އިސްލާމީ ދާއިރާއިން ބިލިއަން ރުފިޔާގެ މަޝްރޫއުތައް ހިނގަމުން އެބަދޭ: މިނިސްޓަރު

އިސްލާމިކް މިނިސްޓްރީއާ ގުޅުންހުރި، ބިލިއަން ރުފިޔާގެ މަޝްރޫއުތައް ހިންގަމުންދާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ. ސަރުކާރަށް ދެ އަހަރު ފުރުމާ ގުޅިގެން ދައުލަތުގެ މީޑިއާ، ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ، މިދިޔަ ދެ އަހަރުގެ ތެރޭގައި ވަރަށް ގިނަ މަޝްރޫއުތަކުގައި ސޮއިކޮށް، ބައެއް މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފަށައިފައިވާ ކަމަށެވެ. ޝަހީމް ވިދާޅުވި ގޮތުގައި، އެ މިނިސްޓްރީގެ ތެރޭގައި ވަރަށް ގިނަ މަޝްރޫއުތައް އެބަ ހިނގައެވެ. އޭގެ ތެރޭގައި މިސްކިތްތަކާއި ވަގުފް މަރުކަޒުތަކާއި ގުރުއާނުގެ މަރުކަޒުތަކުގެ މަސައްކަތްތައް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ. ގާތްގަނޑަކަށް އަޅުގަނޑުގެ މައުލޫމާތު ކުށްކަމުގައި ނުވާނަމަ، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ތެރޭގައި އެކަނި ވެސް މިހާރު ބިލިއަން ރުފިޔާގެ މަޝްރޫއުތައް ހިނގަމުން އެބަދޭއިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު މިސްކިތެއް: މިނިސްޓަރު ވިދާޅުވީ، އެ މިނިސްޓްރީގެ ތެރެއިން ބިލިއަން ރުފިޔާގެ މަޝްރޫއުތައް ހިނގަމުން އަންނަ ކަަމަށް --- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ އިތުރަށް ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ގުރުއާނާ ބެހޭ ގޮފިތައް ރާއްޖޭގެ ހުރިހާ ރަށެއްގައި ގާއިމުކުރުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އަމާޒެއް ކަމަށެވެ. އެހެންވެ، މިސްކިތްތަކާއި އިސްލާމީ މަރުކަޒުތައް ބިނާކުރަމުން ދަނީ، ގުރުއާން ކުލާސްތަކަށް ވެސް ބޭނުން ކުރެވޭ ގޮތަށް ކަމަށް ޝަހީމް ވިދާޅުވިއެވެ. މިނިސްޓަރު ވަނީ، އެ މިނިސްޓްރީން ފަށާފައިވާ ބައެއް މަޝްރޫއުތަކުގެ ތަފާސްހިސާބުތައް ހިއްސާކުރައްވާފައެވެ. އެގޮތުން، މިނިސްޓަރު ވިދާޅުވީ، މިދިޔަ ދެ އަހަރުގެ ތެރޭގައި ނުވަ އިސްލާމީ މަރުކަޒެއްގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި، ހަތަރެއް ނުވަތަ ފަސް ގުރުއާން މަރުކަޒެއްގެ އަމަލީ މަސައްކަތް މިދިޔަ އަހަރު ފަށާފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. ސަރުކާރުގެ މަޝްރޫއުތަކުގެ ގޮތުގައި 44 މިސްކިތެއްގެ މަސައްކަތް ކުރިއަށްދާކަން ވެސް ޝަހީމް ވަނީ ހާމަކުރައްވާފައެވެ. މިނިސްޓަރު ވިދާޅުވީ، މި ތިން އަހަރުގެ ތެރޭގައި މާލެ ސަރަހައްދުގައި ހުރި ބާ މިސްކިތްތައް އާކޮށް، ޒަމާނީ ކުރުމަކީ އަމާޒެއް ކަމަށެވެ. މިނިސްޓަރު އެފަދައިން ވިދާޅުވިއިރު، އެ މިނިސްޓްރީން އަންނަނީ ގިނަ މަޝްރޫއުތަކެއް ހަވާލުކޮށް، އެ މަޝްރޫއުތަކުގެ މައުލޫމާތުތައް ހާމަކުރަމުންނެވެ. އެގޮތުން، ވަރަށް ފަހުން އެ މިނިސްޓްރީން ވަނީ، މާލެއާއި ހުޅުމާލޭގައި ވަގުފް އިމާރާތް އެޅުމަށް އާރްސީސީއާ ހަވާލުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ