާތަކުން.
- މާލިތައް ހުންނަންވާނީ އާންމު އިޖުތިމާއީ މިންގަނޑުތަކަށް ފެތޭ ގޮތަށް
- މީހުންގެ ފޮޓޯއާއި ނަން ބޭނުންކުރުމަކީ މަނާ ކަމެއް
ކުދި ބޮޑު އެންމެހާ މާލިތައް ބައިވެރިވުމަށް ސިޓީ ކައުންސިލުން ވަނީ އެދެފަ އެވެ.
ރަށުގެ ހުރިހާ އުމުރުފުރާއެއްގެ އެންމެންހެން ބައިވެރިވާ މި ޕެރޭޑަކީ ޒަމާނުއްސުރެން ކޮންމެ ބޮޑު އީދު ދުވަހަކާ ދިމާކޮށް މި ރަށުގައި ބާއްވާ ހަރަކާތެކެވެ. މަށިމާލިތަކާއެކު މުޅި ޕެރޭޑްގެ ސަމާލުކަން ލިބެނީ އޭގައި ބައިވެރިވާ އުފެއްދުންތެރި ފުޅަނދުތަކަށެވެ.
އޭގެ އިތުރުން އެ ޕެރޭޑަށް ހާއްސަ މާލިތައް ވެސް ހުރެ އެވެ. އެންމެ ކުރިންސުރެ ވެސް އެ މާލިތަކަށް ބަދަލެއް ނާދެ އެވެ. އަދި ތަފާތެއް ވެސް ނުވެ އެވެ.
އަބަދުވެސް އޮންނަ އެއް އާދަކާދައަކީ ކުޅުދުއްފުށީ ރައްޔިތުންގެ ޝުއޫރުތައް މި ޕެރޭޑުން ދައްކާލުމެވެ. އޭރެއްގެ އޮންނަ ހާލަތަކާއި، ރައްޔިތުންގެ ޝުއޫރުތައް އުފެއްދުންތެރި ގޮތެއްގައި ހުށަހަޅައިދިނު މެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ